ސ. ގަމު އެއާޕޯޓު ތަރައްގީ ކުރާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ)ގެ 30 ޕަސެންޓް ހިއްސާ ކާސާ ހޯލްޑިންއަށް ވިއްކާލުމާ މެދު އައްޑޫގެ ރައްޔިތުން ހިތްހަމަ ޖެހޭ ކަމަށް އެ ރަށުގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން ބުނެފި އެވެ.
ނަލަހިޔާ ހޮޓަލުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި އެ ކޮމެޓީން ވާހަކަ ދެއްކެވި އިބްރާހިމް ހަމީދު ވިދާޅުވީ އެ އެއާޕޯޓު ތަރައްގީކުރުމަށް މިއަދާ ހަމައަށް ސަރުކާރުން ކުރި މަސައްކަތްތަކުން ވެސް، އެކަށީގެންވާ ތަރައްގީއެއް އެތަނަށް ގެނެވިފައި ނުވާ ކަމަށެވެ. އަދި ސަރުކާރުގައި އެކަށީގެންވާ ބަޖެޓް ނެތުމުގެ ސަބަބުން ދުވަހުން ދުވަހަށް ކުރަން ޖެހޭ މަރާމާތުތަކާއި ވަސީލަތްތައް ނުހޯދޭ ކަމަށާއި އެހެން ކަމުން، އެކަމުގައި އެހެން ބަޔަކު ހިއްސާވުމަކީ އެއާޕޯޓަށް އިތުރު ތަރައްގީ ގެނެވޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނުދެކެން އެއާޕޯޓް ވިއްކާލީ ކަމަކަށް. ދައުލަތުގައި ފައިސާ ނެތުމުގެ ސަބަބުން އެއާޕޯޓުގެ ޑޭޓުޑޭ މެއިންޓަނަންސް ވެސް ނުބެލެހެއްޓޭ. އަދި އެއްވެސް ފައިދާއެއް ނެތި ހިންގާތީ އެ ތަން ވީރާނާ ވަމުންދަނީ. އެހެންވެ އެ ކުންފުނިން ނިންމާފައިވަނީ ސަރުކާރުން އިތުރު ހަރަދު ކުރަން ނުޖެހޭ ގޮތަށް، ފޭސްތަކަކަށް ބަހާލައިގެން އެއާޕޯޓު ތަރައްގީ ކުރުމަށް. މީގެ ސަބަބުން ރައްޔިތުންނަށް ވެސް އަދި ސަރުކާރަށް ވެސް ލުއި ވެގެންދާނެ،" ހަމީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއާޕޯޓު ފަދަ ތަންތަން ތަރައްގީ ކުރުމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެތަންތަނުގެ ވަސީލަތްތައް ތަރައްގީ ކުރުމަށް އާއްމު ފަރާތްތަކަށް ހުޅުވާލަން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ހިއްސާވާ އެ ފަދަ މަޝްރޫއުތައް ވިޔަފާރިވެރިން އިންވެސްޓް ކުރުމުން އެ ދާއިރާއަށް ވެސް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް ހަމީދު ވިދާޅުވި އެވެ.
އެ ކޮމެޓީގެ ފަރާތުން ވާހަކަ ދެއްކެވި ހިލްމީ ވިދާޅުވީ މަޝްހޫރު ވިޔަފާރިވެރިޔާ ޗަންޕާ ހުސެން އަފީފްގެ ހިއްސާ އޮންނަ ކާސާއިން އެ އެއާޕޯޓު ތަރައްގީ ކުރަން ފެށުމުން އޭއައިއޭއަށް ވެސް އިތުރު ހިތްވަރެއް ލިބިގެން ދާނެ ކަމަށެވެ.
"އޭއައިއޭން އެއާޕޯޓް ތަރައްގީ މި ކުރަނީ ލޯނެއް ނަގައިގެން. މި އެއާޕޯޓް ތަރައްގީ ކުރުމަށް ހޭދަވާ ފައިސާގެ 30 ޕަސެންޓް ހިއްސާ ކުރާނީ މި ދެންނެވި ޝެއާ ހޯލްޑަރު. އެ ކުންފުނިން 40 މިލިއަން ޑޮލަރު ނަގައިގެން ގޭގައި އޮންނަނީކީ ނޫން.. އެހެންވެ އެއާޕޯޓް އެހެން އޮވެ ފަނާވެ ނެތި ދިޔުމަށް ވުރެ އަޅުގަނޑުމެންނަށް ރަނގަޅު އަމިއްލަ ބައެއްގެ އެހީތެރިކަމާއެކު ތަރައްގީ ކުރުން،" ހިލްމީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއާޕޯޓްގެ ހިއްސާ ވިއްކާލުން މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުން ދާއިރު އެތަނުން މި މައްސަލަ ވީ އެންމެ އަވަހަކަށް ބަލައި ނިންމަން ޖެހޭ ކަމަށެވެ. އެހެން ނޫންނަމަ، މި މައްސަލަ ދިގުލައިގެން ގޮސް ކޮންޓްރެކްޓާ ފައިނޭންޝަލް އުސޫލުން، އެއާޕޯޓު ތަރައްގީ ކުރަން ބޭނުންވާ ފަރާތްތަކުގެ ޝައުގުވެރިކަން ގެއްލިގެން ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން އެ ޖަމިއްޔާއިން މިއަދު ވަނީ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ވަހީދާ ވެސް ބައްދަލުކޮށްފަ އެވެ.
ހަމީދު ވިދާޅުވީ ސަރުކާރުން ކުރާ މި ފަދަ ކަންތައްތަކުގައި ރައްޔިތުންގެ އެއްބާރުލުން ވެސް އޮންނަން ޖެހޭނެ ކަމަށާއި ރައީސްގެ އަރިހަށް ޒިޔާރަތްކުރީ ސަރުކާރުގެ ނިންމުމަށް އެއްބާރުލުން ދިނުމަށް ކަމަށެވެ.
"ގަމު އެއާޕޯޓުގެ ހިއްސާ ވިއްކާލުމާ މެދު އައްޑޫ ރައްޔިތުން ހިތްހަމަ ޖެހޭ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ