ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރި މައްސަލަ ހައިކޯޓުން ބަލައެއް ނުގަތް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރާ ގޮތަށް ކޯޓުތަކުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހު ބާތިލުކޮށްދިނުމަށް އެދި ތިން ވަކީލަކު ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަންނަން ނިންމައިފި އެވެ. މިދިޔަ އާދިއްތަ ދުވަހު ހައި ކޯޓަށް ހުށަހެޅި އެ މައްސަލަ ބަލައިނުގަންނަން ނިންމާފައިވަނީ އެ މައްސަލަ އެ ކޯޓަށް ބެލުމުގެ އިހްތިސާސް ނެތް ކަމަށް ނިންމުމަށްފަހު އެވެ. މައްސަލަ ބަލައިގަނެވެން ނެތްކަން މައްސަލަ ހުށަހެޅި ފަރާތަށް ހައި ކޯޓުގެ ރަޖިސްޓްރާގެ މަގާމާ ހަވާލުވެ ހުންނެވި މަރިޔަމް އަފްޝާ ވަނީ މިއަދު އަންގަވައިފަ އެވެ. ހައިކޯޓަށް އެ މައްސަލަ ހުށަހަޅުއްވާފައިވަނީ ވަކީލު ޝާހީން ހަމީދާއި ހަސަން މައާޒު ޝަރީފް އަދި މުހައްމަދު ފައިސަލެވެ. "މައްސަލައަކީ ދިވެހި ރާއްޖޭގެ އަދުލްއިންސާފް ގާއިމުކުރުމުގެ އެންމެ އިސް ފަރާތްކަމުގައިވާ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ގެނެވުނު އިސްލާހްތަކާ ގުޅޭ ދުސްތޫރީ މައްސަލައަކަށްވެފައި ސުޕްރީމް ކޯޓުތަކަށް ލިބިފައިވާ ބާރުތަކާއި އެ ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ރައްޔިތުން މަޖިލީހުން ފާސްކުރާ ގާނޫނުތަކާއި ނިންމާ ނިންމުންތަކަކީ ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ފަދަ ދުސްތޫރީ މައްސަލައެއް ކަމަށް ކަމަށް ބެލެވެން އޮތުމުން ދިވެހި ރާއްޖޭގެ ކޯޓުތަކުގެ 37 ވަނަ މާއްދާ އަށް ރިޢާޔަތްކުރާއިރު މި މައްސަލަ ބެލުމުގެ އިހްތިސާސް ހައިކޯޓަށް ލިބިފައިވާ ކަމުގައި ނުފެންނާތީ ހައިކޯޓުގެ ގަވައިދު )2011(ގެ 31 ވަނަ މާއްދާގެ )ރ(ގެ އެއް ވަނަ ނަމްބަރުގެ ދަށުން މި މައްސަލަ ބަލައިގަނެވެން ނެތްކަން އެންގީމެވެ." ރަޖިސްޓްރާގެ ނިންމުމުގައިވެ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި މިހާރުގެ ރައީސް އަބްދުﷲ ޔާމީނަށް ބޮޑު ބޭބެ ވިދާޅުވާ ޝާހީން "ހަވީރަ"ށް ވިދާޅުވީ ފަނޑިޔާރުންގެ އަދަދު މަދުކުރަން ކޯޓުތަކުގެ ގާނޫނަށް ގެންނަން ރައްޔިތުން މަޖިލީހުން މިދިޔަ ހަފުތާގައި ފާސްކުރި އިސްލާހުތައް، މިނިވަން ޑިމޮކްރަސީތަކުގައި ގެންގުޅޭ އުސޫލްތަކާ ހިލާފު ކަމަށެވެ. އަދި އެއީ އަދުލު އިންސާފާ ވެސް ހިލާފު އިސްލާހުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން އޭނާ ފަނޑިޔާރުން މަގާމުން ވަކިކުރެވޭނެ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ އިރު އެ އުސޫލްތަކާ ހިލާފަށް ވަކިކުރުމަކީ މުސްތަގިއްލުކަމާ އެކު ފަނޑިޔާރުން އަދުލު އިންސާފު ގާއިމްކުރަން އެޅޭ ހުރަހެއް ކަމަށެވެ. އެ އިސްލާހަށް ފަހު ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒްގެ އިތުރުން ފަނޑިޠާރު މުއުތަސިމް އަދުނާން އެ މަަގާމުން ބޭރުކުރުމަށް ފަހު އުއްތަމަ ފަނޑިޔާރުގެ މަގާމަށް އަބްދުﷲ ސައީދު ވަނީ އައްޔަން ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ