ކިނބިދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތުގެ އިތުރު އަޑުއެހުމެއް މިއަދަށް ތާވަލްކޮށްފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަޑުއެހުން ކުރިއަށް ގެންދަން ނިންމާފައިވަނީ މިއަދު މެންދުރުފަހު 15:00 ގައެވެ.
ރިޔާޒްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މިމަހުގެ ނުވަވަނަ ދުވަހުގެ ރޭ 20:00 އަށް ވެސް ތާވަލްކޮށްފައިވެ އެވެ. ނަމަވެސް ފަހުން ވަނީ އެރޭގެ އަޑުއެހުން ކެންސަލްކޮށްފަ އެވެ.
އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުއްވި ކަމުގެ ދައުވާއެވެ. މިދައުވާ އުފުލާފައިވަނީ އޭނާގެ ފޯނުގެ ޕާސްވޯޑް ފުލުހުންނާ ހިއްސާކޮށްފައިނުވާތީ ކަމަށް ބުނެ ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ ދަށުންނެވެ. '
އެހެންނަމަވެސް ޝަރީއަތުގެ މަޖިލީހެއްގައި ރިޔާޒު މިހާރު ވަނީ އޭނާގެ މޯބައިލް ފޯންގެ ޕިން ކޯޑް ފުލުހުންނަށް ދީފަ އެވެ.
މިމައްސަލާގައި މިމަހުގެ 11 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުންގެ މަޖިލީހުން ވަނީ މިމައްސަލައިގެ އަޑުއެހުންތައް ނިމިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މިއަދު މިބާއްވާ އަޑުއެހުމުގައި އޮންނާނީ ހުލާސާ ބަޔާން އިއްވުން ކަމަށާއި އެކަމަށް ތައްޔާރުވެގެން ކޯޓަށް ހާޒިރުވުމަށްވެސް ފަނޑިޔާރުންގެ މަޖިލީހުން އެދުވަހު ވަނީ ވިދާޅުވެފަ އެވެ.
މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ރިޔާޒުގެ ގާނޫނީ ޓީމުން ވަނީ ފުލުހުން ތައްޔާރުކޮށްފައިވާ ރިޔާޒުގެ ފޯންގެ ފޮރެންސިކް ރިޕޯޓްގައި ހިމަނާފައިވާ ފޯންގެ މައުލޫމާތު ނުބައިކޮށް ހުރިކަން ފާހަގަކޮށްފަ އެވެ. ހާއްސަކޮށް ފޯންގެ މޮޑެލްގައި ތަފާތުތަކެއް ހުރިކަން ވަނީ ފާހަގަކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން މީގެ ކުރިން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު ހުލާސާ ބަޔާން އިއްވުމަށް ޝަރީއަތުގެ މަޖިލީހެއް ބޭއްވުމަށްފަހު ހަމަ އެދުވަހު މައްސަލާގައި ހުކުމްކޮށްފައިވެ އެވެ. ބައެއް މައްސަލަތަކުގައި ހުލާސާ ބަޔާން އިއްވުމަށްފަހު އެހެން ދުވަހަކު ޝަރީއަތުގެ މަޖިލީހެއް ބާއްވާ ހުކުމްކޮށްފައިވެސްވެ އެވެ.
އަބްދުﷲ ރިޔާޒުގެ މައްސަލަ ބައްލަވަމުން ގެންދަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.
މިމައްސަލައިގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި ބާއްވާފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. ރިޔާޒުގެ މައްޗަށް ކުރާ ދައުވާއަށް އޭނާ ވަނީ އިންކާރުކުރައްވާފަ އެވެ.
އަބްދުﷲ ރިޔާޒްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މިއަދު މެންދުރުފަހު ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ