ރިޔާސީ އިންތިހާބަށް ކެމްޕެއިންގެ މަސައްކަތް ރޯދަ މަހުގެ ފަހުން ފަށާނެ ކަމަށާއި އެކަމަށް ހިލޭ ސާބަހަށް މަސައްކަތްކޮށްދޭނެ 3000 މީހުން ބޭނުންވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގައި އަމިއްލަ ކެންޑިޑޭޓެއް ގޮތުގައި ވާދަ ކުރައްވާ، އުމަރަށް ތާއީދު ކުރާ މީހުންގެ ފަރާތުން ރޭ ބޭއްވި މާހެފުމެއްގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ "އާ މިސްރާބަކަށް"ގެ ނަމުގައި އޭނާގެ ކެމްޕެއިން އަންނަ ރޯދަ މަހަށް ފަހު ފަށަން ނިންމާފައިވާ ކަމަށާއި އެ މަސައްކަތް ކާމިޔާބު ކުރެވެން އޮތީ ވަރަށް ގިނަ މީހުންގެ މަސައްކަތުން ކަމަށެވެ. އެގޮތުން ހިލޭ ސަބަހަށް މަސައްކަތްކޮށް ދޭނެ 3000 މީހުން ރާއްޖޭގެ އެކި ކަންކޮޅުން ބޭނުންވާ ކަމަށް އުމަރު ވިދާޅުވި އެވެ. އެ މީހުން ފުލް ޓައިމް މަސައްކަތް ކުރާކަށް ނުޖެހޭނެ ކަމަށާއި ކޮންމެ ދުވަހަކު ވެސް ދެގަޑިއިރެއް ހާއިރު ކެމްޕެއިން ކުރަން ޖެހޭނެ ކަމަށް އުމަރު ވިދާޅުވި އެވެ.
"ހިންގަވާ އަޅުގަނޑާ އެކުގައި އާ މިސްރާބަކަށް، އެ މިސްރާބަކީ ކުރިން 10 އަހަރުގެ ތެރޭގައި ހިންގި މިސްރާބެއް ނޫން، އެ މިސްރާބުން އަޅުގަނޑުމެން ހިންގާފިއްޔާ ދެން ވެސް ވާނީ ހަމަ ކުރިން ވެސް ވީ ގޮތް، އެއްވެސް ތަފާތެއް ނޯންނާނެ، އެހެންވެ އާ މިސްރާބަކަށް ހުދު އިންގިލާބެއް ގެންނަން ހިންގަވައި،" އުމަރު ވިދާޅުވި އެވެ.
އުމަރު އިތުރަށް ވިދާޅުވީ ވޭތުވެ ދިޔަ 10 އަހަރު ތެރޭގައި ވެސް ފެނިގެން ދިޔަ ކަންކަމުން ސިފަކޮށްދެނީ ވެރިކަމުގެ ހުންނަ ފަރާތްތަކުން ދީނުގައި ގާއިމްވެގެން ހުންނަން ޖެހޭ މިންވަރު ކަމަށެވެ. ދީނީ ހަމަތައް ނައްތާ ދޫކޮށްލުމުން މުޅި ދައުލަތަށް އަންނަ ލޮޅުންތައް ފެނިގެން ގޮސްފައިވާ ކަމަށާއި އެކަން ދެ ސަރުކާރުން ވެސް ފެނިފައިވާ ކަމަށެވެ.
ނަމަވެސް އުމަރުގެ ސަރުކާރެއްގައި ހުރިހާ ކަމެއް ބިނާވެފައި އޮންނާނީ އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ މަތީގައި ކަމަށާއި އެ ނޫން އެހެން ގޮތަކަށް އެއްވެސް ކަމެއް ނުހިނގާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަން ކުރުމަށްޓަކައި ހަމައެކަނި އުސޫލުތައް ގާއިމް ކުރުމުގެ ބަދަލުގައި ވެރިއަކަށް ހުންނަ މީހަކީ ވެސް ފުރިހަމައަށް ދީން ގަބޫލު ކުރަން ޖެހޭ މީހަކަށް ވާން ޖެހޭ ކަމަށް އުމަރު ވިދާޅުވި އެވެ.
ހިލޭ ސާބަހަށް ކެމްޕެއިން ކޮށްދޭނެ 3000 މީހުން ބޭނުންވޭ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ