ރިޔާސީ އިންތިހާބުގެ ސޯޝަލް މީޑިއާ ކެމްޕޭން އުމަރު ފައްޓަވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ސޯޝަލް މީޑިއާ ކެމްޕޭން ފައްޓަވައިފި އެވެ.
އުމަރުގެ ސޯޝަލް މީޑިއާ ކެމްޕޭން ރޭ ފެއްޓުމުގެ ގޮތުން އުމަރު ވަނީ ހާއްސަ މެސެޖުތަކެއް ހިމެނޭ ފޮޓޯއެއް ޓްވީޓް ކުރައްވާފަ އެވެ.
އުމަރުގެ ކެމްޕޭން ސްލޯގަންގެ ގޮތުގައި މިއަހަރުވެސް ބޭނުންކުރައްވާފައިވަނީ އޭނާ ކުރިން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި ބޭނުން ކުރެއްވި ސްލޯގަން ކަމުގައިވާ "ހައްލަކީ އުމަރު" ކަމުގަ އެވެ.
ވެރިކަން ކުރާ ޕީޕީއެމް އުފެއްދުމަށް އެންމެ އިސް ދައުރެއް އަދާކުރެއްވި އުމަރު ޓްވީޓް ކުރައްވާފައިވާ ފޮޓޯގައިވާ މެސެޖުގައި ބުނެފައިވަނީ ޕީޕީއެމް އުފެއްދީ ހަމައެކަނި ގައުމަށް ހިދުމަތް ކުރުމަށް ކަމަށެވެ.
"އަމިއްލަ ނަފްސުގެ ކުރިއަށް ގައުމު ނެރެން. ފައިސާގެ ކުރިއަށް ގައުމު ނެރެން،" ފޮޓޯގައި ބުނެފައިވެ އެވެ.
އުމަރު ޓްވީޓް ކުރައްވާފައިވާ ފޮޓޯގައި ކާލާ މަންނަ ވެސް ބޭނުންކުރައްވާފައިވެ އެވެ.
ކަލާ މަންނަ އޮތީ އުމަރުގެ އަތްޕުޅުގައި ކަމަށް އުމަރު އަބަދުވެސް ވިދާޅުވަމުން ގެންދަވަ އެވެ. އުމަރު ކާލާ މަންނަ ބޭނުން ކުރައްވަނީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމަށް އިޝާރާތްކުރައްވަ އެވެ.
އުމަރަކީ މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއާ ވާދަކުރެއްވި ހަމައެކަނި ބޭފުޅާ އެވެ. ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޔާމީންއަށް އަމާޒުކުރައްވާ އުމަރު ވަރަށް ގިނަ ބަހުގެ ހަމަލާތައް ދެއްވާ ބޮޑެތި ތުހުމަތުތަކެއް ވެސް ކުރެއްވި އެވެ. ނަމަވެސް ރައީސް ޔާމީން ވެެރިކަމާ ހަވާލުވަޑައިގެން އުމަރަށް ހޯމް މިނިސްޓަރުކަން ދެއްވުމާ ގުޅިގެން ރައީސް ޔާމީން ދިފާއު ކުރެއްވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައިވެސް އުމަރު ހިމެނިވަޑައިގަންނަވަ އެވެ.
ހޯމް މިނިސްޓަރު ކަމުން އުމަރު ނަސީރު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު އެވެ. އިސްތިއުފާ ދެއްވި ވަކި ސަބަބެއް މިއަދާ ހަމައަށް ވެސް އުމަރު ވިދާޅުވެ ދެއްވާފަ އެވެ. އުމަރު ކުރިން ވިދާޅުވަމުން ގެންދެވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ތާއީދުކުރެއްވުމަށްފަހު އޭނާ ވާދަކުރައްވާނީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ކަމަށެވެ. ނަމަވެސް 2018 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވާ އުމަރު އެކަން ކުއްލި ގޮތަކަށް އިއުލާންކުރެއްވީ މިމަހުގެ އެއްވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ