ތާއީދު ހޯއްދެވުމަށް ގާސިމް، ޑރ. ވަހީދުގެ އަރިހަށް

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ ބައްދަލުކުރައްވައިފިއެވެ.
އެ ބައްދަލުވުން ކުރިއަށް ގެންދަވާފައިވަނީ ޑރ. ވަހީދުގެ ގެކޮޅު، މއ. ޔުރޭކާގައެވެ. އެ ބައްދަލުކުރެއްވުމުގައި ގާސިމާއެކު އެމަނިކުފާނުގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމް އަދި ގާސިމްގެ އެޑްވައިޒަރު، ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ގާސިމް ވިދާޅުވީ ރައީސް ވަހީދާ ބައްދަލުކުރެއްވީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނާއެކު މަސައްކަތް ކުރެއްވުމަށް ދައުވަތުދެއްވުމަށް ކަމަށެވެ.
"ގައުމުގެ ހާލަތާއި ގައުމާމެދު ކަންތައްތައް ވަމުންދާ ގޮތްތަކާއި ރައީސް ވަހީދުގެ ފައިންޕުޅު ދެކިލަން ކާޓަސީއެއްގެ ގޮތުގައި ޖައްސާލީ. (އެކުގައި މަސައްކަތް ކުރަން) އަޅުގަނޑު އޮފާކޮށް ދަންނަވާފައި މިދަނީ. ދެން އެބޭފުޅާ ޑިސައިޑް ކުރައްވާނެތާދޯ. އަޅުގަނޑުމެންގެ ވިލިންގްނެސް އެބޭފުޅާގެ އަރިހުގައި އޮތްކަމާއި ގައުމަށްޓަކައި އަޅުގަނޑުމެންނާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމަށް ދަންނަވާފައި މިދަނީ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށް ރައީސް ވަހީދުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށެވެ. އަދި މިގައުމުގެ ސަލާމަތާއި އަމާންކަމަށްޓަކައި ކުރައްވާ ދަތުރުގައި އެމަނިކުފާނުގެ "ބްލެސިން" އާއި ރުހުމާއި ލޯބި ދެއްވުމަށް ގާސިމް ވަނީ އެދިވަޑައިގެންފައެވެ.
ގާސިމް، ރައީސް ވަހީދާ ބައްދަލުކުރެއްވި އިރު، ގާސިމްގެ ރަނިންމޭޓަކަށް ޑރ. ވަހީދު ހަމަޖައްސަވަން އުޅުއްވާ ކަމުގެ އަޑުތައް މި ހަފުތާގެ ތެރޭގައި ފެތުރުނެވެ. ނަމަވެސް ޑރ. ވަހީދު ވަނީ ފަހުން އެ ވާހަކަ ދޮގުކުރައްވައިފައެވެ.
ގާސިމް އިބްރާހިމް މިއަދު ވަނީ އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާ ހަވާލުކުރައްވައިފައެވެ. ގާސިމް، އީސީގެ ރިޔާސީ އިންތިހާބާ ބެހޭ މައި މަރުކަޒު، ދަރުބާރުގެއަށް ވަޑައިގެންނެވީ، ޖޭޕީގެ މައި މަރުކަޒު ހުންނަ މ. ކުނޫޒުން ހިންގަވައިފައެވެ. ގާސިމާ އެކު އެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމްގެ އިތުރުން އޭނާގެ އިންތިހާބީ އޭޖެންޓް އަދި ސްޕެޝަލް އެޑްވައިޒަރު، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އިތުރުން ޖޭޕީގެ ލީޑާޝިޕްގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ