ފޯނެއް ފޭރިގެން ދަނިކޮށް ކޮންޓްރޯލުން ނައްޓައި ސ. ހިތަދޫ ރަތްފުސްގޭ، އަބްދުﷲ ގާސިމް އިބްރާހީމްގެ ގައިގައި ސައިކަލުން ޖެހި އޭނާ މަރުވެފައިވާތީ ސައިކަލް ދުއްވަން އިން ގއ. ގެމަނަފުށީ ނޫރުއްސަބާހު އަހްމަދު ނާދީ ސަލީމްގެ މައްޗަށް އަމުރަށްނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ އުފުލައިފި އެވެ.
ނާދީގެ މައްޗަށް އަމުރަށްނުކިޔަމަންތެރިވުމުގެ ދައުވާ އުފުލީ ލައިސަންސް ނެތި ބާރްސްޕީޑުގައި ސައިކަލް ދުއްވުމުގެ ސަބަބުން ކޮންޓްރޯލުން ނެއްޓި، އަބްދުﷲ ގާސިމްގެ ގައިގައި ސައިކަލުންޖެހި އޭނާ މަރުވެފައިވާތީ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 17 ވަނަ ދުވަހުގެ 11:30 އާއި 12:30 އާ ދެމެދުގެ ވަގުތެއްގައި އޯކިޑުމަގުގައި ހުންނަ ސަލްސާ ރޯޔަލް ރެސްޓޯރަންޓް ކައިރިން ހުޅަނގުން އިރަށް ބާރު ސްޕީޑުގައި އިތުރު މީހަކާ އެކު ނާދީ ސައިކަލެއްގައި ދުއްވާފައި ދިޔަ ކަމަށެވެ. އަދި ޖަސްޓިސް ބިލްޑިން ކައިރިން ފުލުހުން އޭނާއަށް ތަކުރާރުކޮށް މަޑުކުރަން އަންގައި، މަޑުކުރުވަން މަސައްކަތް ކުރުމުން ވެސް މަޑުނުކޮށް ގޮސްފައިވާ ކަމަށެވެ.
ފުލުހުންގެ އެންގުމަށް މަޑުނުކޮށް ބާރު ސްޕީޑުގައި ދުއްވާފައި ދިއުމުގެ ސަބަބުން ޖަސްޓިސް ބިލްޑިން ކުރިމަތީ ސައިކަލެއްގައި މަޑުކޮށްލައިގެން އިން އަބްދުﷲ ގާސިމްގެ ގައިގައި ޖެހި ހިނގި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް އޭނާ މަރުވެފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
ދައުވާ އަށް ޖަވާބުދާރީ ވުމަށް ފުރުސަތު ދިނުމުން، މުޅި ދައުވާ އަށް ނާދީ އިންކާރެއް ނުކުރެ އެވެ. އެކްސިޑެންޓް ހިނގިކަމަށް އޭނާ އެއްބަސްވިއެވެ.
ނާދީ ދުއްވާފައި ވަނީ އޭނާ ވަގަށް ނެގި ސައިކަލެއްކަމަށް އޭނާ އިއުތިރާފުވެފައި ވާތީ އާއި ފުލުހުން މަޑުކުރަން އެންގުމުން މަޑުކޮށްފައި ނުވާތީ އާއި ފޯނެއް ފޭރިގެންފައިވާތީ ޖުމްލަ ދެ އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަށް އޭނާ ޖަލަށް ލާން ކްރިމިނަލް ކޯޓުން ވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައި ހުކުމް ކޮށްފަ އެވެ.
އެކްސިޑެންޓުގައި ގާސިމް މަރުވުމުން ސައިކަލްދުއްވަން އިން މީހާގެ މައްޗަށް ދައުވާ ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ