ރާއްޖޭގައި ދެން ހިނގާނީ ރައީސް ޔާމީންގެ ފިކުރު: ސައީދު

ރާއްޖޭގައި ދެން ހިނގާނީ ރައީސް އަބްދުﷲ ޔާމީންގެ ފިކުރު ކަމަށާއި އެއީ ދިވެހިންގެ ފިކުރު ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑުމެންނަށް 2018 ކާމިޔާބު ވާނެ. އަދި އެ އަށް ވުރެ ބޮޑަށް އަޅުގަނޑުމެންނަށް ޔަގީންވާ އެއްޗަކީ މި ގައުމައި ދެން ހިނގާނީ ރައީސް ޔާމީންގެ ފިކުރުކަން. އެ ފިކުރަށް މި ގައުމު މަރުހަބާ ކިޔައިފިކަން. އަދި އެ ފިކުރު ދެނެއް މި ގައުމުން ނައްތައި ނުލެވޭނެކަން. އެއީ ދިވެހިންގެ ވެސް ފިކުރުކަން،" ރައީސް ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމް ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި، ވޭމަންޑޫގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ފެންނަނީ ކުޑަޔަސް، ބޮޑަސް ގާނޫނުގެ ކުރިމަތީގައި އެންމެން ވެސް ހަމަހަމަވާ ތަން ކަމަށާއި އެ މަނިކުފާނު ކުރައްވަނީ ވަރަށް އިންސާފުވެރި ވެރިކަމެއް ކަމަށެވެ.
އަދި ވިދާޅުވީ، ދަތި އުނދަގޫ މަރުހަލާއެއްގައި ރާއްޖެ އޮއްވައި ވެރިކަމާ 2013 ގައި ހަވާލުވަޑައިގެން ރައީސް ޔާމީން ގެންދަވަނީ ހިތްވަރުފުޅު ދައްކަވަމުން ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު ޒިންމާއެއް ކަމަށް ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ، "ވެރިކަމަކީ ކުޅިވަރެއް ނޫން" ކަމަށާއި "އިސްލާމީ ދައުލަތެއްގައި އަދާކުރަންޖެހޭ ޒިންމާތައް ބޮޑު" ކަމަށެވެ. އަދި އެ ޒިންމާތައް ވަރަށް ފުރިހަމަ އަށް ރައީސް ޔާމީން އަދާ ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.
"ގާތަސް ދުރަސް ކުޑަޔަސް ބޮޑަސް، ގާނޫނުއަސާސީގެ ކުރިމަތީގައި ގާނޫނުތަކުގެ ކުރިމަތީގައި އެންމެން ވާނީ ހަމަހަމައޭ. ހަމަހަމަ އިންސާފުވެރި ކަމެއް އެ މަނިކުފާނު ކުރައްވަމުން އެ ގެންދަވަނީ،" ރައީސް ޔާމީން ތައުރީފު ކުރައްވަމުން ސައީދު ވިދާޅުވި އެވެ.
"2018 [ރިޔާސީ އިންތިޚާބަށް ކުރިމަތިލާއިރު] އަޅުގަނޑުމެން މިއަދު ވާދަވެރިންނަށް ދަންނަވަން އޮތް ވާހަކަ އަކީ އެ މީހުންގެ ލީޑަރުންގެ ގޮތުގައި ތިއްބެވި މަދު ފަރާތްތަކެއް އަޅުގަނޑުމެން ހިތާމަ ކުރަނީ ފެންނަ ހިނދު ވެސް ނުފެންނަ ކަމަށް ގަބޫލުކޮށް، އަޑު އިވޭ ހިނދު ވެސް އަޑު ނީވޭ ކަމަށް ގަބޫލުކޮށް، ތަރައްގީ އާއި ގައުމު ކުރިއެރުވުމުގައި މި ކުރާ މުހިއްމު މަސައްކަތުގައި ހަމަ އެއްވެސް ކަމެއް އިހުސާސް ނުވާ ކަމަށް ހެދިގެން ތިބުން."
އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ފެބްރުއަރީ 1 ގައި ކުރި މަސައްކަތަކީ ދެތިން ހަތަރު މީހެއްގެ ބޭނުން ހިފައިގެން، ރާއްޖެ އިސްތިއުމާރީ އަދި ރާއްޖެ އަށް ހަސަދަވެރިވާ ބައެއްގެ އަތްމައްޗަށް ރާއްޖޭގެ މިނިވަންކަން ދޫކޮށްލަން ކުރި މަސައްކެތެވެ.
"އަޅުގަނޑުމެންނަށް 2018 ރައީސް ޔާމީނަށް ކާމިޔާބުކޮށް ދެއްވުމުގައި މިއަދު ސަޕޯޓް ކުރައްވާ ކޮންމެ ބޭފުޅަކު ވެސް ނުކުމެ އިތުރު މަސައްކަތްތަކެއް ކޮށް، އެ މަނިކުފާނަށް ދެވަނަ ދައުރަކަށް އިންތިޚާބުކޮށް ދިނުން ]އެދުމަކީ،" ސައީދު ވިދާޅުވި އެވެ.
ވޭމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުންގެން މިރޭ ވަނީ ފަސްޓް ލޭޑީ ފާތުން އަށް ވަރަށް ބޮޑަށް ތައުރީފު ވެސް ކުރައްވައިފަ އެވެ. އެގޮތުން ރައީސްގެ ޔާމީން ގައުމު ތަރައްގީ ކުރައްވަން ކުރައްވާ މަސައްކަތްޕުޅުގައި އެ ކަމަނާގެ ހިއްސާ އާއި ދައުރު ބޮޑުކަން ފާހަގަ ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ