އުތުރުގައި އަލަށް އަޅާ ތިން އެއާޕޯޓް 2018 އަށް ނިންމަނީ

ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅުގައި އެޅުމަށް ނިންމާފައިވާ ތިން އެއާޕޯޓުގެ މަސައްކަތް 2018 ވަނަ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު ހއ. ހޯރަފުއްޓަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
އުތުރުގައި އެއާޕޯޓް އެޅުމަށް ސަރުކާރުން ނިންމާފައިވާ ތިން ރަށަކީ ހއ. ހޯރަފުއްޓާއި، ހދ. ކުޅުދުއްފުށީގެ އިތުރުން ށ. ފުނަދޫ އެވެ.
ރައީސް މިއަދު ވިދާޅުވި ގޮތުގައި ހޯރަފުށީގައި އެއާޕޯޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް މިހާރު ވަނީ އިއުލާންކުރެވިފަ އެވެ. ފުނަދޫއާއި ކުޅުދުއްފުށީގައި އެއާޕޯޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް ވެސް މިހާރު ވަނީ ދެވަނަ ފަހަރަށް އިއުލާންކޮށްފަ އެވެ.
ރައީސް ޔާމީން ވިދާޅުވީ ހޯރަފުށި އެއާޕޯޓް ހަދާނީ އެރަށުގެ ފަޅުތެރެއިން ބައެއް ހިއްކައިގެން ކަމަށެވެ.
"އަޅުގަނޑުމެން އުއްމީދުކުރަން އިރާދަކުރެއްވިއްޔާ އެއާޕޯޓުގެ ހިދުމަތް މިރަށުގައި ހޯރަފުށީގައި ކުރިމަތީގައި މިއޮތް ތިލަ ހިކިގެންދާއިރު އިރާދަކުރެއްވިއްޔާ 2018 ވަނަ އަހަރު ނިމުމުގެ ކުރިން މިރަށަށް ދެން އަރާނީ ހޯރައެއް ނޫން. ހަމަ އުދުއްސާފައި ޖައްސާނެ، މަތިންދާ ބޯޓް ޖައްސާނެ ކަމާ ދޭތެރޭގައި އަޅުގަނޑު އުއްމީދުކުރަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިސަރުކާރުގެ އަޒުމަކީ ކުޅުދުއްފުށީގައި ވެސް އެއާޕޯޓެއް ހެދުން ކަމަށާއި ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުން ލަސްވީ ސަރުކާރުގެ މައްސަލައަކުން ނޫން ކަަމަށެވެ. އެމަސައްކަތް ލަސްވީ އެރަށުގައި އެއާޕޯޓް އަޅާނެ ޖާގައާއި ދޭތެރޭގައި ރައްޔިތުންނާ ކައުންސިލާއި ދެމެދު އުފެދުނު ނުތަނަވަސް ކަމެއްގެ ސަބަބުން ކަމަށާއި ނަމަވެސް ކުޅުދުއްފުށީގައި އޮތް ކުޅި ހިއްކައިގެން އެއާޕޯޓް އެޅުމަށް މިހާރު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުޅުދުއްފުށީގައި އެއާޕޯޓް އަޅާނެ ބިމަކާ ދޭތެރޭ އެއްބަސްވުމަކަށް އާދެވުމާ ގުޅިގެން ސަރުކާރުން މިހާރު މަސައްކަތް ކުރަނީ މި ތިން ރަށުގެ އެއާޕޯޓް އެކީގައި ފެށުމަށްފަހު 2018 ވަނަ އަހަރުގެ ނިޔަލަށް ނިންމާލުމަށް ކަމަށެވެ. އަދި ވިދާޅުވީ މިއީ އުތުރަށް ޓޫރިޒަމް ފުޅާކުރުމަށް ކުރެވޭ މަސައްކަތާއި އެކު ތަަރައްގީ ގެނައުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.
"އަޅުގަނޑުމެން ހަަމަ އުއްމީދު މިކުރަނީ އިރާދަކުރެއްވިއްޔާ 2018ގައި ހޯރަފުއްޓަށް ވަޑައިގަތުމުގެ ކުރިން މިތިން ރަށުގައިވެސް އެއާޕޯޓް އަޅާ އަދި މިރަށްރަށަށް ބޯޓް ޖައްސާ ބޯޓް އުދުއްސާތަން އަޅުގަނޑުމެންނަށް ފެނިގެންދާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ވީހާވެސް އަވަހަށް ވީހާވެސް ފުރިހަމައަށް ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަށާއި މަޝްރޫއުތައް ފެށުމަށް ކަމަށެވެ. ނަމަވެސް ބައެއް މަޝްރޫއުތައް ލަސްވަނީ ކޮންމެވެސް ވަރަކަށް ފަސާދައިގެ އަމަލުތައް ހިމެނޭތީ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރުވެސް މި މަޝްރޫއުތައް ދޫކުރާއިރު ކުރީގައި އޮންނަ ހަމަ ހުރިހާ އުސޫލަކަށް ޓެންޑަ ކުރުމާއި ޓެންޑަ އިވެލުއޭޓް ކުރުމާއި އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުން މައްސަލައެއް ބެލުމުގެ ބޭނުމުގައި މަޝްރޫއެއް ހުއްޓާލަންޖެހޭ ކަމަށްވަންޏާ އެއަށްވެސް ޖާގަ ލައިގެން އަޅުގަނޑުމެން މަޝްރޫއުތައް މިގެންދަނީ. އެހެންނަމަވެސް އަޅުގަނޑުމެން ކުރާ މަސައްކަތުގައި ތަފާތަކީ މަސައްކަތް އަވަސް ކުރުމަށް މިނޫން އެހެން ދާއިރާތަކުގައި ކުރެވެން ހުންނަ ވަރަށް ގިނަ ކަންތައްތައް ހުރީމާ އެމަސައްކަތުގެ ފަސޭހަކަން ހޯދުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުން އިރާދަކުރެއްވިއްޔާ މަޝްރޫއުތައް އަވަސް ވެެގެން މިދަނީ،" ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ