ވަގަށް ނަގާފައިވާ ކަރަންޓް ކޭބަލް ހޯދައި، މީހަކު ހައްޔަރުކޮށްފި

ށ.މާއުނގޫދޫ އަޕަރނޯތު ޔުޓިލިޓީސް ލިމިޓެޑްގެ ބްރާންޗްގެ އިރުމަތީ ފެންޑާގައިހުރި ކަރަންޓް ކޭބަލެއްގެ ބައެއް ވަގައްނެގި މީހާ ފުލުހުން ހައްޔަރުކޮށް، އަދި ވަގައްނަގާފައިވާ ކަރަންޓް ކޭބަލް ފުލުހުން ހޯދައިފިއެވެ.
ފުލުހުން ބުނީ މިމައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި މީނާ މިތަކެތި ނެގިކަމަށް ފުލުހުންގެ ތަހުގީގުގައި އިއުތިރާފުވެ ކޭބަލްގެ ދާފަރާ ކަހާލަން ބޭނުންކުރި ތަކެތި އެރަށުގެ ވަލުތެރޭގައި ފޮރުވާފައި ހުރިތަން ވަނީ ފުލުހުންނަށް ދައްކާފައެވެ.
މިމަހުގެ 08 ވަނަދުވަހު ވަގަށްނަގާފައިވާ ކަރަންޓް ކޭބަލް ހޯދާފައިވަނީ ށ.ފުނަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން މިމަހުގެ 09 ވަނަ ދުވަހުގެ މެންދުރުފަހު ތަހުގީގު ޓީމެއް މާއުނގޫދޫއަށް ގޮސް ބެލިބެލުމުންނެވެ.
ފުލުހުން ބުނީ އެ ކަރަންޓް ކޭބަލް ވަގަށް ނެގިފަރާތުން ވަނީ ބޯޓަކަށް ވިއްކާލާފަ ކަމަށާއި އެބޯޓަށް އަރައި ބަލާ ފާސްކުރިއިރު އެ ކަރަންޓް ކޭބަލްތައް އެބޯޓު ތެރެއިން ފެނިފައިވާ ކަމަށެވެ. އަދި އެ ކޭބަލްތައް ފެނުނުއިރު އޭގެ ދާފަރާ ވަނީ ކަހާލާފައެވެ.
މިމައްސަލަ މަނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުން ކަމުގައި ފުލުހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ