އަދުލު އިންސާފު ދިރިދެމި އޮތް ކަން އެނގިއްޖެ: ގާސިމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސާބިތުކޮށްދެއްވީ އަދުލުއިންސާފު ދިރިދެމި އޮތްކަން ކަމުގައި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހީމް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާ ދަމަހައްޓާ މިއަދު ސުޕްރީމް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ.
ގާސިމް އިބްރާހިމްގެ ޓުވީޓުގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސާބިތުކޮށްދެއްވީ އަދުލު އިންސާފު ދިރިދެމި އޮތްކަން ކަމަށާއި އަދި އަނިޔާވެރިކަން އެއީ ހައްގު ނޫންކަން ކަމާއި މަކަރާއި ހީލަތަކީ އިންސާފު ނޫންކަން ކަމުގަ އެވެ.
ނަސްރު ލިބޭނީ ހައްގު ގޮތުގައި ތިބޭ ބަޔަކަށް ކަމުގައިވެސް ގާސިމް އިބްރާހިމްގެ ޓްވީޓުގައި ވަނީ ވިދާޅުވެފަ އެވެ.
23 ސެޕްޓެމްބަރު 2018 ގައި ބޭއްވި ރިޔާސީ އިންތިހާބު ނާކާމިޔާބުވެ ވަޑައިގެންނެވުމުން ރައީސް އަބްދުﷲ ޔާމީނު ވަނީ އިންތިހާބު ބާތިލް ކުރެއްވުމަށް ސުޕްރީމް ކޯޓަށް ވަޑައިގެންފަ އެވެ.
އެހެންނަމަވެސް އެމައްސަލާގައި މިއަދު ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވަނީ އިންތިހާބު ބާތިލްކުރާނެ ތަނެއް ނެތް ކަމަށާއި އިންތިހާބު އޮޅުވާލުމަށް ހިންގި ކަމަށް ތުހުމަތު ކުރާކަންކަން ތަހުގީގު ކުރުމަށް އަންގައި އަމުރު ކުރާނެ ތަނެއްވެސް ނެތް ކަމަށެވެ.
ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަމަށް ބުނެ ޕީޕީއެމުން މަދު ބަޔަކާއި އެކު ރެއާއި ހަމައަށްވެސް އައީ މުޒާހަރާކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ