މަހިބަދޫގެ ފުރަތަމަ ހާފިޒު، އުމުރުން 12 އަހަރުގެ ޒަލަފް؛ މުޅި މަހިބަދޫވެސް ފަޚުރުވެރިވާ ދަރިއެއް!

ދަރިންގެ ހުވަފެންތަކަކީ ތިމާގެ އަމިއްލަ ހުވަފެންތައް ކަމުގައި ދެކި، އެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި، ޖާނާއި މާލުން ޤުރުބާންވާ އެތައް މައިންނާއި ބަފައިންނެއް އުޅެއެވެ. އެހެން ނަމަވެސް، ތިމާގެ މައިންބަފައިންގެ  އެންމެ ބޮޑު ހުވަފެނަކީ ތިމާގެ އަމިއްލަ ހުވަފެން ކަމުގައި ދެކި، އެ ހުވަފެނުގައި ކުލަޖެއްސުމަށް ގަދައަޅައި މަސައްކަތް ކުރުމަކީ ކޮންމެ ކޮންމެ ދަރިއަކު ކުރާނޭ ކަމެއް ނޫނެވެ. އެފަދަ ދަރިންނަކީ މައިންބަފައިންނަށް ވެސް ހުރި ބޮޑު ރަޙުމަތެކެވެ. ނިޢުމަތެކެވެ. އެ މައިންބަފައިންގެ ލޮލުގެ ފިނިކަމެވެ. 
އދ. މަހިބަދޫއަށް އުފަން، އެރަށުގެ އެންމެ ފުރަތަމަ ހާފިޒް، އުމުރުން 12 އަހަރުގެ، އަލް- ހާފިޒް ޒަލަފް ބިން ނާފިޢުއަކީ އެފަދަ ދަރިއެކެވެ. 
ޒަލަފް، މަންމައާއި ބައްޕަ އަދި ކޮއްކޮ އާއިއެކު: ފޮޓޯ/ޒަލަފްގެ އާއިލާ
ޒަލަފަކީ ޤުރުޢާން ހިތުދަސް ކުއްޖަކަށް ވުމަށް އޭނާގެ މަންމަ އާއި ބައްޕަ ދެކެމުންއައި ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށް އޭނާގެ މައިންބަފައިންނާއި އޭނާ ކުރި ބުރަ މަސައްކަތް އޭނާގެ މަންމަ ހުޝާމާ މުޙައްމަދު ”ވޮއިސް“ އަށް ވަނީ ކިޔައިދީފައެވެ.
ޒަަލަފް ދުނިޔެއަށް އުފަންވުމުގެ މާކުރިންވެސް އޭނާގެ މަންމަ، ހުޝާމާ މުޙައްމަދު އާއި ބައްޕަ އިބްރާޙީމް ނާފިޢު ދެކޭ ހުވަފެނެއް އޮވެއެވެ. އެއީ އެ މަންމަ އާއި ބައްޕަގެ ކުދިންނަކީ ދީނަށް ލޯބިކުރާ ޤުރުޢާން ހިތުދަސް ހާފިޒުންނަށްވުމުގެ  ހުވަފެނެވެ.
”ދަރިއެއް ލިބުމުގެ ކުރިންވެސް ވަރަށް ބޭނުންވި، ލިބޭ ކުދިންނަކީ ޤުރުޢާން ހިތުދަސް ކުދިންނަށް ވުމަށް. ޒަލަފް ލިބި، ޒަލަފްގެ އުމުރުން ގާތްގަނޑަކަށް 3 އަހަރުގައި ފާހަގަކުރެވެންފެށި ޤުރުއާނަށް ވަރަށް ލޯބި ކުރާ، ވަރަށްފަސޭހައިން ދަސްކުރާ ކުއްޖެއް ކަން. މާޝާ الله ވަރަށް ކުޑައިރު ބަލައިގެން ޤުރުޢާން ކިޔަވަންވެސް ދަސްކުރި. އެހެންވެ ވަރަށް ކުޑައިރުން ފެށިގެން ޒަލަފް ދަސްކުރަމުން އައީ ޤުރުއާން ބަލައިގެން ކިޔަވައިގެންނާއި އަޑު އަހައިގެން. ގުރުއާން ސްޕީކަރ ހިފައިގެން އުޅޭނީ.“ ޒަލަފް ގެ މަންމަ ހުޝާމާ މުޙައްމަދު ވޮއިސް އަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވެއެވެ. 
ޒަލަފް އެންމެ ކުޑައިރުން ފެށިގެންވެސް ޤުރުޢާނަށް ލޯބި ޖެއްސުމުގެ މަސައްކަތް އޭނާގެ މަންމަ ވަނީ ފަށައިފައެވެ. އެގޮތުން، ދަރިފުޅަށް ކިޔައިދެމުން އައީ ކީރިތި ގުރުޢާނުގައި އައިސްފައިވާ އެކިއެކި ވާހަކަތަކެވެ. ރަސޫލާ ޞޢވ ޙަޔާތްޕުޅުގައި ހިނގާފައިވާ އެކިއެކި ހާދިޘާތަކާއި ގުޅޭ ވާހަކަ ތަކާއި، އެކަލޭގެފާނުގެ ޞަޙާބީންގެ ޙަޔާތްޕުޅާއި ގުޅޭ ވާހަކަތަކެވެ. އެ ވާހަކަތައް ހިމެނޭ ފޮތްތައް ޒަލަފްއަށް ހޯދައިދީ، އެ ވާހަކަތައް ކިޔުމުގެ ޝައުގުވެރިކަން އޭނާގެ ހިތުގައި އަށަގެންނެވިއެވެ. 
ޒަލަފް ޤުރުޢާން ކިޔަވަނީ: ފޮަޓޯ/ މަހިބަދޫ ކައުންސިލް
ނަތީޖާއެއްގެ ގޮތުން، ޓެބްލެޓުން އެކިއެކި ގޭމު ކުޅުމާއި ޓީވީ ބެލުމުގައި ވަގުތުތައް ހޭދަކުރުމުގެ ބަދަލުގައި، ޒަލަފުގެ ވަގުތުތައް އޭނާ ހޭދަކުރީ ޤުރުއާން ކިޔެވުމާއި، މަންމަ އާއި ބައްޕަ ހޯދައިދިން ފޮތްތައް ކިޔުމުގައެވެ. 
ޒަލަފް އެންމެ ކުޑައިރުންފެށިގެންވެސް، އެންމެ އިސްކަމެއް ދިނީ ފޮތަށް ލޯބި ޖެއްސުމަށް. އެއީ ވަރަށް ގަދަ ޢަޒުމުގައި ކުރި މަސައްކަތެއް. އަލްޙަމްދުލިالله. ޒަލަފް ބޮޑުވަމުން އައީ އެގޮތަށް. އަދި ވަކިން ޚާއްސަކޮށް ފާހަގަކޮށްލަން، ޤުރުޢާނުގެ ތަރުޖަމާ ކިޔުމަށް ޒަލަފްގެ ހުންނަ ޝައުގު. ގުރުޢާން ކިޔެވުމުގެ އިތުރުން މާނައަށްވެސް ވަރަށް ބަލާނެ. ތަނެއް ދަސްކުރަން އުނދަގޫ ވިޔަސް ތަރުޖަމާ ކިޔާނެ. ކިޔައިގެން ދަސްކުރަން މަސައްކަތް ކުރާނެ. 
ޒަލަފްގެ މަންމަ ހުޝާމާ
ޒަލަފްގެ މަންމަ ކިޔައިދިން ގޮތުގައިގައި، އެންމެ ކުޑައިރުން ފެށިގެންވެސް ޒަލަފް ބައިވެރިވަމުން އައި ގުރުއާން މުބާރާތް ތަކުގެ، މުގައްރަރަށްވުރެ އެއް ފޮތް ނުވަތަ ދެ ފޮތް އިތުރަށް އަބަދުވެސް އޭނާ ހިތުދަސް ކުރެއެވެ.
އެހެންކަމުން، 2022 ވަނަ އަހަރު، ރަސްމީކޮށް ޤުރުއާން ހިފްޒު ކުރުމުގެ މަސައްކަތް ފެށިއިރުވެސް ގުރުޢާން ނިމޭ ކޮޅުންނާއި ފެށޭ ކޮޅުން ގިނަ ފޮތްތަކާއި އާއްމުކޮށް ކިޔަވައި އުޅޭ ސޫރަތްތައް ޒަލަފަށް އޮތީ ހިތުން ދަސްވެފައެވެ. 
އަދި އައު ސޫރަތްތައް ދަސްކުރަމުން ދިޔައިރު، ކުރިން ދަސްކޮށްފައި ހުރި ސޫރަތްތައް މުރާޖާ ކުރުމުގެ މަސައްކަތް ޒަލަފް ދިޔައީ ކުރަމުންނެވެ. މި ހުރިހާ ކަމެއްވެސް ކުރަމުން އައީ ވަކި ތާވަލެއްގެ ތެރެއިންނެވެ. ޤުރުޢާން ހިތުދަސްކުރުމުގެ އިތުރުން، ސްކޫލު ފިލާވަޅުތައް ހަދައި، ދަސްކޮށް، ދެންވެސް ސުކޫލުގައި އޮންނަ ހުރިހާ އިތުރު ހަރަކާތެއްގައި ޒަލަފް އައީ ބައިވެރިވަމުންނެވެ. އެހެންކަމުން، ޤުރުޢާނަށް އެންމެ އިސްކަމެއް ދީގެން ކަންކަން ބައްޓަން ކުރުމަށް، ހެދިފައިވާ ތާވަލާއި އެއްގޮތަށް ކަންކަން ކުރިއަށް ގެންދިޔުމަށް ޒަލަފްގެ މަންމަ ދިޔައީ ގަދައަޅައި މަސައްކަތްކުރަމުންނެވެ. 
އަތޮޅު ޤުރުއާން މުބާރާތުގައި ޒަލަފް ޤުރުޢާން ކިޔަވަނީ: ފޮޓޯ/ އދ. އަތޮޅު ކައުންސިލް
”ޒަލަފްގެ ހުރިހާ ކަމެއްވެސް ކުރިއަށް ގެންދަނީ ވަކި ޝެޑިއުލްއެއްގެ ތެރެއިން.   މެންދުރަށް ސުކޫލް ނިމޭއިރު، މެންދުރު ނަމާދުކޮށް، އޭގެ ފަހުން ޒަލަފް ޤުރުއާން ކިޔަވާނީ. ޒަލަފް ކިޔަވާއިރު، އަބަދުވެސް އަޅުގަނޑު އިންނަން އޭނާ ކައިރީގައި. އެކަނި ކިޔަވަން ދޫކޮށެއް ނުލަން. ކޮންމެ ގޮތެއް ހަދާފައިވެސް އެ ވަގުތަށް ހުސްވަން. ދެން މެންދުރު ފަހުންނާއި ފަތިސް ގަޑީގައިވެސް ކިޔަވާނެ ގުރުއާން. ރޭގަނޑު ގަޑީގައި ސުކޫލް ފިލާވަޅު ހަދާނީ. އަބަދުވެސް އެގޮތަށް ހަދާތީވެ، ޒަލަފާއި ދެން ޖެހިގެން ތިބި ދެކުދިންވެސް ތިބެނީ އެގޮތަށް ސެޓުވެފައި. އެކުދިންނަށްވެސް އެނގޭނެ އެއީ ކިޔަވާ ގަޑިކަން. ދޮންބެ އެގޮތަށް ކިޔަވާތި ދެން ތިބި ކުދިންވެސް ދޮންބެ ނަމޫނާަ އަކަށް ބަލައިގެން ކިޔަވާނެ.“ ތިން ކުދިންގެ މަންމަ ހުޝާމާ ވޮއިސް އަށް ކިޔައިދިނެވެ.   
މަހިބަދޫ ކައުންސިލްގެ ގުރުޢާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ހަފްލާގެ ތެރެއިން: ފޮޓޯ/ މަހިބަދޫ ކައުންސިލް
ޒަލަފްގެ މަންމަ ކިޔައިދިން ގޮތުގައި، ޤުރުޢާން ހިތުދަސް ހާފިޒަކަށްވުމަށް މަންމަ އާއި ބައްޕަ ދެކެމުންއައި ހުވަފެނުގައި ކުލަޖެއްސުމަށް އެންމެ ބުރަ މަސައްކަތެއް ކޮށްފައިވަނީ ޚުދު ޒަލަފެވެ. 
އެގޮތުން، ޤުރުޢާން ހިތުދަސް ކުރުމުގެ ޢަޒުމުގައި އޭނާ ކިޔަވަމުންދިޔައިރު ބައެއް ފަހަރު ދަސްކުރަން އުނދަގޫ ސޫރަތްތައް އައި ނަމަވެސް، އެ ސޫރަތްތައް ދަސްކުރަން ފަސޭހަ ކުރުމަށް ސޫރަތްތަކުގެ ތަރުޖަމާ ކިޔައި، އެހެން ސޫރަތްތައް ދަސްކުރުމަށް ކިޔަވާ ވަރަށްވުރެ އިތުރަށް އެ ސޫރަތްތައް ކިޔެވުމަށް މަސައްކަތް ކުރެއެވެ. 
ހަގީގަތުގައި ޤުރުއާން ހިތުދަސް ކުރުމަށް އެންމެ ބުރަ މަސައްކަތެއް ކުރީ ޒަލަފް. ޒަލަފް ޤުރުޢާން ހިތުދަސް ކުއްޖަކަށް ވާން މަންމަ އާއި ބައްޕަ ބޭނުންކަން އެނގުމުން މަންމަ އާއި ބައްޕަގެ އެ ހުވަފެނަކީ ޒަލަފްގެވެސް ހުވަފެނަށް ހަދައިގެން މަސައްކަތް ކުރިތަން ފެނުނު. ވަރަށް ބޮޑަށް ބޭނުން ވެގެން ވަރަށް މަސައްކަތް ކުރި އަމިއްލައަށްވެސް. ދަސްކުރާ ވަރަށް މުރާޖާވެސް ކުރަމުން ދިޔައީ. އެހެންވެ އެއްކޮށް ދަސްކޮށްފައި، މުރާޖާ ކުރުމަށް ދުވަސްތަކެއް ނުނެގި 
ޒަލަފްގެ މަންމަ ހުޝާމާ
ޒަލަފްގެ އެ ބުރަ މަސައްކަތާއި މަންމަ އާއި ބައްޕަގެ ޤުރުބާނީގެ ފޮނި މީރުކަން މިއަދު މިވަނީ ލިބިފައެވެ. އދ. މަހިބަދޫގެ ތާރީޚުގައިވެސް ފުރަތަމަ ހާފިޒު ކަމުގެ ސަނަދު ހޯދި ދަރަވަރަކަށް މިއަދު ޒަލަފް އެވަނީ ވެފައެވެ. މިއަދު މުޅި މަހިބަދޫގެ ކުދި ބޮޑު އެންމެންގެ ދުލުންވެސް ކިޔަމުންދަނީ ޒަލަފްގެ ވާހަކައެވެ. އެއީ މަހިބަދޫވެސް ފަޚުރުވެރިވާ ދަރިއެކެވެ. 
”ވަރަށް އުފާވޭ. ވަރަށް ހިތްހަމަޖެހޭ. މަންމައާއި ބައްޕަގެ ހުވަފެން ހަގީގަތަކަށް ހަދައިދެވުނީމަ.“ ވޮއިސްއަށް ދިން ބަސްދީގަތުމެއްގައި ޒަލަފް ބުންޏެވެ. 
ޒަލަފަށް މިފަދަ ބޮޑު ކާމިޔާބީއެއް ދެއްވި ކަމަށްޓަކައި އެންމެ ބޮޑަށް ޝުކުރުވެރިވަނީ އެކަން މިންވަރު ކުރެއްވި الله ސުބުޙާނަހޫ ވަތަޢާލާ އަށެވެ.
”ދެން އެންމެ ބޮޑަށް ޝުކުރު އަދާކުރަން ބޭނުންވަނީ މަންމަ އާއި ބައްޕައާއި ޢާއިލާގެ ހުރިހާ މެންބަރުންނާއި ހެޔޮ ދުޢާ ކޮށް ހިތްވަރުދިން އެންމެނަށް. އަދި ސުކޫލުގެ ކުރީގެ ޢަރަބި މުދައްރިސް ޑރ. ހަސަން ރަމަޟާން އާއި، އާދަމް ނަސީރު ސަރ އާއި، އާމިރާ މިސް އާއި، އަބްދުލް ހައްޔު ސަރ އާއި، ހަސަން ޝިހާމް ސަރ އާއި، ސުކޫލުގެ މެނޭޖްމަންޓަށާއި، ސްކޫލް ރިލިޖަސް ކްލަބުގެ މެންބަރުންނަށާއި، އެންމެހާ މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އދ އަތޮޅު ކައުންސިލާއި މަހިބަދޫ ކައުންސިލްގެ އިސްވެރިންގެ އިތުރުން، މުރާޖާ ކޮށްދެއްވި އުސްތާޛް ހާމިދަށް ވެސް ވަރަށް ޚާއްސަ ޝުކުރެއް ރައްދު ކުރަން“ ކާމިޔާބީގެ ފަހަތުގައިވާ ފަރާތްތަކަށް ޝުކުރު އަދާ ކުރަމުން ޒަލަފް ބުނެފައިވެއެވެ. 
ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ، މަހިބަދޫ ގޮފީގެ ހިފްޒު ކްލާހުން އެއްވަނަ ދަރިވަރު ޒަލަފަށް ޓްރޮފީ ހަވާލު ކުރުން: ފޮޓޯ/ އދ. އަތޮޅު ކައުން
ޒަލަފްގެ މަންމަގެ ޒަލަފްގެ އިތުރުން ދެ ކުދިން ތިބެއެވެ. އެ ދެކުދިންނަކީވެސް ޒަލަފް ފަދަ ޤުރުޢާނަށް ލޯބިކުރާ ދެކުދިންނެވެ. ޒަލަފްގެ އެންމެ ބޮޑު އެއް ހުވަފެނަކީ އެ ދެކުދިންނަކީވެސް ޒަލަފް ފަދައިން ޤުރުއާން ހިތުދަސް ކުދިންނަށް ވުމެވެ. އެކަމަށްޓަކައި ކޮއްކޮމެންނަށް އެހީވުމަށް ޒަލަފް ހުރީ އަތުކުރި އޮޅާލައިގެންނެވެ.
އަދި ހަމަ އެހެންމެ، މަހިބަދޫގައި ހުންނަ ގުރުއާނާ ބެހޭ މަރުކަޒުގެ ހިންގުން އިތުރަށް ހަރުދަނާވެ އިތުރު ހާފިޒުން އުފެދިގެން އައުމަކީ ޒަލަފްގެ އުއްމީދެވެ. 
ކުރިއަށް އޮތް ތަނުގައި އިމާމުވެ ހުކުރު ނަމާދާއި ޢީދު ނަމާދުގެ އިތުރުން ތަރާވީހް ނަމާދު ކުރުމުގެ ހުއްދަ ލިބުމަކީ ޒަލަފް ނުހަނު ބޮޑަށް އެދޭ އެދުމެކެވެ. އަދި އޯލެވެލް ނިންމައި، އޭލެވެލްވެސް ކިޔެވުމަށްފަހު، މަދީނާ ޔުނިވާސިޓީއިން ދީނީ ޢިލްމު ކިޔަވަން ސްކޯލާޝިޕެއް ލިބި، ދީނަށް ޚިދުމަތް ކުރުމަށް މަގުފަހިވެގެން ދިޔުމަކީ ޒަލަފްގެ ވަރަށް ބޮޑު ހުވަފެނެކެވެ. 
ޒަލަފް ކީރިތި ޤުރުޢާން ހިތުދަސް ކުރުމަށް އެ ކުރި ދަތުރުން އެނގިގެންދިޔައީ ހިތްވަރާއި ޢަޒުމާއެކު ކަމެއް ކޮށްފިނަމަ އެކަން ކާމިޔާބު ވާނެ ކަމެވެ. ދަރިންނަށް އަބަދާއި އަބަދު ފޯނާއި ޓެބްލެޓާއި ޓީވީ ދީފައި ބެއިތިއްބުމުގެ ބަދަލުގައި ކުދިންގެ ދެދުނިޔެއަށްވެސް ފައިދާ ކުރުވާނެ ކަމަކަށް ލޯބިޖެއްސުމުން އެއިން ދުނިޔެމަތީގައިވެސް ލިބިގެންދާނެ އުފަލާއި ހިތްހަމަ ޖެހުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ