ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރަން މާދަމާގެ ޖަލްސާގައި ރުހުންދެނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރާއި ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދުގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅަކަށް ރުހުންދިނުމުގެ މައްސަލަ މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
މި ދެ ބޭފުޅުންގެ ތެރެއިން ބޭފުޅަކަށް ރުހުން ދިނުމަށް އެދިވަޑައިގެން މި ދެ ބޭފުޅުންގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިމަހުގެ 17 ވަނަ ދުވަހު އެވެ. މި ދެ ބޭފުޅުންގެ ނަންފުޅު މަޖިލީހުގެ ތަޅުމަށް އިއްވުމަށްފަހު މައްސަލަ ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ މިމަހުގެ 21 ވަނަ ދުވަހު އެވެ.
ކޮމިޓީން މިމައްސަލަ ދިރާސާކުރުމަށްފަހު މިމަހުގެ 22 ވަނަ ދުވަހު އޮތް ޖަލްސާއަށް ކޮމިޓީގެ ރިޕޯޓް ހުށަހެޅުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވާފަ އެވެ. ނަމަވެސް އެ ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވަނީ ކޮމިޓީގެ ރިޕޯޓްގައި ނިންމުމެއް ނެތުމަކީ ރިޕޯޓް ފުރިހަމަ ނުވުން ކަމަށް ބައްލަވާ މި ރިޕޯޓް އަލުން ކޮމިޓީއަށް ފޮނުވާފަ އެވެ. އެކަމަކު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ފަނޑިޔާރުންނާ އިންޓަވިއު ކުރުމުގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިޖުރާއަތްތައް ފުރިހަމަ ކުރިތޯ ބެލުން ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ފާހަގަކުރެއްވުމުން ރައީސް ނަޝީދު ފަހުން ވަނީ އެމަނިކުފާނުގެ ނިންމެވުން ބަދަލުކުރައްވައި އެ ރިޕޯޓް އެޖެންޑާ ކުރުމަށް ނިންމަވާފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަންކުރާނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކުގެ ތެރެއިންނެވެ. ދިޔާނާއާއި މަހާޒަކީ އެ ކޮމިޝަނުން އައްޔަން ކުރުމަށް ލަފާ ދީފައިވާ ދެ ބޭފުޅުންނެެވެ.
މި ދެ ބޭފުޅުންގެ އިތުރުންވެސް ޖޭއެސްސީން ވަނީ މި މަގާމަށް ކުރިމަތިލި އެހެން ފަރާތްތަކާއި ވެސް ބައްދަލުކޮށް އިންޓަވިއުކޮށްފަ އެވެ. މީގެތެރޭގައި ހައިކޯޓުގެ ތިން ފަނޑިޔާރުން ކަމުގައިވާ މުހައްމަދު ނިޔާޒު، އަލީ ސަމީރު އަދި ޝުއައިބު ހަސަން ޒަކަރިއްޔާ ވެސް ހިމެނެ އެވެ.
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަކީ އަބްދުﷲ ދީދީ މަގާމުން ވަކިކުރުމުން ހުސްވި މަގާމެކެވެ. އަބްދުﷲ ދީދީ ވަކިކުރީ އޭނާގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ، އޭނާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.
ގާނޫނުއަސާސީގެ 148 ވަނަ މާއްދާގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ އެންމެހާ ފަނޑިޔާރުން އައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. މިގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރާ ބޭފުޅުން ކަނޑައަޅާނީ ޖޭއެސްސީގެ މަޝްވަރާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެ ނަންތަކެއް ފާސްވުމުން ކަމަށްވެސް މިމާއްދާގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ