ޓޮޓެންހަމް ކޯޗުކަމުން ޓޫޑޯ ވަކިކޮށްފި، މަގާމުގަައި ވީ 44 ދުވަސް ޓޮޓެންހަމް ކޯޗުކަމުން ޓޫޑޯ ވަކިކޮށްފި، މަގާމުގަައި ވީ 44 ދުވަސް

ލަންޑަން (މާޗް 30) - ރެލިގޭޝަނުގެ ބިރު ހީވެފައިވާ ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުގެ މަގާމުގައި ހުރި ކްރޮއޭޝިއާގެ އީގޯ ޓޫޑޯ، 44 ދުވަހަށް ފަހު އެ މަގާމުން ވަކިކޮށްފި އެވެ.
ޖުމްލަ އެކު، ޓޮޓެންހަމް އަށް ހަތް މެޗުގައި ކޯޗުކޮށްދިން ޓޫޑޯގެ އިރުޝާދުގެ ދަށުން އެ ޓީމު މެޗަކުން މޮޅެއްނުވެ އެވެ. އެ ޓީމަށް ބަލިނުވެ ނިންމާލެވުނީ އެންމެ މެޗެކެވެ. އެއީ، އިނގިރޭސި ޕްރިމިއާ ލީގުގައި ފަހު ވަގުތު ލަނޑު ޖަހައިގެން ލިވަޕޫލް ދަނޑުގައި 1-1 އިން އެއްވަރުވި މެޗެވެ.
މެންޗެސްޓާ ޔުނައިޓެޑް އަތުން 1-0 އިން މޮޅުވެ، ޔޫރޮޕާ ލީގު ޓޮޓެންހަމް އަށް ހޯދައިދީ، 17 އަހަރު ވަންދެން އެ ޓީމުން ތަށްޓަކަށް ކުރި އިންތިޒާރަށް ނިމުން ގެނެސްދިން ކޯޗު، އޮސްޓްރޭލިއާގެ އަންޖް ޕޮސްޓެކޮގްލޫ، އެ ކާމިޔާބީ ހޯދިތާ 16 ދުވަސް ފަހުން ޓޮޓެންހަމް އިިން ވަކިކުރީ މިދިޔަ ޖޫން މަހު އެވެ. އަދި، ބްރެންޓްފޯޑްގެ ކުރީގެ ކޯޗު ތޯމަސް ފްރޭންކް، އެ ޓީމުގެ ކޯޗަކަށް ގެނައީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޮތް ކޮންޓްރެކްޓެއްގަ އެވެ. އެކަމަކު، މިދިޔަ ފެބްރުއަރީ މަހު، އެ މަގާމުން ފްރޭންކް ވަކިކުރި އެވެ.
ފްރޭންކް ވަކިކުރިއިރު، އެ ޓީމަށް ގެނައި ޓޫޑޯ އަށް އެންމެ ފަހުން ހަވާލުވެހުރި ޔުވެންޓަސްގެ ކޯޗުކަމުގެ ވަޒީފާ ގެއްލުނީ މިދިޔަ އޮކްޓޫބަރު މަހުގަ އެވެ. އަދި، ޓޫޑޯ ވަކިކުރަން ޔުވެންޓަސް އިން ނިންމީ ޖެހިޖެހިގެން އަށް މެޗުން މޮޅުނުވެ ނިންމާލަން ޖެހުމުންނެވެ. އޭނާ ހަވާލުވި ޓޮޓެންހަމް އިން 2026 ވަނަ އަހަރު ލީގުގެ މެޗެއްގައި މޮޅެއް ނުހޯދަ އެވެ. އަދި، އޭނާ ވަކިކުރިއިރު ވެސް އެ ކަމަށް ބަދަލެއް ނާދެ އެވެ.
ޓޮޓެންހަމް އިން އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ ޓީމުން އެންމެ ބޭނުންވާ ކޯޗު ރޮބާޓޯ ޑި ޒާބީގެ ވިސްނުމަކީ، ޓޮޓެންހަމް ރެލިގޭޝަނުން ސަލާމަތްވެއްޖެނަމަ އަންނަ ސީޒަަނުގައި އެ ޓީމާ ހަވާލުވުމެވެ. އެހެންވެ، ޓޮޓެންހަމް އިން މި ސީޒަނުގެ ބާކީ މެޗުތަކަށް ކޯޗެއް ހޯދަން މަސައްކަތް ކުރަމުން އަންނައިރު، އެވަޓަން އާއި ބާންލީ އަށް ކުރިން ކޯޗުކޮށްދިން އަދި މި ސީޒަނުގައި ނޮޓިންހަމް ފޮރެސްޓަށް އިރުޝާދުދިން ޝޯން ޑައިޝް ގެނައުމުގެ ފުރުސަތު އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ