ފެބްރުއަރީ 1 ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު ޙުކުމާއި ގުޅިގެން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތިން ސިޓީފުޅެއް ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފިއެވެ.
ހުށަހަޅުއްވާފައިވާ 3 ސިޓީގެ ތެރެއިން އެއް ސިޓީގައި ރައީސް ހާމަކުރައްވާފައިވަނީ ޝަރުޢީ ދާއިރާގެ ހުރިހާ މަރުހަލާއެއް ނިމިފައިވާ ބަޔަކު ދޫކޮށްލުމުން ޤާނޫނު އަސާސީ އިން ކަށަވަރު ކޮށްދީފައިވާ ހަމަހަމަކަށް ބުރޫއަރާނެތީ ޤާނޫނު އަސާސީގެ ދަށުން އެއަމުރު ތަންފީޒު ކުރެވިދާނެ ކަމަށް ގަބޫލު ކުރެވިދާނެ ކަމަށް އެމަނިކުފާނަށް ޤަބޫލެއް ނުކުރެވޭ ކަމަށާއި، އެހެންކަމުން ޤާނޫނު އަސާސީގެ ދަށުން ކަންތައްތައް ކުރެވޭނެ ގޮތްތަކެއް ހަމަޖައްސަވައިދެއްވުން އެދި ދަންނަވާ ކަމަށެވެ.
ދެވަނަ ސިޓީގައި ރައީސް ވިދާޅުވެފައިވަނީ ޖޭއެސްސީ އަކީ ޤާނޫނު އަސާސީގެ ބާރުގެ ދަށުން އެކުލަވާލާފައިވާ ކޮމިޝަނަކަށް ވާތީ އެކޮމިޝަންގެ މަސައްކަތްތައް ކުރެވޭނެ ގޮތައް ކޯޓުގެ އަމުރު ބަދަލުކޮށްދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.
ތިންވަނަ ސިޓީގައި ރައީސް ވިދާޅުވީ ޑީޖޭއޭގެ އިސްވެރިޔާ ސައީދު ދޫކޮށްލަން ކޮށްފައިވާ އަމުރުގެ ސަބަބުން ފުލުހުންގެ ތަޙްޤީޤަށް ހުރަސް އެޅޭތީ ޤާނޫނު އަސާސީގެ ދަށުން ރައީސް އަދާކުރައްވަން ޖެހޭ ޒިންމާ އަށް ހުރަސް އެޅިފައިވާ ކަމަށާއި އެހެންކަމުން އެއަމުރު ބާތިލްކޮށްދިނުން އެދި ދަންނަވާކަމަށެވެ.
މި ސިޓީތައް މީޑިޔާ އަށް ހާމަކުރުމަށް ދައުލަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަރ ޢަލްއުސްތާޒާ ޢާޒިމާ ޝުކޫރު ވިދާޅުވީ، ޙުކުމްތައް ބާތިލް ކުރުމެއް ނެތި ބަޔަކު ދޫކޮށްލުމަކީ ތަންފީޒު ކުރެވޭނެ ކަމެއް ނޫންކަމަށާއި ސުޕްރީމް ކޯޓާއި ހަމައިން ނިންމާފައިވާ ޖިނާޢީ ކުށެއް އަނެއްކާ ދަށު ކޯޓުން ފެށުން އެއީ ރާއްޖޭގެ ދުސްތޫރު ދަންނަ ޤާނޫނީ މަހްފޫމެއް ނޫންކަމަށެވެ.
ދޫކޮށްލަން އަމުރުކޮށްފައިވާ ބައެއް މީހުންގެ މައްސަލަތައް ސުޕްރީމް ކޯޓުން އަންގާފައި ވާއިރު އެ މީހުންގެ ހުކުމްތައް ސުޕްރީމް ކޯޓުން ބާތިލްކޮށްފަ ނުވާއިރު އަދި އެ އަމުރުގައި ބުނާ ބައެއް މީހުންނަކީ ހަމަ އެ މައްސަލަތަކުގައި އެހެން މީހުން ވެސް ހިމެނޭ މައްސަލަތަކެއް ކަން ފާހަގަކުރައްވަމުން އެންމެންނަށް މެދު ހަމަހަމަކޮށް އަމަލުކުރަން ޖެހޭނެ ކަމަށް ދެކޭ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސްގެ ފަރާތްޕުޅުން ފޮނުއްވެވި މި ސިޓީފުޅުތައް ސުޕްރީމް ކޯޓަށް މި ހުށަހެޅުއްވީ، ޤާނޫނު އަސާސީގައި ދައުލަތް ހިންގުމުގެ އެންމެ އިސްވެރިޔަކީ އެ ވަގުތެއްގައި ޤައުމުގެ ރައީސްގެ މަޤާމުގައި ހުންނެވި ފަރާތް ކަމަށް ބުނެފައިވާތީ ޤާނޫނު އަސާސީން އެމަނިކުފާނަށް ލިބިދީފައިވާ ޙައްޤުތަކާއި ބާރުގެ ތެރެއިންނެވެ.
ސުޕްރީމް ކޯޓަށް ރައީސްގެ ތިން ސިޓީފުޅު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ