"މަރުގެ އެކްސިޑެންޓަކުން" ޑްރައިވަރު ޒަހަމެއް ނެތި ސަލާމަތް ވެއްޖެ

"އެއީ އަޖައިބެއް ކަހަލަ އެކްސިޑެންޓެއް. ކާރުގެ އެއްވެސް ބޭނުމެއް މިހާރަކު ނެތް. އެކަމަކު ޑްރައިވަރުގެ ގައިން ހަންކޮޅެއްހާ ހިސާބު ވެސް ގޮއްސައެއް ނެތް،" ލ. ގަމުގައި މިއަދު މެންދުރު ފަހު ހިނގި ނުރައްކާތެރި އެކްސިޑެންޓާ ބެހޭ ގޮތުން އެ ރަށު މީހަކު ބުންޏެވެ. ގަމު ތުނޑީ އަވަށުން މުކުރި މަގު އަވަށަށް ބާރު ސްޕީޑްގައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް، ހޮޅިދަނޑިއެއްގައި ޖެހި ކާރު ފުނޑުފުނޑުވިއިރު، އުމުރުން 18 އަހަރުގެ ޑްރައިވަރަށް އެއްވެސް އަނިޔާއެއް، ޒަހަމެއް ހާ ހިސާބު ވެސް ލިބިފައެއް ނުވެ އެވެ. ކާރު ދުއްވަން އިން މުކުރި މަގު އަވަށު، ދީނާރު، ސާމިޝް އަބްދުއްސަމަދަށް ޒަހަމެއް ލިބިފައި ނެތުމުން ފުރަތަމަ ވެސް އޭނާ ގެންދިޔައީ އެ ރަށުގެ ޕޮލިސް ސްޓޭޝަނަށް ކަމަށް އެ ރަށުގެ މީހަކު ބުންޏެވެ. އޭނާގެ އަތުގައި ޑްރައިވިން ލައިސަންސް ނޯންނަ ކަމަށް ފުލުހުން ކަށަވަރުކޮށްދިނެވެ. މެންދުރު 2:45 ހާއިރު އެ އެކްސިޑެންޓް ހިނގީ ގަމު ސިނާއީ މަގުން މުކުރި މަގަށް ދަނިކޮށް، އެ އަވަށުގެ ބޯޅަދަނޑާ ހަމައިން ކަމަށް އެ ރަށުގެ މީހަކު ބުންޏެވެ. އަދި ކާރު ދުއްވާފައި ދިޔަލެއް ބާރުކަމުން، ހޮޅިދަނޑީގައި ޖެހުމަށް ފަހު މައިތިރިވީ ހޮޅިގަނޑިއާ ގާތްގަނޑަކަށް 100 ވަރަކަށް ފޫޓް ދުރަށް އެކޮޅުކޮޅުން ޖެހެމުންގޮސް ކަމަށް އޭނާ ބުންޏެވެ. އެ ހޮޅިދަނޑި ވެސް އޮތީ ކޮންކްރިޓްގަނޑާއެކު ބިމުން ލުހި، ކޮންކްރީޓްގަނޑުން ވެސް ވަކިވެފައި ކަމަށް އޭނާ ބުންޏެވެ. "އެކަމަކު ދުއްވަން އިންސޮރަށް އެއްވެސް ކަމެއް ނުވޭ. ހޮސްޕިޓަލަކަށް ވެސް ނުގެންދޭ. އޭނާ ގެންދިޔަ ގޮތަށް ގެންދިޔައީ ޕޮލިހަށް،" އޭނާ ބުންޏެވެ. އޭނާ ފުލުހުން ބުނި ގޮތުގައި އެ ކާރުގެ ޑްރައިވަރު ހައްޔަރެއް ނުކުރެ އެވެ. ނަމަވެސް މައްސަލަ ދަނީ ބަލަމުންނެވެ. "އެ އެކްސިޑެންޓްގެ މައްސަލަ ބަލަމުންދަނީ. ކާރު ދުއްވާފައި ހުރީ ބާރު ސްޕީޑްގައި. އަދި ޑްރައިވަރު އަތުގައި ލައިސަންސެއް ވެސް ނެތް،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ