ރާއްޖޭގައި ޕޯސްޓްމޯޓަމް ހަދަން ފެށުން އަވަސްކުރަން އެދިއްޖެ
ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދޭނެ އިންތިޒާމު ހަމަޖައްސައިދޭން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެންފި އެވެ.ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމަށް އިދިކޮޅު އެމްޑީޕީގެ މެމްބަރު ކުޑޫ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ހަތް މީހުން މަރުވެފައިވާ ކަމަށެވެ. އަދި ޝައްކު އުފެދޭ ގޮތަށް މަރުވާ މީހުންގެ ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެ އިން ބޭރަށް ފޮނުވާކަން ފުލުހުން އާންމުކުރާ މައުލޫމާތުން އެނގިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.ގޮތް ނޭނގޭ މަރުތަކަކީ އާންމުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށާއި ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދޭނެ ނިޒާމެއް ގާއިމުކޮށް، އެ މަރުތަކުގެ ހަގީގަތް އާންމުންނަށް އޮޅުންފިލުވައި ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ކުޑޫ ވިދާޅުވި އެވެ.އޭނާ ވިދާޅުވިގޮތުގައި، ޕޯސްޓްމޯޓަމް ހެދޭނެ އިންތިޒާމު ރާއްޖޭގައި ގާއިމުކުރުމަކީ ހަށިގަނޑު ބޭރަށް ފޮނުވުމާއި އެކަމަށް ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހޭދަ ކުޑަވާނެ ކަމެކެވެ.މީގެއިތުރުން ޕޯސްޓްމޯޓަމް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތްތައް ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ކަމަށާއި ގޮތް ނޭނގޭ މަރުތަކުގައި މަރުވާ މީހުންގެ ޕޯސްޓްމޯޓަމް ހެދުމުގެ އިޚްތިޔާރު އެ ގާނޫނުގައި ފުލުހުން ލިބިދީފައި އޮންނަކަން ވެސް ފާހަގަކޮށްފައިވެ އެވެ.އެހެންކަމުން، ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދުމުގައި ގާނޫނީ ހުރަހެއް އޮތް ކަމަށް ނުފެންނާތީ، މިކަންތައް ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ފެށުމަށް ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ