ދައުވާ ބިނާ ކޮށްފައި އޮތީ ފްލޯކް ވާހަކައަކަށް – އަލީ ހަމީދު

އަލީ ހަމީދާއި ދެކޮޅަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ ފްލޯކް ވާހަކައާއި ހިޔާލީ ވާހަކައިގެ މައްޗަށް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
އަލީ ހަމީދު މިހެން ވިދާޅުވީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ އަދުލް އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ ޝަރީޢަތުގައެވެ. އަލީ ހަމީދުގެ މައްޗަށް މިދައުވާ އުފުލާފައި ވަނީ ފުލުހުންގެ ތަޙްޤީޤަށް ފޯނު ނުދިނުމުންނެވެ.
މިއަދުގެ އަޑުއެހުމުގައި، ދައުވާ ސާފުވޭތޯ ގާޒީ އާދަމް އާރިފް ސުވާލު ކުރެއްވުމުން ޖަވާބުގައި އަލީ ހަމީދު ވިދާޅުވީ ދައުލަތުން ހުށަހެޅި ދައުވާ ސާފު ނުވާ ކަމަށާއި ޖިނާއީ ކުށެއް ނަމަ، މައްސަލަ ސާބިތު ކުރަން ވަކި ހެކިތަކެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް ދައުވާ ކުރަނީ ހެކިތަކެއް ހުރެދާނެ ކަމަށް ބަލާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން މިއީ ގާނޫނުތަކުގެ ތެރެއިންނާއި އިސްލާމީ އުސޫލުތަކުގެ ތެރެއަށް ޝަރުތު ހަމަވާ ދައުވާއެއް ނޫން ކަމަށް އަލީ ހަމީދު ވިދާޅުވިއެވެ.
"މިއީ ފްލޯކު ވާހަކަތަކެއްގެ މައްޗަށް، ހިޔާލީ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށަހެޅި ދައުވާއެއް،" އަލީ ހަމީދު ވިދާޅުވިއެވެ.
އަލީ ހަމީދު ވިދާޅުވީ މިއީ މުތުލަގަށް "ދޮގު ދައުވާއެއް" ކަމަށެވެ.
އަލީ ހަމީދުގެ ވަކީލު މަހްފޫޒު ސައީދު ވިދާޅުވީ ގާނޫނުލްއުގޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުވާ ކުރާއިރު، ދައުވާ ކުރާ މަގްސަދު ސާފު ނުވާ ކަމަށެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ އަލީ ހަމީދުގެ މައްޗަށް ދައުވާ ކުރަނީ މީހެއްގެ މައްޗަށް ދައުވާ އުފުލުމަށް ހުރަސް އެޅުމުގެ މަގްސަދު އޮތުމުން ކަމަށެވެ. އަދި މި މައްސަލައިގައި އަލީ ހަމީދު ހެކި ނައްތާލަން އުޅުއްވި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ދައުލަތުން ވިދާޅުވިއެވެ.
މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ އަލީ ހަމީދާއި މިމައްސަލައިގައި ދެން ދައުވާ ލިބޭ ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ވެސް މަދަނީ މިންގަނޑުން ބަލާއިރު ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް މިއަދު ނިންމަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ