ކަރަންޓް ބިލު އަބަދުވެސް ތައްޔާރު ކުރަނީ ރީޑީން ނަގައިގެން: ސްޓެލްކޯ

މީޓަރު ރީޑިން ނެގުމަކާ ނުލައި ކަރަންޓް ބިލުތައް ބޮޑުކޮށްފައިނުވާނެ ކަމަށާއި ބިލު އަބަދުވެސް ތައްޔާރު ކުރަނީ މީޓަރުގެ ރީޑިންގެ މައްޗަށް ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މީޓަރުގެ ރީޑިން ނުނަގައި ސްޓެލްކޯއިން ބިލްކޮށްފައި ވާކަމަށް ތުހުމަތުކޮށް ނޫހެއްގައި ލިޔެފައިވާ ހަބަރާކާއި ގުޅިގެން ސްޓެލްކޯއިން ބުނީ އެހަބަރަކީ އެއްވެސް އަސާސެއް ނެތް، ހަގީގަތާ ހިލާފު، ދޮގު މައުލޫމާތު ހިމަނައިގެން ކުންފުންޏާމެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދާ، ސިޔާސީ މަންފާއެއް ހޯދުމަށް ލިޔެފައިވާ ހަބަރެއް ކަމަށެވެ.
‎ސްޓެލްކޯއިން ބުނީ އެ ކުންފުނިން ކަރަންޓު ބިލު އަބަދުވެސް ތައްޔާރުކުރަނީ މީޓަރުގެ ރީޑިންގެ މައްޗަށް ކަމަށާއި މީޓަރުގެ ރީޑިން ހުންނާނީ ކަސްޓަމަރުން ކަރަންޓު ބޭނުން ކުރާ މިންވަރައް ކަމަށެވެ. އަދި ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަރަންޓު ބިލުގެ ޖުމުލަ އަދަދު ކަސްޓަމަރުންނަށް ހިސާބު ކުރެވޭނެ ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.
މީގެ އިތުރުން، އެ އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ކަރަންޓު ބޭނުންކުރައްވާ މިންވަރު (ރީޑިން) ފެންނަން ހުންނާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ބުނީ، ކޮވިޑް-19 ގެ ހާއްސަ ހާލަތުގައި މީޓަރުގެ ރީޑިން ނެގުމަށް އަމަލުކުރަމުން އައި ގޮތް 2020 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އާންމު އުސޫލަށް އިޔާދަކޮށްފައިވާ ކަމަށެވެ. އެހެންކަމުން، ކޮވިޑް-19ގެ ހާއްސަ ހާލަތުގައި ކަރަންޓު ރީޑިން ނެގުމަށް އަމަލުކުރި އުސޫލަށް މިހާރުވެސް ރީޑިން ނަގާކަމަށް އެ ހަބަރުގައި ބަޔާންކޮށްފައި އޮތް އޮތުމަކީ ކަމުގެ ހަގީގަތަށް ވާސިލްވުމަށް އެއްވެސް މަސައްކަތެއް ނުކޮށް ރައްޔިތުންނަށް އޮޅުވާލުމަށް ގަސްދުގައި ކޮށްފައިވާ ކަމެއްކަމަށް ސްޓެލްކޯއިން ބުނެއެވެ.
އަދި ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތަކާއި ގުޅުވާ ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރައި، ނުތަނަވަސްކަން އުފެއްދުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ސްޓެލްކޯއިން ބުނެއެވެ. ސްޓެލްކޯއިން ވަނީ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމުގެ އަސާސްތައް ދެމެހެއްޓުމަށް އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ