ޖަރުމަނު ސަފީރަކަށް ހުންނެވި މެމްބަރު ހަސަންކޮގެ ބޭބެ އަނބުރާ ގެންނަން ނިންމައިފި

ރާއްޖެއިން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ލަތީފު (ސީވިޑް ލަތީފް) އެ މަގާމުން ވަކިކޮށް، އަނބުރާ ގެންނަން ނިންމައިފި އެވެ.
ޗައިނާގެ ސަފީރުކަންވެސް ކުރިން ކުރެއްވި ސީވިޑް ލަތީފަކީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފުގެ ބޭބެ އެވެ. އޭނާ އެ މަގާމަށް ހަމަޖެއްސީ ޖަނަަވަރީ 20، 2019ގަ އެވެ.
ރައްޔިތުންގެ މަޖިލީހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީގައި ވިދާޅުވީ، ލަތީފް އަނބުރާ ގެންނަން ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް އޭނާ ދެން ހަމަޖައްސަވާނެ ތަނެއް ރައީސް އަދި ވިދާޅެއް ނުވެ އެވެ.
ޖަރުމަނު ސަފީރަކަށް ހަމަޖައްސަން ރައީސް ސޯލިހު ނިންމަވައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ފޮނުވީ ރާއްޖޭގެ ފުރަތަމަ އަންހެން ޗީފް އޮފް ޕްރޮޓޮކޯލް ޝާން ޝާކިރުގެ ނަމަށެވެ.
ޝާން ޝާކިރަކީ ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރުކަންވެސް ކުރެއްވި ބޭފުޅެކެވެ.
ޖަރުމަނުގެ ސަފީރަކަށް ހަމަޖެއްސުމާ ގުޅޭ ގޮތުން، އޭނާގެ ނަން ދިރާސާކޮށް، ގޮތެއް ނިންމުމަށްޓަކައި ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށް ފޮނުވަން ނިންމެވީ ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ