އަބްދުﷲ ގާޒީ ސިފައިންގެ ގެއަށް ގެނެސްދިނުމަށް އިބްރާހީމް ދީދީ އެންގި:ލެފްޓިނެންޓް ކާނަލް ނަސްރުﷲ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ސިފައިންގެ ގެއަށް ހާޒިރުކޮށްދިނުމަށް ކުރީގެ މާލޭ އޭރިއާ ކޮމާންޑަރު އިބްރާހީމް މުހައްމަދު ދީދީ އޭނާ އަރިހު އެދުނު ކަމަށް ދައުލަތުން ހުށަހެޅި ހެއްކެއް ކަމަށްވާ ލެފްޓިނެންޓް ކާނަލް ނަސްރުﷲ އިބްރާހީމް މަޖުދީ ވިދާޅުވެއްޖެ އެވެ.
ގާނޫނުލް އުގޫބަތުގެ 81 ވަނަ މާއްދާގެ ދަށުން އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާ އާ ގުޅިގެން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މިރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެމުން ނަސްރުﷲ ވިދާޅުވީ އަބްދުﷲ ގާޒީ ކިޔާ މީހަކު ސިފައިންގެ ގެއަށް ގެނެސްދިނުމަށް އިބްރާހީމް ދީދީ އޭނާ އަރިހުގައި އެދުނު ކަމަށެވެ. އަދި އޭނާ އެގޮތަށް އެންގުމުން އެއީ ކާކުކަން ނޭނގޭ ކަމަށާއި "އަބްދުﷲ ގާޒީ ކިޔާމީހާ" އާ ބެހޭ މައުލޫމާތު ދިނުމަށް އިބްރާހީމް ދީދީ ކައިރީ އޭނާ އެދުނު ކަމަށް ވެސް ހެކިބަސް ދެމުން ނަސްރުﷲ ވިދާޅުވި އެވެ.
ޖަސްޓިސް ބިލްޑިން ކައިރިއަށް ދިޔުމުން އަބްދުﷲ ގާޒީ ފެންނާނެކަމަށް ކާނަލް ޒިޔާދު އޭނާ ކައިރީ ވިދާޅުވުމުން އެތެނަށް ދިޔައިރު އަބްދުﷲ ގާޒީ ފެންނަން ނެތް ކަމަށާއި ދެން އެވަގުތު ފޯނުން ގުޅައި ޒިޔާދަށް އެކަން އެންގި ކަމަށް ވެސް ނަސްރުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖަސްޓިސްބިލްޑިން ކައިރިން އަބްދުﷲ ގާޒީ ނުފެނުމުން ކާނަލް ޒިޔާދަށް ގުޅައި އެވާހަކަ ދެންނެވުމުން އަބްދުﷲ ގާޒީ ހުންނެވީ ގޭގައި ކަމަށާއި އޭނާ ގެނެސްދިނުމަށް އިބްރާހީމް ދީދީ އަންގާފައިވާ ކަމަށް ވިދާޅުވި ކަމަށެވެ.
އިބްރާހީމް ދީދީގެ އޯޑަރު ތަންފީޒު ކުރުމަށްޓަކައި އަބްދުﷲ ގާޒީ ދިރިއުޅުއްވާ ގެއަށް ދިޔައިރު އެގޭގައި ތަޅުލާފައި ހުރުމުން ޒިޔާދަށް އެކަން އެންގުމުން އެގެއަށް ވަނުމަށް އޭނާ އެންގި ކަމަށް ވެސް ނަސްރުﷲ ވިދާޅުވި އެވެ. ނަމަވެސް އެގެއަށް ވަތް ގޮތެއް އޭނާ ވިދާޅެއް ނުވެއެވެ.
އަބްދުﷲ ގާޒީ ދިރިއުޅުއްވާ ގެއަށް ގޮސް އޭނާ ސިފައިންގެ ބެލުމުގެ ދަށަށް ގެނައުމަށް ފަހު އެކަން ކަނަލް ޒިޔާދަށް އެންގުމުން ތިން ނަންބަރު ޖެޓީ ކައިރީގައި ސިފައިން ތިބޭނެ ކަމަށާއި އެތަނަށް އަބްދުﷲ ގާޒީގޮވައިގެން ދިޔުމަށް ކާނަލް ޒިޔާދު އެންގި ކަމަށް ވެސް ނަސްރުﷲ ވިދާޅުވި އެވެ.
އިބްރާހީމް ދީދީގެ ދިފާއީ ވަކީލު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވައި އަބްދުﷲ ގާޒީ ހައްޔަރު ކުރި އިރު މާލޭ އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރުގެ ގޮތުގައި ވެސް ހުންނެވި ނަސްރުﷲ ވިދާޅުވީ އަބްދުﷲ ގަޒީ ހައްޔަރު ކުރުމުގެ ޒިންމާ އިބްރާހީމް ދީދީ ނަންގަވަންޖެހޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ އިބްރާހީމް ދީދީގެ ފަރާތުން އަމުރު ކުރާނީ ކާނަލް ޒިޔާދު ކަމަށް އިބްރާހިމް ދީދީ އޭނާ އަރިހު ވިދާޅުވި ކަމަށެވެ. އެގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް އާދަމް މުހައްމަދު އަބްދުﷲ އާއި އެ ކޮމިޝަންގެ ކުރީގެ މެންބަރު އާއިޝަތު ވެލެޒިނީ "އެއްތަނުން އަނެއްތަނަށް ގެންދިޔުމަށް" ކާނަލް ޒިޔާދު އޭނާއަށް އަމުރުކޮށްފައިވާ ކަމަށް ވެސް ނަސްރުﷲ ވިދާޅުވި އެވެ.
ނަސްރުﷲ ގެ އިތުރުން މިރޭ ފަސްޓް ލެފްޓިނެންޓް އަލީ އިހްސާންގެ ހެކިބަސް ވެސް ވަނީ ނަގާފަ އެވެ.
ހެކިބަސް ދެނުން އިހްސާން ވިދާޅުވީ އަބްދުﷲ ގާޒީއާ ގުޅޭގޮތުން ސިޓީތަކެއް ބަދަލުކުރެވުނު އިރު ސިފައިންގެ ގޭ ތެރޭގައި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނު އަރިހު އިބްރާހީމް ދީދީ ވެސް ހުންނެވި ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ސުޖާއު އުސްމާން ވިދާޅުވީ ދެން އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އޮންނާނީ އަންނަ ބުދަ ދުވަހު ކަމަށާއި އެދުވަހު ވެސް އޮންނާނީ ހެކީންގެ ހެކިބަސް ނެގުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ