ޔައުގޫބުގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަަށްް ބަލައިގެންފި
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.ގާނޫނުއަސާސީ ބުނާ ގޮތުން މެމްބަރެއްގެ ގޮނޑި ހުސްވެފައިވާ ކަމާ މެދު ސުވާލު އުފެދިއްޖެ ނަމަ، ވަކި ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންނެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ. އޭނާ މިއަދު ވަނީ އެ މައްސަލަ އެ ކޯޓުން ބަލައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ.ޔައުގޫބު މެންބަރުކަމުން ވަކިވެފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ޕީޕީއެމްގެ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވާ ކުރީގެ ފިލްމީތަރި ޤާނޫނީ ވަކީލު އަސްޢަދު ޝަރީފެވެ.ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ރ. ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް މެމްބަރުން އަދާކޮށްގެން ނުވާނެ އެވެ.ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގައި މެމްބަރުކަން ގެއްލޭ ހާލަތްތަކުގެ ތެރޭގައި ހިމެނެނީ ދަރަނި ނުދެއްކުމާއި އެއް އަހަރަށް ވުރެ ދިގު ޖިނާއީ ހުކުމެއް އައުމާއި ފަނޑިޔާރަކަށް ވުމެވެ. ދައުލަތުގެ އެހެން މަގާމުތައް އަދާކުރުމަކީ މަނާ ކަމެއް ކަމަށް 73 ވަނަ މާއްދާގެ ރ. ގައި އޮތަސް، އެ ހާލަތުގައި މެމްބަރުކަން ގެއްލޭނެ ކަމެއް ނުވަތަ ނޫންކަން އެ މާއްދާއަކު ނެތެވެ.ޔައުގޫބް ވަނީ، އޭނާގެ މެމްބަރުކަމާ މެދު ސުވާލު އުފައްދަން ފެށުމުން އެ އިންސްޓިޓިއުޓުން އިސްތިއުފާ ދެއްވައިފަ އެވެ. ދިފާއުގައި މިހާތަނަށް ވިދާޅުވެފައި ވަނީ އެ މަގާމު ގަބޫލުކުރެއްވީ އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ގާނޫނީ ލަފާ ލިބިވަޑައިގަތުމުންނެވެ.ޔައުގޫބްގެ މެމްބަރުކަން ގެއްލިއްޖެ ކަމަށް ކުރާ ބަހުސްގައި ގާނޫނީ ބޭފުޅުންގެ ހިޔާލު ތަފާތެވެ. އެއް ބަޔަކު ދެކޭ ގޮތުގައި އޭނާގެ މެމްބަރުކަން ގެއްލިއްޖެ އެވެ. އަނެއް ބޭފުޅުން ވިދާޅުވަނީ ގާނޫނުއަސާސީ އޮޮތް ގޮތުން އެ ހާލަތުގައި މެމްބަރުކަން ގެއްލޭނެ ކަން ނުވަތަ ނޫންކަން މުޅިން ސާފު ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ