މަދަރޫ ދާއިރާގެ މެންބަރު ޝަރީފް އަތުގައި އިންޑިއާގެ އޯއައިސީ ރައްޔިތުންކަން އެބައޮތް: ތޯރިގު

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފަކީ އިންޑިއާގެ އޯވަސީސް ސިޓިޒަންޝިޕް އޮތް ބޭފުޅެއް ކަމަށާއި، ޝަރީފުގެ އަތުގައި، އިންޑިއާގެ އޯވަސީސް ސިޓިޒަންޝިޕް އޮފް އިންޑިއާ (އޯއައިސީ) ކާޑުއެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހަށް ބަލައިގަތް "ދިވެހި ރާއްޖޭގެ ގައުމީ ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީ"ގެ ބިލަށް ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ، ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި މަޖިލިސް މެންބަރުންގެ ޝަރުތު ކަނޑައަޅާފައިވާއިރު، ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން ހިމެނޭ ކަމަށެވެ.
އަދި އޭގެ މާނައަކީ ޝަރީފް އިންޑިއާގެ ރައްޔިތަކަށްވުން ނޫން ނަމަވެސް ރާއްޖޭގެ ގާނޫނުހަދާ މަޖިލިސްފަދަ މުހިއްމު މުއައްސަސާއެއްގެ މެންބަރެއްގެ ގޮތުގައި އެފަދަ ގައުމެއްގެ އޯއައިސީ ރައްޔިތުކަން އޮތް ބޭފުޅަކު ހުންނެވުމަކީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު ގާނޫނީ ލަފާ ހޯއްދަވަން ޖެހިވަޑައިގަންނަވާނެ ކަމެއް ކަމަށްވެސް ތޯރިގު ވިދާާޅުވިއެވެ.
ތޯރިގު ވިދާޅުވީ، ޝަރީފަކީ ގައުމުގެ މުހިއްމު ކޮމިޓީއެއް ކަމުގައިވާ ގައުމީ ސަލާމަތާބެހޭ ކޮމިޓީގެ މުގައްރިރުކަމަށްވާއިރު އެ ކޮމިޓީގައި އިންނަވައި، އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއިކުރުމަށް ފާސްކުރި ޓްވީޓީގެ މަސައްކަތް ކުރިއަށްގެންދިޔައިރު އަމިއްލަ މަސްލަހަރު ހިމެނޭ ކަމަކަށްވާތީ ކޮމިޓީން ދުރަށް ޖެހިވަޑައިގަންނަވަން ވާނެކަމަށެވެ.
އިންޑިއާގެ އިންތިހާބުތަކުގައި ވޯޓު ލުމާއި، އިންޑިއާ ކަންކަމުގައި ބަސް ބުނުމުގެ ފުރުސަތު ނުލިބުނު ނަމަވެސް އިންޑިއާގެ ރައްޔިތަކަށްލިބޭ ހުރިހާ ހިދުމަތްތަކެއް ޝަރީފަސް ލިބޭނެ ކަމަށް ތޯރިގު ވިދާޅުޗވިއެވެ.
"އިންޑިއާގެ ފިލްމުސްޓާރުންގެ ތެރެއިން ސަނީލިއޯން، ކެޓްރީނާ ކައިފް، އަދި އަކްޝޭ ކުމާރެކޭ، މަރަދޫ ދާއިރާގެ މެންބަރެކޭ، އިންޑިއާ އިން ލިބޭ ހުރިހާ ހައްގުތަކެއް ލިބިގެންދޭ،" ތޯރިގު ވިދާޅުވިއެވެ.
ތޯރިގުގެ ވާހަކާގައި، ގައުމީ ސަލާމަތާބެހޭ ކޮމިޓީގައި ޓްވީޓީގެ މަސައްކަތް ކުރިއަށްދިޔައިރު، ކޮމިޓީގެ އެހެން މެންބަރުންނަށް އެކަށީގެންވާ ފުރުސަތު ޝަރީފު ނުދެއްވާކަން ފާހަގަ ކުރެއްވިއެވެ.
މި ޓްވީޓިގެ ރިޕޯޓަށް މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްވެސް އެކަން ފާހަގަ ކުރެއްވިއެވެ.
ގާސިމް ވިދާޅުވީ، މި ޓްވީޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވަން ގައުމީ ސަލާމަތު ކޮމިޓީން ފާސްކޮށްފައި ވަނީވެސް ކޮމިޓީގައި ތިއްބެވި 13 މެންބަރުންގެ އަޣުލަބިއްޔަތުން ނޫން ކަމަށެވެ. ކޮމިޓީގައި 13 މެންބަރުން ތިއްބަވާއިރު، ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވަނީ، 5 މެންބަރުން ވޯޓު ދެއްވައިގެން ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ ރިޕޯޓްގެ މަސައްކަތް ކޮމިޓީގައި ޝަރީފް ކުރިއަށް ގެންދެވީ ވަރަށް ހުދުމުހުތާރުކޮށް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ތޯރިހު ވިދާޅުވީ ޝަރީފްގެ މައްސަލައަކީ ސަމާސާ މައްސަލައެއް ނޫން ކަމަށާއި އެއީ ހައްސާސީ މައްސަލައެއް ކަމުން އެ މައްސަލަ ބަލަންޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ