ތިން އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ޑްރަގްސް އަތުލައިގެންފި

ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި ތިން ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް މިއަދު ބުނެފި އެވެ.
ފުލުހުން ހިންގި ތިން އޮޕަރޭޝަނެއްގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމެންޓްގެ އެކްޑިން ހެޑް ރަޖްނީ ޝުއައިބު ވިދާޅުވީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ގ.ވެގާ ބަލައި ފާސްކުރި އިރު ފޮށިގަނޑެއްގެ ތެރެއިން ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެެއްޗާއި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ގދ. ފަރެސްމާތޮޑާ، ސަމަން، ސަދޫހް ސާމިއު، 21، އާއި ގދ. ފަރެސްމާތޮޑާ، މީނާޒް، ބިސާމް ސަމީރު، 26، ކަމަށެވެ. ފުލުހުން ވަނީ އެމީހުންގެ ފޮޓޯ ވެސް އާންމުކޮށްފަ އެވެ.
ރަޖްނީ ވިދާޅުވީ އެ ދެ މީހުންނަކީ ވެސް މާރާމާރީ ހިންގުމާއި ވައްކަން ކުރުމާއި ބަނގުރާ ބުއިމާއި އެ ގެންގުޅުމުގެ ކުށުގެ ރެކޯޑް އޮތް ދެމީހުން ކަމަށެވެ. މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޓީއެޗްސީއަށް އެ ދެ މީހުން ވެސް ޕޮޒިޓިވް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނި އެ ދެ މީހުންނަކީ މަސްތުވާތަކެތި ރައްކާކޮށް އެކި ސަރަހައްދުތަކަށް ގެންދިއުމުގައި އަމަލީ ގޮތުން މަސައްކަތްކުރާ ދެ މީހުން ކަމަށެވެ.
ފުލުހުން މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީ ހިންގި އޮޕަރޭޝަނެއްގައި ވެސް ވަނީ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ވީޓީވީގައި ނޫސްވެރިއެއްގެ ވަޒީފާގައި އުޅޭ ސ. ފޭދޫ، ހަޒާރުމާގޭ، ލީވާން އަލީ ނާސިރު، 21، އާއި ކުރިން ނޫސްވެރިއަކަށް އުޅުނު، ސ. ހިތަދޫ ލީޒަލް، އާލާ އިބްރާހިމް ރަޝީދު، 26، ގެ އިތުރުން ޏ. ފުވައްމުލަކު ހޯދަނޑު، ބޯގަންވިލާ، ސާމީ އަބްދުލް ހަމީދު، 27، ކަމަށެވެ.
އެ މީހުންގެ ތެރެއިން ލީވާންގެ ޖިންސުގެ ޖީބަކުން، ރަބަރު ޕެކެޓަކަށް ލާފައިވާ 246 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި އޮޕަރޭޝަންގައި ހައްޔަރުކުރި ތިން މީހުންނަކީ ވެސް ކުށުގެ ރެކޯޑް އޮތް ތިން މީހުން ކަމަށާއި އެ މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވް ކަމަށް ރަޖްނީ ވިދާޅުވި އެވެ.
ރަޖްނީ ވިދާޅުވީ އޭގެ ތެރެއިން ސާމީ އާއި އާލާ އަކީ މާލެ އާއި ހުޅުމާލޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ދެ މީހުން ކަމަށާއި ލީވާނަކީ އެ މީހުންގެ އަތުން މަސްތުވާތަކެތި ހޯދައިގެން ޑެލިވަރީ ކުރާ މީހާ ކަމަށް އޭނާ ކަމަށެވެ.
މީގެ އިތުރުން، ރޭ ހިންގި އޮޕަރޭޝަނެއްގައި މއ. އަނޫމާ ބަލައި ފާސްކުރިއިރު އެގެއިން ކެނަބިސް ކަމަށް ޝައްކުކުރެވޭ 530 ގުރާމް މަސްތުވާތަކެއްޗާއި ހެރޮއިންކަމަށް ޝައްކުކުރެވޭ 9.9 ގްރާމް މަސްތުވާތަކެތި ފެނިފައިވާ ކަމަށް ވެސް ރަޖްނީ ވިދާޅުވި އެވެ. އެ ތަކެތީގެ މަގުމަތީ އަގު ފަސް ލައްކަ ރުފިޔާއަށް އަރަ އެވެ.
އެ މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ މއ. އަނޫމާ ރާމިޒް އިބްރާހިމް، 33، އާއި އެ ގޭ ފައިސަލް އިބްރާހިމް، 27، އެވެ.
އޭގެ ތެރެއިން ރާމިޒަކީ މާލެ ތެރޭގެ އަމާންކަން ނަގާލުމުގެ ކުށުގެ ރެކޯޑް އޮތް މީހެކެވެ. އަދި ފައިސަލް އަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ބޭނުންކުރުމުގެ އިތުރުން ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ފުލުހުން ކުރި ތަހުގީގަށް ހުރަސް އެޅުމުގެ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށް ފުލުހުން ބުންޏެވެ.
ރަޖްނީ ވިދާޅުވީ މި އޮޕަރޭޝަންތަކުގައި ހައްޔަރުކުރި އެންމެންގެ ބަންދުގެ މުއްދަތު އިތުރުކޮށް ތަހުގީގު ކުރިއަށްދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ