ޖޭޕީ އަށް ހޯރަފުށީ ދާއިރާ ނުލިބުމުން މެމްބަރު އަހުމަދު ރަޝީދު ވާދަނުކުރަން ނިންމައިފި

ރިޔާސީ އިންތިހާބުގެ ތެރޭގައި އެއްބަސްވެފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާ ޖުމްހޫރީ ޕާޓީ އަށް ނުލިބުމުން، އެ ދާއިރާގެ ގޮނޑި މިހާރު ފުރުއްވާ މެމްބަރު އަހުމަދު ރަޝީދު ވާދަނުކުރައްވަން ނިންމަވައިފި އެވެ.
އެމްޑީޕީން ވަކިވެވަޑައިގެން އަހުމަދު ޖުމްހޫރީ ޕާޓީ އަށް ސޮއިކުރެއްވީ އެ ޕާޓީގެ ޓިކެޓްގައި ހޯރަފުށީ ދާއިރާ އަށް ވާދަކުރެއްވުމަށެވެ. އެގޮތަށް އެއްބަސްވެ، އޭނާ ޖުމްހޫރީ ޕާޓީ އަށް ސޮއިކުރެއްވި ރަސްމިއްޔާތުގައި އެ ދާއިރާގެ ޓިކެޓް އޭނާ އަށް ކަށަވަރުވެފައިވާކަން ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ އިއުލާން ވެސް ކުރައްވައިފަ އެވެ. އަދި އެ ދާއިރާ ޖޭޕީ އަށް ދޭން ޕީޕީއެމްގައި އެދޭނެ ކަމަށް ވެސް ގާސިމް ވިދާޅުވެފައިވެ އެވެ.
އެކަމަކު ކޯލިޝަން ޕާޓީތަކުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރާނެ ދާއިރާތައް ކަނޑައެޅިއިރު، އެ ދާއިރާ ލިބިފައި ވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އަށެވެ.
ކޯލިޝަނުން ދާއިރާތައް ބެހިގޮތް އިއްޔެ އިއުލާންކުރުމާއެކު، ހޯރަފުށީ ދާއިރާ އަށް ކުރިމަތިނުލައްވާނެ ކަމަށް އަހުމަދު ރަޝީދު މިހާރު ވަނީ ވިދާޅުވެފަ އެވެ.
"ﷲގެ ހެޔޮ ރަހުމަތާއެކު އަޅުގަނޑު 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިނުލާނެ ވާހަކަ އެންމެހާ ރައްޔިތުންނަށް އަރިސްކުރަން،" އަހުމަދު ރަޝީދު ޓުވިޓާގައި ވިދާޅުވި އެވެ.
ޖޭޕީ މެމްބަރެއްގެ ގޮތުގައި މިހާރު ހުންނެވި އަހުމަދު ވަނީ މަޖިލީސް އިންތިހާބުގެ އެ ދާއިރާގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރައްވާނެކަން ވެސް އާއްމުކޮށް އިއުލާންކުރައްވައިފަ އެވެ. އެމްޑީޕީގެ މަޖިލީސް ޕްރައިމަރީގައި ހޯރަފުށީ ދާއިރާ އިން ޓިކެޓް ހޯއްދެވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު ސަލީމް (ސައްލެ) އެވެ.
އަހުމަދު އެމްޑީޕީން ވަކިވެ ޖޭޕީއާ ގުޅިވަޑައިގެންނެވީ ހޯރަފުށީ ދާއިރާގެ އެމްޑީޕީ ޓިކެޓް ސަލީމަށް ހޯދައިދޭން ޕާޓީގެ އިސް ފަރާތްތަކުން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރައްވަ އެވެ. އެމްޑީޕީ އަށް ފާޑުވިދާޅުވެ އޭރު އޭނާ ވިދާޅުވެފައިވަނީ އެމްޑީޕީން ކަންކަން ކުރަމުން އަންނަނީ އާއްމު މެމްބަރުންގެ ބައިވެރިވުމާ އެކު ނޫން ކަމަށާއި މަތިން އަންނަ އޯޑަރާ އެއްގޮތަށް ކަމަށެވެ.
މަޖިލީހުގެ ދާއިރާތައް ބެހި އިރު ޖޭޕީން ބޭނުންވި ގޮތަށް ހޯރަފުށީ ދާއިރާ ނުލިބުނު ނަމަވެސް އެ ޕާޓީން ބުނެފައިވަނީ ތިން ޕާޓީން ވާދަކުރާނެ ދާއިރާތައް ކަނޑައެޅި ގޮތާ މެދު ހިތްހަމަޖެހޭ ކަމަށެވެ. ޖުމްހޫރީ ޕާޓީން ބޭނުންވި ބައެއް ގޮނޑިތައް އެ ޕާޓީ އަށް ނުލިބުނު އިރު ޕީޕީއެމުން ވާދަކުރަން ބޭނުންވި ބައެއް ދާއިރާތައް އެ ޕާޓީ އަށް ވެސް ގެއްލިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ