އޮޅުހިޔާއަށް ބައެއް ބުޅާތައް ގެންގޮސް ބަލަަހައްޓަން ފަށައިފި

މާލޭ މަގުމަތީގައި އުޅޭ ބުޅާތަކުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ގާއިމުކޮށްފައިވާ ޕެޓް ކެއާ ފެސިލިޓީ "އޮޅު ހިޔާ"އަށް ބައެއް ބުޅާތައް ގެންގޮސް ބަލަހައްޓަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - އޮޅު ހިޔާގެ ނަމުގައި އެ ފެސިލިޓީ ރައީސް މުހައްމަދު މުއިއްޒު ހުޅުއްވައި ދެއްވާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެ ފިސިލިޓީ ހިންގަން އޭރު ހަވާލުކޮށްފައި އޮތް މާލޭ ސިޓީ ކައުންސިލްގެ އިންތިޒާމުތައް ހުރި ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް، އެތަނަށް ބުޅާތައް ގެންދިއުން މަޑުޖައްސާލަން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން އެ ކައުންސިލަށް ވަނީ އަންގައިފަ އެވެ. އަދި އެތަން އެ މިނިސްޓްރީއާ ހަވާލު ކުރުމަށް ވެސް އޭރު އަންގާފައިވެ އެވެ. 
ބުނީ ކީކޭ؟ - އެ މިނިސްޓްރީން މިއަދު ބުނިގޮތުގައި:
އޮޅުހިޔާ ފެސިލިޓީއާ އެ މިނިސްޓްރީން ހަވާލުވެ، އެންމެ 16 ގަޑި އިރުތެރޭ އާ ކަރަންޓީން ސަރަހައްދަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްފައިވޭ
މިހާތަނަށް 15 ބުޅާ އެތަނަށް ގެންގޮސްފައިވޭ
މިނިސްޓްރީން ބުނިގޮތުގައި އެކަން ހާސިލުކުރެވުނީ އެކަމަށް ހާއްސަކޮށްފައިވާ ޓާސްކް ފޯސްއިން ހުއްޓުމެއްނެތި ކުރި މަސައްކަތުންނެވެ. އަދި އެ މަސައްކަތަށް ބުޅަލުގެ ހައްގުތަކުގައި މަސައްކަތްކުރާ ޖަމިއްޔާތަކުން ވެސް ބޮޑެތި އެއްބާރުލުންތަކެއް ދިން ކަމަށާއި އެކަން ކާމިޔާބުވީ އެ ޖަމިއްޔާތަކުގެ ވެސް ބުރަ މަސައްކަތުން ކަމަށް މިނިސްޓްރީން ބުންޏެވެ.
އެނގުން މުހިންމު - މި ސަރުކާރުގެ ހަފްތާ 14ގެ ވައުދުތަކުގައި ތެރޭގައި ހިމެނޭ ބުޅާ ފެސިލިޓީއަކީ މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ފެސިލިޓީއެކެވެ. މި މަޝްރޫއުގެ މަގްސަދުތަކުގެ ތެރޭގައި ރާއްޖޭގައި ޕެޓްކެއާގެ ހަރުދަނާ ގަވާއިދުތަކަކާއި އުސޫލުތަކެއް ތަންފީޒުކުރުން ހިމެނެ އެވެ.
މި ފެސިލިޓީގައި ބުޅާތަކަށް އެކަށީގެންވާ ޒަމާނީ ފެންވަރުގެ ޝެލްޓާތަކެއްގެ އިތުރުން އެތަނުގެ ތެރެއިން އެތަކެއްޗަށް ފަރުވާކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ