އެމެރިކާގެ ބޯލްޓިމޯގައި ކުރިޔަށްދާ ހަމަނުޖެހުންތަކާގުޅިގެން އޮބާމާ ކަންބޮޑުވެވަޑައިގެންފި

ބޯލްޓިމޯރ (އެޕްރީލް 28): އެމެރިކާގެ ބޯލްޓިމޯރ ގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރައީސް ބަރަކް އޮބާމާ، އެ ސިޓީގެ މޭޔަރު ސްޓީވަނީ ރޮލިންގްޒް އާ ފޯނުން ގުޅުއްވައި މައުލޫމާތު ސާފު ކުރައްވައިފިއެވެ. ވައިޓް ހައުސް ބުނާގޮތުން އޮބާމާވަނީ ބޯލްޓިމޯރގައި ހިނގަމުންދާ ހަމަނުޖެހުންތަކާމެދު ކަންބޮޑުވާކަން ހާމަކުރައްވައި އެކަން ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަން ރޮލިންގްޒް އަށް ދަންނަވާފައެވެ. އެމެރިކާގެ މިރިލެންޑް ސްޓޭޓަށް ނިސްބަތްވާ ބޯލްޓިމޯރގައި ހަމަނުޖެހުންތައް އުފެދިފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ކަޅުނަސްލުގެ މީހަކު މަރުވުމާ ގުޅިގެންނެވެ. މަރުވި ކަޅުނަސްލުގެ މީހާއަށް އަނިޔާކުރިކަމުގެ ތުހުމަތު މިރިލެންޑްގެ ފުލުހުންގެ މައްޗަށްވަނީ ކުރެވިފައެވެ. ނަމަވެސް ފުލުހުން މިކަން ދޮގުކުރެއެވެ. މިމައްސަލައާ ގުޅިގެން ބޯލްޓިމޯރގެ މަގުތަކަށް ނުކުތްމީހުންވަނީ އެމެރިކާގެ ފުލުހުންގެ ޝިކާރައަކަށް ކަޅުނަސްލުގެ މީހުން ވަމުންދާ މައްސަލަ ކުށްވެރިކޮށް އަޑުއުފުލާފައެވެ. އެމެރިކާގެ އެކި ސްޓޭޓްތަކުގެ ފުލުހުންނަށްވަނީ އެގައުމުގެ ކަޅުނަސްލުގެ މީހުންގެ އިންސާނީ ހައްގުތަކަށް އަރައިގަތުމާއި ކަޅުމީހުންނާމެދު ތަފާތުކުރުމާއި ހަރުކަށިކޮށް މުޢާމަލާތް ކުރުމުގެ ތުހުމަތު ކުރެވިފައެވެ. އަދި މިފަދަ މައްސަލަތައް އެމެރިކާގެ ކޯޓުތަކަށް ހުށަހެޅުމުންވެސް ކަޅުމީހުން މަރައި ދޮން ނަސްލުގެ ފުލުހުން ކުށްވެރިނުވާކަމަށް ހުކުމްކުރަމުން ގެންދާ މައްސަލަވަނީ އެމެރިކާގެ އާންމުންގެ ސަމާލުކަމަށް އައިސްފައެވެ. މިރިލެންޑްގެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ކަޅުނަސްލުގެ މީހާ މަރުވި ޚަބަރާއެކު ބޯލްޓިމޯރގެ އެތަށް ހާސްބަޔަކުވަނީ މަގުތަކަށްނުކުމެ ފުލުހުންނާ ދެކޮޅަށް އަޑުއުފުލައި އެމީހުންނަށް ޙަމަލާތައް ދޭންފަށާފައެވެ. މި އިޙްތިޖާޖްތަކުގައި 7 ފުލުހުން ޒަޚަމްކޮށްލާފައިވާއިރު އިތުރު ފުލުހަކުވަނީ ލިބުނު އަނިޔާގައި ހޭނެތިފައެވެ. މިއިޙްތިޖާޖްތަކާ ގުޅިގެން މިރިލެންޑްގެ ގަވަރުނަރު ވަނީ ބޯލްޓިމޯރގައި ކުއްލި ޙާލަތު އިޢުލާންކުރައްވައި އަދި ހަމަޖެހުން ގާއިމް ކުރުމަށްޓަކައި އެ ސްޓޭޓްގެ ގާޑުންގެ ލަޝްކަރެއް ބޯލްޓިމޯރއަށް ފޮނުވާނެ ކަމަށް ވިދާޅުވެފައެވެ. ބޯލްޓިމޯރގެ އިޙްތިޖާޖްތަކުގެ ތެރެއިން ދިން ޙަމަލާތަކުގައި މިރިލެންޑްގެ ފުލުހުންގެ 7 މީހަކު ޒަޚަމްވުމާ ގުޅިގެން އެރަށުގެ ކަންކޮޅުތަކުގައި އެއްވެ އުޅުންވަނީ މަނާކޮށްފައެވެ. ބޯލްޓިމޯރގެ އިޙްތިޖާޖްތަކުގައި ފުލުހުންގެ 7 މީހުން ޒަޚަމްވުމާ ގުޅިގެން ފުލުހުންވަނީ ބާރުގެ ބޭނުންކޮށްގެން މުޒާހަރާތައް ރޫޅާލާފައެވެ. (ރޮއިޓާސް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ