ގާސިމް ވިދާޅުވަނީ އިންކަމް ޓެކުހަކީ ގައުމީ ތަރައްގީއަށް މުހިންމު އެއްޗެއް ކަމަށް

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމާ ދެކޮޅަށް ކުރިން ދައްކަވަމުން ގެންދެވި ވާހަކައިގެ ރާގު ބަދަލު ކުރައްވައި، އެއީ ޤައުމީ ތަރައްޤީއަށް މުހިންމު ކަމެއް ކަމަށް ވިދާޅުވެއްޖެ އެވެ. ޖުމްހޫރީ ޕާޓީއަށް ގުޅުނު މެމްބަރުންގެ ފޯމު ހަވާލު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ޓެކުހުގެ ނިޒާމަށް ވީހާ ވެސް ގިނަ މީހުން ވަންނަން ޖެހޭ ކަމަށެވެ. "މިއީ އެއް ގޮތަކަށް ވެސް ރައްޔިތުން ހިތްބުރަ ކުރަން ޖެހޭ ކަމެއް ނޫން. އަޅުގަނޑު ދަންނަވާނީ ޓެކްސްގެ ނިޒާމުގެ ތެރެއަށް ރާއްޖޭގެ ގިނަ ބަޔަކު ވެދެވަޑައިގެންނެވި ވަރަކަށޭ އަޅުގަނޑުމެންގެ ތަރައްޤީ އަޅުގަނޑުމެންނަށް ގެނެވޭނީ،" ގާސިމް ވިދާޅުވި އެވެ. އިންކަމް ޓެކްސްއަށް ތާއީދު ކުރައްވާފަދަ މޭރުމަކުން ގާސިމް ވާހަކަ ދެއްކެވި ނަމަވެސް، ގާސިމް އިންކަމް ޓެކްސް ސިފަ ކުރެއްވީ "ހިތި ބޭސްގުޅައެއް"ގެ ސިފައިގަ އެވެ. ބަލިތަކުން ފަރުވާ ހޯދަން ބޭސް ބޭނުންކުރާ ކުރުމުން މިސާލު ނަންގަވަމުން ގާސިމް ވިދާޅުވީ، އިންކަމް ޓެކުހަކީ ރައްޔިތުންނަށްޓަކައި ނަގާ ޓެކުހެއް ކަމަށާއި ޓެކުހުގެ އާމްދަނީ އެންމެ ފައިދާހުރި ގޮތުގައި ވާސިލުކޮށް ދިނުމުގައި އެންމެ ފައިދާހުރި ގޮތަކަށް އެކަން ކުރުމުން ރަނގަޅުވާނެ ކަމަށެވެ. "މި ހިތި ބޭސްގުޅަ ކާލައިގެން ވެސް އަޅުގަނޑުމެންނަށް ލުއިކަން ލިބިއްޖެއްޔާ އެއީ ވަރަށް ރަނގަޅު ކަމެއް، އެހެން ނޫންތޯ؟ މި ދެންނެވި ވާހަކައަކީ އެ ޓެކްސް ދައްކައިގެން [ދައުލަތަށް] ލިބޭ ފައިސާއަށް ޚިޔާނާތްތެރި ނުވެ، އަމާނާތްތެރިކަމާއެކު ރައްދުކޮށްދޭން ޖެހޭ މީހުންނަށް ބަރާބަރަށް ރައްދު ކޮށްދީގެން، އެންމެ ފައިދާ ހުރި ގޮތެއްގައި ޑެލިވާ ކޮށްދެވޭ ކަމަށް ވަންޏާ، އެއްކަލަ ހިތި ބޭސްގުޅަ ކާލީމަ ގަދައަށް ހުން އައިސް ތުރުތުރު އަޅައަޅާ އޮންނަ މީހާ ރަނގަޅު ވެގެން ދިއުމާ [އެއްފަދައިން] އޭގެ ނަސީބު އެބައޮތޭ،" ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ އިންކަމް ޓެކްސް ނަގައިގެން ލިބޭ އާމްދަނީ، އެންމެ މަންފާ ހުރި ގޮތެއްގައި ރައްޔިތުންނާ ހަމައަށް ދައުލަތުން ފޯރުކޮށްދޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށާއި ކޮރަޕްޝަންގެ ކަންތައްތައް އިންކަމް ޓެކްސްގެ ތެރެއަށް ނުވަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ފަރުދުންގެ އާމްދަނީއިން ނަގާ ޓެކްސް އަންނަ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ނަގަން ފަށާނެ އެވެ. ނަމަވެސް, އާންމު ފަރުދުންނަށް ލިބޭ މުސާރައިގެ އާމްދަނީއިން އެ ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ އެޕްރީލް 1 ވަނަ ދުވަހުން ފެށިގެންނެވެ. އާމްދަނީއިން ޓެކްސް ނަގަން ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަކީ: 60،000 ރުފިޔާ އިން ދަށުގެ އާމްދަނީ - 0 ޕަސެންޓު 60،000 އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ: 5.5 ޕަސެންޓު. 100،00 އާއި 150،000 ރުފިޔާއާ ދެމެދުގެ އާމްދަނީ: އަށް ޕަސެންޓު. 150،000 އާއި 200،000 ރުފިޔާއާ ދެމެދު އާމްދަނީ އިން 12 ޕަސެންޓު. 200،000 ރުފިޔާ އިން މަތީގެ އާމްދަނީ އިން 15 ޕަސެންޓު.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ