މަރަދޫ ދާއިރާގެ މެމްބަރު އާދިލް އެމްޑީޕީން ވަކިވެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އާދިލް އެމްޑީޕީން ވަކިވެވަޑައިގެންފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުން އާދިލް އެމްޑީޕީން ވަކިވެވަޑައި ގެންނެވުމަށް ޕާޓީގެ އޮފީހަށް ސިޓީ ފޮނުވާފައިވަނީ އިއްޔެ އެވެ. އަދި ސިޓީ ފޮނުވާފައިވާ މިދަނޑިވަޅަކީ އޭނާ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވަން އުޅުއްވާ ކަމުގެ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެޅެކެވެ.
ގައުމީ ޕާޓީގެ ޓިކެޓުގައި މަރަދޫ ދާއިރާއަށް ކުރިމަތިލައްވައި ހޮވިވަޑައިގެންނެވި އާދިލް މީގެކުރިން ވިދާޅުވެފައިވަނީ މްޑީޕީން ވަކިވެޑައިގަތުމަށް ނިންމެވީ އެ ޕާޓީގެ ކަންކަން ހިނގަމުންދާ ގޮތާ މެދު ހިތްހަމަޖެހިވަޑައި ނުގަންނަވާތީ ކަމަށެވެ.
އާދިލް ވިދާޅުވީ އެހެން ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށާއި އަންނަ ހަފުތާގައި އެކަމާ މެދު ގޮތެއް ނިންމަވާނެ ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވިފަހުން އެމްޑީޕީގެ ތިންމެމްބަރުން ވަނީ އެޕާޓީން ވަކިވެ އެހެން ޕާޓީތަކާއި ގުޅިވަޑައިގެންފައެވެ. އެއީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޝިފާގު މުފީދު އާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމްގެ އިތުރުން ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ އެވެ.
އާދިލް ޖުމްހޫރީ ޕާޓީއަށް ގުޅިވަޑައިގެންފި ނަމަ އެޕާޓީ މަޖިލީހުގައި ތަމްސީލްކުރާ މެމްބަރުންގެ އަދަދު ފަހަކަށް އަރާނެ އެވެ. މިހާރު ޖުމްހޫރީ ޕާޓީ ތަމްސީލްކުރާ 4 މެމްބަރުންނަކީ ޕާޓީގެ ލީޑަރު މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާއި ކުރެންދޫ ދާއިރާގެ މެމްބަރު އަހުމަދު މޫސާ އާއި ޕާޓީގެ ޑެޕިއުޓީ ލީޑަރު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އަދި ފޭދޫ ދާއިރާގެ އަލްހާން ފަހުމީ އެވެ.
އާދިލް އެމްޑީޕީން ވަކިވުމުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ އަދަދު 25 އަށް ދަށްވީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ