އިންތިޚާބުގައި އަމިއްލަ ގޮތުން ކުރިމަތި ލައްވާނެ ކަން އިއުލާން ކުރައްވައިފައިވާ ކުރީގެ ހޯމް މިނިސްޓަރު، އުމަރު ނަސީރުގެ ރަނިންމޭޓު ހަމަޖައްސަވާނީ އެންމެފަހު ވަގުތު ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
އުމަރު މިގޮތަށް ވިދާޅުވީ އޭނާގެ ރަނިންމޭޓަކަށް އަލްހާން ފަހުމީ ހަމަޖައްސަވަން އުޅުއްވާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
"އެއްވެސް އަސާސެއް ހިމެނޭ ވާހަކަތަކެއް ނޫން ތީކީ. އަޅުގަނޑު އަދި ރަނިންމޭޓެއް ހަމަނުޖައްސަން. އެކަން ނިންމާނީ އެންމެ ފަހުވަގުތު،" އުމަރު ވިދާޅުވިއެވެ.
އުމަރު ރިޔާސީ މެނިފެސްޓޯ ތައްޔާރު ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ އިރު މެނިފެސްޓޯ ބިނާކުރައްވަނީ މައިގަނޑު ހަތް ކަމެއްގެ މައްޗަށެވެ. އޭގެ ތެރެއިން އެއްކަމަކީ "ހެޔޮ ހިޔާ" ގެ ނަމުގައި އަގުހެޔޮކޮށް ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދެއްވުމެވެ. އޭގެ އިތުރަށް މަތީތައުލީމް ހިލޭ ފޯރުކޮށްދެއްވުމާއި، އިސްލާމް ދީން ފުރިހަމައަށް ހިމާޔަތް ކުރުމާއި، ރާއްޖެއިން މަސްތުވާތަކެތީގެ ވަބާ ނައްތާލުން ހިމެނެއެވެ.
އުމަރު އެންމެ ފުރަތަމަ އިންތިޚާބުގައި ވާދަކުރައްވަން ނިންމެވީ ޖުމްހޫރީ ޕާޓީގައި ހުންންވައިގެންނެވެ. އޭނާ އެގޮތަށް ނިންމެވި މައިގަނޑު ސަބަބަކީ ގުޅިފައިވާ ޕާޓީތަކަށް އެއް ކެންޑިޑޭޓަކު ނުނެރެވޭނެކަން ކަށަވަރުވުމުން ނެވެ. މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އުމަރު ވަނީ އޭނާވަނީ ފަހުން ޖުމްހޫރީ ޕާޓީން ވެސް ވަކިވެވަޑައިގެންފައެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން އުމަރު ފައްޓަވާފައިވާ އިރު، ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ކެމްޕެއިން ފައްޓަވައިފަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އިއުލާނު ކުރައްވާފަ އެވެ. ނަމަވެސް އެމަނިކުފާނު އަދި އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީންވެސް ކެމްޕެއިން ފަށާފައިވާކަން ހާމަކޮށްފައެއް ނުވެއެވެ.
އިދިކޮޅު ޕާޓީތަކުން ބުނީ ރައީސް ޔާމީނާ ވާދަ ކުރެއްވުމަށް އެއް ކެނޑިޑޭޓަކު ނެރޭނެ ކަމަށާއި ވަގުތު ޖެހުމުން އެ ކެނޑިޑޭޓް ދައްކާނެ ކަމަށެވެ. ނަމަވެސް ފަހު ވަގުތުގައި ގުޅިފައިވާ ޕާޓީތައް ބައިބައިވެ ޕާޓީތަކުން ކެންޑިޑޭޓުން ނެރެން މަސައްކަތްކުރަމުންދާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.
ރަނިންމޭޓެއް ހަމަނުޖައްސަން، އެކަން ނިންމާނީ އެންމެ ފަހުވަގުތު - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ