ވިކްޓަރީ ގާތުން ޔޫވީއަށް ފަސޭހަ މޮޅެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ޔުނައިޓެޑު ވިކްޓަރީއިން ސީޒަނުގައި ކުޅުނު ދެވަނަ މެޗުން ފަސޭހަ ކަމާ އެކު ވިކްޓަރީ ބަލިކޮށް ފުރަތަމަ މޮޅު ހޯދައިފި އެވެ. ރޭ ގަލޮޅު ދަނޑުގައި ކުޅުނު އެ މެޗުން ވިކްޓަރީގެ މައްޗަށް ޔޫވީއިން ކުރި ހޯދީ 0-4 ގެ ނަތީޖާއަކުންނެވެ. ޔޫވީއިން ސީޒަނުގެ ފުރަތަމަ މޮޅު ހޯދި އިރު ވިކްޓަރީ ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ. އެ ޓީމުން ފުރަތަމަ މެޗުގައި ޓީސީއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ ވެސް 0-4 ގެ ނަތީޖާއަކުންނެވެ. ޔޫވީއިން ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ފޯކައިދޫ ގާތުން ބަލިވެފައި ވަނީ 1-2 ގެ ނަތީޖާއަކުންނެވެ. ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ވިކްޓަރީއާއި ޔޫވީ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ދިވެހި ޕްރިމިއާ ލީގު ވޭތުވެ ދިޔަ ސީޒަނުގައި ދިމާވި މާލީ މައްސަލަތަކާ އެކު މިއަހަރުގެ ސީޒަނުން ވިކްޓަރީ ގެއްލުމާ ގާތްވެފައި އޮއްވާ އެކުލަބުން އެ މައްސަލަތައް ހައްލު ކުރި ނަމަވެސް މި ސީޒަނުގައި ސްކޮޑު ވަރުގަދަ ކުރުމަށް އެ ޓީމުން މާ ބޮޑު ހަރަދުތަކެއް ނުކުރެއެވެ. އޭގެ ބަދަލުގައި ވިކްޓަރީއިން މި ސީޒަނުގައި ވާދަ ކުރާނީ ޒުވާން ސްކޮޑަކާ އެކު އެވެ. ރޭގެ މެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މުޅި މެޗު ޑޮމިނޭޓު ކުރަމުން ދިޔައީ ޔުނައިޓެޑު ވިކްޓަރީއިންނެވެ. ނަމަވެސް ލިބޭ ކައުންޓާ އެޓޭކުތަކުގައި ވިކްޓަރީއިން ވެސް ޔޫވީއަށް އުނދަގޫތައް ކުރިމަތި ކުރުވި އެވެ. ޔުނައިޓެޑު ވިކްޓަރީއިން ވަނީ އެމީހުން މެޗުގައި އުފެެއްދި ފުރަތަމަ ހަމަލާއިން ގޯލު ޖަހައިފަ އެވެ. މެޗުގެ ނުވަ ވަނަ މިނަޓުގައި ލިބުނު ހިލޭ ޖެހުމަކުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލީ ކުރިން މާޒިޔާ އަށް ކުޅުނު ބިދޭސީ ޑިފެންޑަރު މިލޯސް ކޮވަސެވިޗް އެވެ. ކޮވަސެވިޗްގެ ގޯލާ އެކު ވިކްޓަރީއިން ކުޅުން ރަނގަޅުކޮށް ގޭމުގެ ތެރެއަށް ވަދެވޭތޯ މަސައްކަތް ކުރި އެވެ. އަދި އެ ޓީމުން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް އުފައްދާފަ އެވެ. ފުރަތަމަ ހާފު އެއް ގޯލުގެ ލީޑުގައި އޮވެ ޔޫވީއިން ނިންމާލި ނަމަވެސް ދެވަނަ ހާފުގައި އެ ޓީމުން ވަނީ ޓީމު ކުރިއަށް ޖައްސައި ވިކްޓަރީ ކޮޅަށް "ގޯލު ފުންޏެއް" ޖަހައިފަ އެވެ. އެގޮތުން އެ ޓީމުން ވަނީ މެޗު ނިމުމުގެ ކުރިން ތިން ގޯލު އެ ހާފުގައި ޖަހާފަ އެވެ. ދެވަނަ ހާފުގައި ޔުނައިޓެޑް ވިކްޓަރީއިން ޖެހި ގޯލުތައް އެ ޓީމަށް ޖަހައިދިނީ ބިދޭސީ ފޯވާޑް ޑިމިޓްރީ އަދި އިސްމާއީލް ޝަފީއު އެވެ. ޑިމިޓްރީ ވަނީ ރޭގެ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި ޔުނައިޓެޑް ވިކްޓަރީއަށް ދެ ގޯލު ޖަހައިދީފަ އެވެ. އޭނާ ވަނީ އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ