ފަރެސްމާތޮޑާ އިން ފުވައްމުލަކަށް ވެލި ގެންދަނީ ހުއްދަ ނެތި

ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުއަށް ގ.ދ ފަރެސްމާތޮޑާގެ ފަޅުތެރެއިން ވެލިނަގައިގެން ގެންދާ މައްސަލައެއް ފެންމަތިވެ އެކަން ހުއްޓާލުމަށް އެ ރަށު ކައުންސިލުން ގޮވާލައިފިއެވެ.
އެ ރަށު ކައުންސިލުން މިކަމަށް ގޮވާލައި ނެރުނު ނޫސްބަޔާނުގައި ބުނީ، އީޕީއޭގެ ހުއްދަ ނެތި ފަރެސްމާތޮޑާ ފަޅުން ވެލި ނަގައިގެން ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރަން ގެންދިއުމަށް އީޕީއޭ ހުއްދަ ލިބިފައިވާ ނުވާކަން ކަމަށެވެ. އަދި ފަރެސްމާތޮޑާ ގުޅިފައިވާ ސަރަހައްދުން 45،000 ކޮޑި މީޓަރުގެ ވެލި ނަގައިގެން ފުވައްމުލަކަށް ގެންދާ ގެންދިއުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި ކައުންސިލުން ވަނީ ސިފަކޮށްފައެވެ.
ކައުންސިލް ބަޔާނުގައި ފަރެސްމާތޮޑާގައި ހިންގާ 2 މަޝްރޫޢުއަކަށް ވެލި ބޭނުންވެފައިވާ ކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އެ ރަށު ފުޓުބޯޅަ ދަނޑު ހެދުމަށް ބޭނުންވާ ވެލި، ފަރެސްމާތޮޑާ އެއާޕޯޓް ޕްރޮޖެކްޓުގެ ތެރެއިން ހޯދުމަށް، އެމްޓީސީސީ އާއި ޔޫތު މިނިސްޓްރީއާއި އެކު މަޝްވަރާ ކުރެވި، ވެލި ނުލިބުމުން ހުއްޓިފައިވާ ކަން ވަނީ ފާހަގަކޮށްފައެވެ.
އަދި މީގެ އިތުރުން އެރަށުގެ ދެކުނު ފަރާތް ހިއްކުމަށް ބޭނުްވާ ފަސް ނެގުމަށް ރަށުގެ އެތެރެވަރީގައި ހިމެނޭ ދެ ތިލައަކުން ފަސް ނަގަން ނިންމައި އެކަމަށް ސާވޭވެސް ކުރެވެމުންދާ ކަމަށް ކައުންސިލުން ހާމަކުރެއެވެ.
ފުވައްމުލަކު ގޮނޑުދޮށް ޚިމާޔަތްކުރުމަށް ކުރިއަށްގެންދާ މަޝްރޫޢު ހަވާލުކޮށްފައިވަނީ އެމްޓީ ހޯގާޑް ކުންފުންޏާއިއެވެ. އެގޮތުން މިމަޝްރޫޢުގެ ދަށުން ބަނދަރުގެ އުތުރު ފަރާތުން ފެށިގެން ރަށުގެ އިރުމަތީ ފަރާތުގައި 2650 މީޓަރުގެ ބޮޑުހިލަ ތޮއްޓެއް ޤާއިމުކުރެވިގެންދާނެއެވެ. މިކަމުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީން އެކުންފުންޏާއެކު ސޮއިކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ