މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެހީ ފޯރުކޮށްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
ސްރީލަންކާގެ އާންމު ހާލަތު ގޯސްވުމާ ގުޅިގެން އެގައުމުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ގާތުން ބަލައި، ދިވެހިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ކުއްލި މައްސަލައެއް މިއަދު މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.
އެމައްސަލައިގައި ވަނީ, ލަންކާގެ ސިޔާސީ, އިޤްތިޞާދީ އަދި އާންމު ހާލަތު ގޯސްވުމުން އެގައުމުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިންނަށްވެސް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
އެމައްސަލަތަކުގެ ސަބަބުން ލަންކާގައި ތިބި ދިވެހިން ރަމަޟާން މަހުގެ ދުވަސްތައް ހޭދަ ކުރަމުންދަނީ ދަތި، ނިކަމެތި ހާލަތެއްގައި ކަމަށް މައްސަލައިގައި ބުނެފައިވެއެވެ.
އެހެންކަމުން ލަންކާގައި ތިބި ދިވެހިންގެ ހާލަތު ވަކިވަކިން، ދުވަހުން ދުވަހަށް ބެލުމަށް އެމައްސަލައިގައި ގޮވާލާފައިވެއެވެ.
މިއަދުގެ މަޖިލީހާށް ހާޒިރުވެ ތިއްބެވި 87 މެމްބަރުންގެ ތެރެއިން މައްސަލަ ބަލައިގަތުމާ ބެހޭގޮތުން މަޖިލީހުގައި ނެގި ވޯޓުގައި 55 މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެތެރެއިން މައްސަލަ ބަލައިގަތުމަށް 11 މެންބަރުން ވޯޓު ދެއްވިއިރު އެއާ ދެކޮޅަށް 44 މެންބަރުން ވޯޓުދެއްވިއެވެ.
ކުއްލި މައްސަލަ ފާސްވުމަށް ބޭނުންވާ 28 ވޯޓު ހަމަނުވުމުގެ ސަބަބުން އެމައްސަލަ ވަނީ މިއަދުގެ މަޖުލީހުގެ ތަޅުމުން ބޭރުކޮށްލާފައެވެ.
ކޮވިޑް-19 ގެ ތެރޭގައި ލަންކާގެ ފަތުރުވެރިކަމުގެ ދާއިރާ ހުއްޓުމުން އެގައުމަށް ބޭރުގެ ފައިސާ ލިބުން ދަތިވެ، ތެލާއި ކާބޯތަކެތި އެތެރެ ކުުރުމަށް ބުރޫ އެރިއެވެ. އަދި އެގައުމުގެ ފައިސާގެ އަގު ވެއްޓި، ރައްޔިތުންނަށް އަސާސީ ތަކެތި ލިބުން ވަނީ ދަތިވެފައެވެ.
މުޅި ސްރީލަންކާގައި ހުކުރު ދުވަހުން ފެށިގެން ކުއްލި ނުރައްކަލުގެ ހާލަތު ހިންގައި، ހޯމަދުވަހުގެ ހެނދުނާ ހަމައަށް ކާފިއު ހިންގާފައި އޮތް ނަމަވެސް، ރުޅިއައިސް ރަތްވެފައިވާ އާންމުން ގެންދަނީ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުންނެވެ.
އެމައްސަލަތަކުގެ ސަބަބުން ލަންކާގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުން ދަނިކޮށް އެގައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ފިޔަވައި، ކެބިނެޓްގެ ހުރިހާ ވަޒީރުން ވަނީ އިސްތިއުފާ ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ