މަޖިލީހުގެ ރިޔާސަތު ގާސިމް ފުރިހަމަ އަށް ބަލަހައްޓަވާނެ - ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފުރިހަމަ އަށް ބަލަހައްޓަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިހާރުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރުމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވައްދާފައިވާއިރު، އިދިކޮޅު ފަރާތްތަކުން ވަނީ މަސީހު މަގާމުން ދުރުކުރުމަށްފަހު އެ މަގާމު ގާސިމަށް ދިނުމަށް ނިންމާފައެވެ.
މިކަމާ ގުޅޭގޮތުން ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް ގާސިމް ގެންނަން ގުޅިފައިޥާ އިދިކޮޅު އިއްތިހާދުގެ މެމްބަރުން ވޯޓު ދެއްވުމަށް އެއްބަސްވެފައިވާ ކަމަށާއި މަޖިލީހުގެ ރިޔާސަތު ގާސިމް ވަރަށް ފުރިހަމަ އަށް ބަލަހައްޓަވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.
މަޖިލީހުގެ ރައީސްކަން ގާސިމް އަށް ދިނުމަށް ނިންމާފައިވާއިރު، މަސީހު މަގާމުން ދުރުކޮށްފިނަމަ މަޖިލީހުގެ ރައީސް ކަމަށް ވާދަކުރައްވާނެކަން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ އިއުލާން ކުރައްވާފައެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ 51 މެމްބަރުންގެ ސޮޔާއެކުއެވެ. މަސީހު މަގާމުން ދުރުކުރަން ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ މެމްބަރުންތަކެއް ވެސް ހިމެނިވަޑައިގަންނަވައެވެ.
މަސީހު މަގާމުން ދުރުކުރުމުގެ މައްސަލަ، މަޖިލީހުގެ އިދާރާ އިން ވަނީ އަންނަ މަހުގެ އަށްވަނަ ދުވަހަށް ތާވަލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ