ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް މައުމޫން ހަމީދު ގެނައުމަށް ތާއީދު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރު މޫސާ މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސަ ވިދާޅުވީ މަޖިލީހުން މައުމޫނަށް ރުހުން ދިނުމަށް ތާއީދު ނުކުރައްވަނީ، އުވިދިޔަ މަޖިލީހުގައި ވެސް އޭނާ އަށް ރުހުން ލިބިވަޑައިގެންފައި ނެތުމާއި އާއިލީ ވެރިކަން ގާއިމުކުރަން ބޭނުން ނުވާތީ ކަމަށެވެ.
މައުމޫން ހަމީދަކީ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ.
މައުމޫން ހަމީދުގެ އިތުރުން ޕީޖީގެ މަގާމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ހޯދަން ފޮނުއްވާފައިވަނީ ކްރިމިނަލް ކޯޓްގެ ފަނޑިޔާރު މުހްތާޒު މުހްސިނުގެ ނަމެވެ.
މޫސަ ވިދާޅުވި ގޮތުގައި ޕީޖީގެ މަގާމަށް އައްޔަން ކުރާނެ ބޭފުޅަކާ މެދު އެމްޑީޕީގެ ތެރޭގައި ވެސް ހިޔާލު ތަފާތުވުން އެބަ ހުއްޓެވެ. ޕީޖީގެ މަގާމަށް ހޮވާނެ ބޭފުޅަކަށް ވޯޓު ދޭނެ ގޮތެއް ކަނޑައެޅުމަށްޓަކައި މިދިޔަ ބުރާސްފަތި ދުވަހު އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް ބޭއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
"ނަމަވެސް އެ ބައްދަލުވުމުގައި ވަކި ގޮތެއް ނުނިންމުނު،" މޫސަ ވިދާޅުވި އެވެ.
އެމްޑީޕީގެ މެމްބަރުންގެ ތާއީދު ވެސް މައުމޫން ހަމީދަށް ހޯއްދެވުމަށް ކުރީގެ ރައީސް މައުމޫން ގެންދަވަނީ މަސައްކަތް ކުރައްވަމުން ކަމަށް މޫސަ ވިދާޅުވި އެވެ.
ރައީސް މައުމޫނަށް ފާޑުވިދާޅުވަމުން މޫސަ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މައުމޫން ހަމީދަށް ރުހުން ނުލިބުމުން އެ މައްސަލަ ބެލުމަށާއި މައުމޫން ހަމީދަށް ތާއީދު ހޯއްދެވުމަށް ރައީސް މައުމޫން މަސައްކަތް ކުރެއްވުމަކީ "ޚުދުމުހްތާރު ކަމުގެ ލާމަސީލް މިސާލެއް" ކަމަށެވެ.
"މަޖިލީހުގެ ކޮމިޓީން ނިންމާ ނިންމުމަކަށް ޒައީމަށް ވިޔަސް ނުފޫޒު ފޯރުވިގެން ނުވާނެ. އެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ އެ ނިންމުން އަލުން މުރާޖައާކުރުމަށް މަސައްކަތް ކުރަން ޖެހޭނީ ވެސް [ޕީޕީއެމް]ގެ ޕީޖީ ގްރޫޕުން،" މޫސަ ވިދާޅުވި އެވެ.
ސަރުކާރު ކޯލިޝަންގެ ފުރިހަމަ އަޣުލަބިއްޔަތު އޮންނަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މައުމޫން ހަމީދަށް 33 ޕޮއިންޓް ލިބިވަޑައިގަތްއިރު، މުހްތާޒަށް ލިބިވަޑައިގަތީ 67 ޕޮއިންޓެވެ. މިފަހަރު މައުމޫން ހަމީދަށް 33 ޕަސެންޓް ލިބިވަޑައިގެންނެވިއިރު، އުވިދިޔަ މަޖިލީހުގެ ކޮމިޓީގައި އޭނާއަށް 67 ޕޮއިންޓް ލިބިވަޑައިގެންފައިވެ އެވެ. ނަމަވެސް އެ ފަހަރު މަޖިލީހުގެ ތަޅުމުން އޭނާގެ ނަމެއް ފާހެއް ނުވި އެވެ.
ކޮމިޓީން ރުހުން ދިނުމަށް ފެންނަ ކަމަށް ނިންމަނީ 75 ވުރެ މަތިން ޕޮއިންޓް ލިބުމުންނެވެ.
ކޮމިޓީގެ ރުހުން ނުލިބުނަސް ރުހުން ދިނުމާ މެދު ފަހުގެ ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ. މައުމޫނާއި މުހްތާޒަށް ރުހުން ދިނުމުގެ މައްސަލަ ހޯމަ ދުވަހުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ.
މައުމޫން ހަމީދަށް ތާއީދެއް ނުކުރަން: މޫސަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ