ޕްރައިމަރީއާ މެދު ނިންމާގޮތެއް ނުވަ ދުވަހުގެ ތެރޭގައި އާންމުކުރާނަން: މައުމޫނު

ޕީޕީއެމް ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމާއި މެދު ނިންމަވާ ގޮތެއް ނުވަ ދުވަހުގެ ތެރޭގައި އާންމުންނަށް އާންމު ކުރާނެކަމަސް ރައީސް މައުމޫނު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއަށް ކައުންސިލަރުންތަކެއް ގުޅުމަށް މިއަދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތަކަށް ފަހު ރައީސް މައުމޫނު ވިދާޅުވީ އެ މަނިކުފާނު މިހާރު ވަނީ ޕްރައިމަރީގައި ބައިވެރި ވުމާ މެދު ގޮތެއް ނިންމަވާފައި ކަމަށެވެ. ނަމަވެސް އެކަން އަދި އާންމުކޮށް އިއުލާނު ކުރައްވާނީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތުގައި ކަމަށް މައުމޫނު ވިދާޅުވިއެވެ.
"އަޅުގަނޑު ވަނީ އިރާދަ ކުރެއްވިއްޔާ ކަންތައް ކުރާނެ ގޮތް ނިންމާފައި. އެކަމު އެކަން އަޅުގަނޑު އިއުލާނު ކުރާރަށް ބޭނުމެއް ނޫން މިތާކު. އޭގެ ވަގުތު އައީމަ އިއުލާނު ކުރާނަން، ކިހިނެއްކަން ހަދާނީ. އަދި ކޮންމެ ގޮތެއް ވިޔަސް ދެން އޮތީ ނުވަ ދުވަސް. މި ނުވަ ދުވަސް ނިމޭއިރަށް އެނގޭނެ އަޅުގަނޑު ކުރިމަތި ލީކަން ނުވަތަ ނުލާކަން. އޭރުން އެގޮތުންވެސް އެނގިވަޑައިގަންނަވާނެ، ނޫނީވިއްޔާ އަޅުގަނޑު އެއްޗެއް ބުނީމަވެސް އެނގިވަޑައިގަންނަވާނެ. މީ ވަރަށް ފަސޭހަ ކަމެއް އިނގޭތޯ، މީ އެއްވެސް ކަހަލަ މައްސަލައެއް އަދި ހިޔާލު ތަފާތުވުމެއް އޮތްކަމެއް ނެތް،" ރައީސް މައުމޫނު ވިދާޅުވިއެވެ.
ޕްރައިމަރީއަށް ކުރިމަތިލުމާބެހޭގޮތުން ވަކި ޖަވާބެއް ނުވަ ދުވަސް ފަހުން އެނގިގެން ދާނެ ކަމަށް ރައީސް މައުމޫނު ވިދާޅުވެފައިވާއިރު، އިއްޔެ ވަނީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 28 ވަނަ ދުވަހާއި ހަމައަށް ހުޅުވާލައިފަ އެވެ.
މިއަދު ޕީޕީއެމްއަށް ގުޅިފައިވަނީ ނ. ލަންދޫ ކައުންސިލްގެ ރައީސް މުހަންމަދު ފަޔާޒުއާއި، ތ. އަތޮޅު ކައުންސިލް މެމްބަރު ހަސަން ޒަރީރުއާއި، ހދ. ނޮޅިވަރަންފަރު ކައުންސިލްގެ މެމްބަރު އިބްރާހިމް އަލީއާއި، މުހަންމަދު ހަސަންގެ އިތުރުން މުހަންމަދު ސަލީމް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ