އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމި ނިންމުންތަކަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މަރުހަބާ ވިދާޅުވެއްޖެއެވެ.
އީސީން މިއަދު މުހިއްމު ދެ ނިންމުމެއް ނިންމާފައިވާއިރު ފުރަތަމަ ނިންމުމަކީ ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅުއްވަން ދެން، ރައްޔިތުން މަޖިލީހުގެ 12 ދާއިރާއެއްގެ ބައި އިލެކްޝަން ބޭއްވުމަށް އެ ކޮމިޝަނުން ކުރިން ނިންމި ނިންމުން ބާތިލުކުރުމެވެ.
12 ދާއިރާއެއްގައި ބައި އިލެކްޝަން ބާއްވަން އީސީން މީގެކުރިން ނިންމީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ޤާނޫނު ބާތިލް ނޫން ކަމަށް ސްޕްރީމް ކޯޓުން ހުކުމް ކުުރުމާ ގުޅިގެންނެވެ.
މީގެއިތުރުން މިދިޔަ ހުކުރު ދުވަހު ޕީޕީއެމް އިން ބޭއްވި ކޮންގްރެސް ބާތިލުކުރުމަށް ވެސް އީސީން މިއަދު ވަނީ ނިންމާފައެވެ. ކޮންގްރެސް ބާތިލުކުރުމަށް އީސީން ނިންމީ އެ ކޮންގްރެސް ބާއްވާފާއިވަނީ އިޖުރާތުތައް ފުރިހަމަނުކޮށް ކަމަށް ބުނެއެވެ.
އީސީން ނިންމި ނިންމުންތަކާ ގުޅިގެން މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީސީން މިއަދު ނިންމި "ތާރީހީ" ނިންމުންތަކަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި މި ނިންމުންތަކަކީ ޑިމޮކްރެސީގެ ހަމަތަށް ގާއިމު ކުރުމަށް ލިބުނު ވަރަށް ބޮޑު ބާރެއް ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
ޕީޕީއެމްގެ ކޮންގްރެސް ބާތިލުކުރަން އީސީން ނިންމިއިރު އެ ކޮންގްރެސްގައި ހުރިހާ ބައިވެރިންގެ އިއްތިފާގުން ޕާޓީގެ ރައީސްކަމަށް، ޕާޓީގެ މިހާރުގެ މުސްތަޝާރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ އިންތިޚާބު ކޮށްފައެވެ.
އަދި މި ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސްކަމަށް މިހާރުވެސް ނައިބު ރައީސްކަމުގެ މަޤާމުގައި ހުންނެވި ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުރައްހީމް ޢަބްދުﷲ، ޓޫވަރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ އިތުރުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދާއި، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު، އާޒިމާ ޝަކޫރު ވަނީ އިންތިޚާބު ކޮށްފައެވެ. މީގެ އިތުރުން މި ޖަލްސާގައި ޕީޕީއެމްގެ ކައުންސިލަށްވެސް ބޭފުޅުން ވަނީ އިންތިޚާބު ކޮށްފައެވެ.
އީސީން މިގޮތަށް ނިންމެވިއިރު ޕީޕީއެމް އިން ބޭއްވި ކޮންގްރެސްގައި ހުރި ކަންބޮޑުވުންތައް ހާމަކޮށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފަށް، ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިއްޔެ ވަނީ ސިޓީފުޅެއް ފޮނުއްވާފައެވެ.
އީސީގެ ނިންމުންތަކަށް މައުމޫން މަރުހަބާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ