ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ހުރިހާ ގުނަވަނަކަށް އެއްބާރުލުން ދޭނަން: މައުމޫން
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ގިނަ ގޮނޑިތަކެއް ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ކާމިޔާބުކޮށްދިނުމަށް ޕާޓީގެ ހުރިހާ ގުނަވަންތަކަށް އެއްބާރުލުން ދެއްވާނެ ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. ޕީޕީއެމްގެ އެތެރޭގައި ފެކްޝަންތަކެއް އުފެދިފައިވަނިކޮށް، ރައީސް މައުމޫން އެގޮތަށް ވިދާޅުވީ އެ ޕާޓީގެ އިންތިހާބު ކޮމެޓީގެ މެމްބަރުން އިއްޔެ އެމަނިކުފާނާ ބައްދަލު ކުރެއްވުމުންނެވެ. އެ ބައްދަލުވުމުގައި ޕީޕީއެމްގެ ރައީސް ފައްޓަވާފައިވާ އިސްލާހީ ޕްރޮގްރާމަށް ތާއިދު ކުރައްވާ އެ ކޮމެޓީގެ މެމްބަރުން ވަނީ ވިދާޅުވެފަ އެވެ. އެ ބައްދަލުވުމާ ގުޅޭ ގޮތުން ޕީޕީއެމް ބުނީ އެ ބައްދަލުވުމުގައި އިންތިހާބު ކޮމެޓީގެ މެމްބަރުން އެދިވަޑައިގެންނެވީ ޕާޓީގެ ގުނަވަންތައް މެދުވެރިކޮށް އިންތިހާބުތަުގެ އެންމެހައި ކަންކަން ކުރިއަށް ގެންދެވޭނެ ގޮތް ހައްދަވައި ދެއްވުމަށެވެ. "ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވީހާ ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރުމަށް ޕާޓީގެ ރައީސްގެ ފުރިހަމަ އެއްބާރުލެއްވުން ޕާޓީގެެ ހުރިހާ ގުނަވަންތަކަށް ދެއްވާނެ ކަމުގެ ޔަގީންކަން ޕާޓީގެ ރައީސް ދެއްވި އެވެ،" ޕީޕީއެމުން މީޑިއާތަކަށް ފޮނުވި ޚަބަރުގައިވެ އެވެ. ޕީޕީއެމްގެ އިންތިހާބު ކޮމެޓީގެ އިސް ނެންގެވުމުގެ މަތީން އެ މަނިކުފާނާއި ބައްދަލުކޮށް އިސްލާހީ އެޖެންޑާއަށް ތާއިދު ކުރައްވާކަން ހާމަކުރެއްވުމުން އުފާފާޅު ކުރައްވާ ކަމަށް މައުމޫން ވަނީ އެ ބައްދަލުވުމުގައި ވިދާޅުވެފަ އެވެ. މައުމޫންގެ އިސްލާހީ ޕްރޮގްރާމްގައި ހިމެނޭ ކަންތައްތަކަކީ ޕާޓީގެ ހިންގުން ހަރުދަނާ ކުރުމާއި ޕާޓީގެ މިހާރުގެ ހާލަތު ދެނެގަނެ ޕާޓީގެ ސައްހަ މެމްބަރުންގެ އަދަދު ހޯދައި، ޕާޓީގެ ސައްހަ ގޮފިތަކަކީ ކޮބައިތޯ ދެނެގަތުމެވެ. ޕާޓީގެ އޮފީހަށާއި ގުނަވަންތަކަށް ކުރިމަތިވެފައިވާ ފިއްތުންތަކަކީ ކޮބައިތޯ ބެލުމަކީ ވެސް މައުމޫންގެ އިސްލާހީ އެޖެންޑާގައި ހިމެނޭ ކަންތައްތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ