ވައުދުތައް ފުއްދުމުގައި ފަސްޖެހިވަޑައި ނުގަތުމަށް ގާސިމް އިލްތިމާސްކުރައްވައިފި

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގައި ފަސްޖެހިވަޑައި ނުގަތުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އިލްތިމާސްކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާއަށްފަހު މަޖިލީހުން ނުކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ގާސިމް މިއަދު ވިދާޅުވީ، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަކީ ސަރުކާރަކުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ އިހުސާސްތައް އެއިރެއްގައި އޮންނަ ސަރުކާރަކުން އަހަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާސިމް ވަނީ ސަރުކާރުގެ ވަޒީފާ ދެއްވުމުގައި ވެސް ވަކި ޕާޓީއަކަށް ނިސްބަތްވާ މީހުންނަށް ނޫނީ ވަޒީފާ ނުދޭ އުސޫލު މި ސަރުކާރުން ދޫކޮށްލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. މިއަދުގެ ސަރުކާރުން ކަންތައް ކުރަމުން ދަނީ އެފަދައިން ކަމަށާއި އެކަން ނޭނގޭ ދިވެހި ރައްޔިތެއް ނުހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު ޕީޕީއެމް، ނޫނީ އެމްޑީއޭ ބޭފުޅަކަށް ނޫނިއްޔާ ސަރުކާރުގެ ވަޒީފާ ނުލިބޭ އުސޫލަކީ ތާކުން ތާކުން ނުޖެހޭ އުސޫލެއް. އެ އުސޫލުތައް ދޫކޮށްލުމަށް އަޅުގަނޑު ހަމަ ގޮވާލަން. މިކަމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެނގިފާޅުވެފައިވާ ކަންތައް. ވަޒީފާއެއް ވެސް ނުލިބޭ އެ ދެ ޕާޓީއަށް ނިސްބަތް ނުވަންޏަކާއެއް،" ގާސިމް ވިދާޅުވި އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގެ މިސްރާބު މުޅިން ބަދަލުވެއްޖެ ކަމަށާއި މިހާރު ރާއްޖޭގެ ކަންކަން ކުރިއަށް ދަނީ ދިވެހި ރައްޔިތުންނަށް ފައިދާ ހުރި ގޮތަކަށް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ގައުމުގެ ކަންކަން ހަމަ މަގަށް އެޅުވުމުގެ ޒިންމާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި ވެސް އެޅިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެބަ ފެނޭ ދެއްތޯ އެކަން. އެ ވިސްނުމަށް ބަލައިފިނަމަ ބައެއް ބޭފުޅުން މިހާރު ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމް އިން އެބަ ކެނޑޭ. އަދި ބައެއް ބޭފުޅުން އަންނަނީ އެޕާޓީ އިން ކަނޑާލަމުން. އަޅުގަނޑު އުއްމީދު ކުރަނީ ގިނަ މެމްބަރުން އެފަދައިން ވިސްނާ ވަޑައިގެން ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތް ކުރައްވާނެ ކަމަށް،" ގާސިމް ވިދާޅުވި އެވެ.
ބޮޑެތި ކަންކަން ނިންމަން ދުވަސް ނަގާނެ ކަމަށާއި އެހެންނަމަވެސް ވަރަށް އަވަސް މުސްތަގުބަލެއްގެ ތެރޭގައި ސަރުކާރުގެ އަތުގައި އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެބޭފުޅުންގެ އަތުން ގެއްލިގެން ދާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ