ޓްރާންސްޕޯޓު މިނިސްޓްރީއާ ގާސިމް ހަވާލުވޭ، އޭރުން އޯޑިއޯ ނުނިކުންނާނެ

ޓްރާންސްޕޯޓު މިނިސްޓްރީއާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހަވާލުވާން އެދޭ ކަމަށާއި އޭރުން އޯޑިއޯތަކެއް ނުނިކުންނާނެ ކަމަށް ބިލެތްދޫ ދާއިރާ މެމްބަރު އަހްމަދު ހަލީމް (ދޮންބިލަތް ހަލީމް) ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ހުށަހަޅާފައިވާ ހަކަތައިގެ ބިލަށް ބަހުސް ކުރައްވަމުން ހަލީމް ވިދާޅުވީ ސަރުކާރުގައި ލަސްކަމެއް އުޅެނީ ކޯލިޝަނުގެ ސަބަބުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި ކޯލިޝަން ބަދަހިކޮށް އޮތުމަށްޓަކައި ސީދާ ކޯލިޝަން ލީޑަރުން ސަރުކާރަށް ވަޑައިގަންނަވަންޖެހޭ ކަމަށެވެ.
އެގޮތުން ފިޝަރީޒް މިނިސްޓްރީއާ އެމްއާރްއެމްގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހަވާލުވުމަށާއި ފިނޭންސް މިނިސްޓްރީއާ އަދި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއާ ގާސިމް ހަވާލުވެލެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި އޭރުން ކޯލިޝަން މާ ރަނގަޅަށް ހިނގާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ހަލީމް ވިދާޅުވިއެވެ.
އަދި ގާސިމް ވަޒީރު ކަމުގައި ހުންނެވިނަމަ މިހާރު ނިކުމެގެން އުޅޭ އޯޑިއޯތައް ވެސް ނުނިކުންނާނެ ކަމަށް ވެސް ހަލީމް ވަނީ ވިދާޅުވެފައެވެ. ހަލީމް އެ އިޝާރާތް ކުރެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ކަމަށް ބުނެ މީހަކު ދެއްކި ވާހަކަތަކެއްގެ އޯޑިއޯގެ ވާހަކައަށެވެ.
"ގާސިމަށް އިލްތިމާސްކުރަން، އަދި އެއް ވުޒާރާ އިތުރުކޮށް. ޓްރާންސްޕޯޓު މިނިސްޓްރީއާ ވެސް ހަވާލުވެ ވަޑައިގަންނަވަން. އޭރުން މި ވީޑިއޯތަކެއް ވެސް އޯޑިއޯތަކެއް ވެސް ރަށު ތެރެއަށް ނިކުމެގެން ނުދާނެ. އޭރުން ނިކުންނަނަ ކަމަށްވަނީނަމަ، ނިކުންނާނީ ސީދާ އެމަނިކުފާނުގެ އަޑުފުޅުން. އެމަނިކުފާނުގެ އަޑުފުޅުން ނިކުމެއްޖެއްޔާ އޭގެއިން އަޅުގަނޑުމެންނަށް ވެސް އުފަލެއް ހާސިލުކުރެވިދާނެ" ހަލީމް ވިދާޅުވިއެވެ.
މީގެއިތުރުން ހަލީމް ވަނީ ގާސިމަށް ވަގުތުވާނަމަ ސްޓެލްކޯއާ ވެސް ހަވާލުވެ ވަޑައިގެންނެވުމަށް ވެސް ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ