ހުރިހާ މުދަލެއް ނެގިޔަސް، ބަޑިޖަހައި މަރާލިޔަސް މިހުރީ ރައްޔިތުންނާ އެކު: ގާސިމް

އޭނާގެ ހުރިހާ މުދަލެއް ދައުލަތަށް ނެގިޔަސް، އަދި ބަޑިޖަހައި މަރާލިޔަސް ހުންނެވީ ދިވެހި ރައްޔިތުންނާ އެކުގައި ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ. "ޔާމީން ހީފުޅު ނުކުރައްވާ އިނގޭތޯ، ޖާނުން ބޮޑު މީހަކު އައިސް އަޅުގަނޑުގެ ގަޔަށް ބަޑި ޖެހިދާނެ. ނޯ ނޯ ނޯ. އެއްގޮތަކަށް ވެސް ޖެހިލުމެއް ނުވޭ. ހުރިހާ އެއްޗެހި ނަންގަވާ، ނަންގަވާ. ހުރި މީހެއްގެ އަތުން ނެންގެވޭނީ. ހުސްކުރައްވާ އަވަހަށް. ބަރާބަރު. މާދަމާ އިރުއަރާއިރަށް ދެން ހުރި އެއްޗެހި ނަންގަވާ،" ސެޓްލްމަންޓް އެގްރީމަންޓްތަކުގެ ދަށުން ގާސިމަށް ދޫކޮށްފައިވާ ފަޅުތަކާއި
ރަށްތަކުގެ އެއްބަސްވުން ސަރުކާރުން މިއަދު ބާތިލްކޮށްފައި ވަނިކޮށް، މިރޭ އެމްޑީޕީ[ޖޭޕީން ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވި އެވެ. މިރޭގެ ޖަލްސާގައި ގާސިމް ވާހަކަ ދައްކަވަނީ.---ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން ޓޫރިޒަމް މިނިސްޓްރީން ބުނެފައި ވަނީ އެ ރަށްތަކާއި ފަޅުތަކުގެ އެގްރީމަންޓް ބާތިލްކުރީ "އެގްރީމަންޓްތަކާ ހިލާފް ވެފައިވާތީ" ކަމަށެވެ.މިދިޔަ ރިޔާސީ އިންތިހާބަށް ފަހު ފުރަތަމަ ފަހަރަށް އެމްޑީޕީ/ޖޭޕީން އެކުގައި ބޭއްވި މި ޖަލްސާގައި ގާސިމް ވިދާޅުވީ އޭނާ ވަޒީފާ ދީގެން ގާތްގަނޑަކަށް 5،000 މުވައްޒަފުން ގެންގުޅުއްވާ ކަމަށާއި މިއަހަރު ވެސް 46 މިލިއަން ޑޮލަރު އޭނާގެ ވިޔަފާރިން ސަރުކާރަށް ވައްދައިދީފައިވާނެ ކަމަށެވެ. ގާސިމްގެ ވާހަކައިގައި ވަނީ ރައްޔިތުން ހިމާޔަތްކޮށްދިނުމަށް ފަނޑިޔާރުންނަށާއި ސަލާމަތީ ބާރުތަކަށް ގޮވާލައްވައިފަ އެވެ. އޭނާ ވިދާޅުވީ މީހުންގެ މުދަލަށް އަރައިގަންނަމުންދާ ކަމަށާއި "މީހުން ފްރޭމްކުރާ ވާހަކަ" އިވޭ ކަމަށެވެ. އަދި ސަރުކާރާ ދޭތެރޭ ކިރިޔާ ވެސް ނުރުހުންވާއިރަށް އެމީހެއްގެ މުދާ ނެގުން ނުވަތަ އަނބިދަރިންނަށް ގޯނާކުރާތަން ފެންނަ ކަމަށް ވިދާޅުވި އެވެ. ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ޖަލްސާގައި ގާސިމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށެވެ. އަދި އަލުން ވޯޓަކަށް ވަޑައިގަތުމަށް އޭނާ ގޮވާލެއްވި އެވެ. އޭނާ ވިދާޅުވީ ވޯޓަކަށް ގޮސްފި ނަމަ "ރައީސް ޔާމީން ޖެހޭނީ ކުޑަކުއްޖެއްހެން ގެއަށް ވަންނަން" ކަމަށެވެ."އަޅުގަނޑުގެ ތާއީދާ އެއްކޮށް މަނިކުފާނު ތި ހުރީ ހޮވިވަޑައިގެންފައި. އަޅުގަނޑަށް ކަށަވަރު ތިބޭފުޅާ އަށް ލިބިވަޑައިނުގަންނަވާނެ މި ދިވެހިރާއްޖޭގެ 51 ޕަސެންޓާ އެއް ވޯޓެއް. ހަނދާން ނައްތާލައްވާ. އެހެންވީމާ ހަރާމް ގޮތުގައި ކަންކަން ކުރަން ވިސްނީމާ ﷲގެ ކޯފާ އަންނާނެ. ނިކަމެތިކަން ވެސް އަންނާނެ. އެއަށް ފޭސް ކުރައްވަން ޖެހޭނެ،" ގާސިމް ވިދާޅުވި އެވެ. މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ތާއީދު ކުރެއްވި ގާސިމް މިރޭ ވިދާޅުވީ "ތެދުބަހުން ދަންނަވާ ކަމަށް ވަންޏާ އަޅުގަނޑު އަބްދުﷲ ޔާމީނަކަށް ތާއީދު ނުކުރަން" ކަމަށެވެ. އަދި ރައީސް ޔާމީނަށް ތާއީދު ނުކުރައްވަނީ އެމަނިކުފާނަކީ ކޮން ބޭފުޅެއްކަން އެނގިވަޑައިގަންނަވާތީ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައީސް ޔާމީންގެ އާއިލާ ވެސް "ވަރަށް ރަނގަޅަށް" ދެނެވަޑައިގަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ