ގާސިމާއި ޔާމީން އަލުން ހައްޔަރުކުރުމަށް ޖިނާއީ ކޯޓުން އަމުރު ނުދިން ކަމަށް ސަރުކާރުން ބުނެފި

ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ ދާދިފަހުން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ އދ. މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި މ. މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން އަލުން ހައްޔަރުކުރުމަށް ފުލުހުން އިއްޔެ ޖިނާއީ ކޯޓަށް ހުށެހެޅުމުން އެ ކޯޓުން އެ އަމުރު ދީފައިނުވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސް އޮފީހުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހިއުމަން ރިސޯސަސް މިނިސްޓަރު ކަމަށް އައްޔަންކުރައްވާފައިވާ ހަސަން ލަތީފު ވިދާޅުވީ ފުލުހުން އިއްޔެ ހުށަހެޅި މައްސަލައާ ގުޅިގެން ޖިނާއީ ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ނެރުއްވި އަމުރުގައި މައިގަނޑު ގޮތެއްގައި ފާހަގަކުރައްވާފައި ވަނީ "ކުރީގަ ތުހުމަތުކުރެވިފައި ހުރި ކުށްތަކުގެ އަލީގައި ދެވަނަ ފަހަރަށް ފުލުހުންގެ ބެލުމުގެ ދަށަށް ގާސިމް އިބްެރާހީމާއި އަބްދުﷲ ޔާމީން ގެނެސް ބަންދުގައި ބެހެއްޓުމުގެ ޖާގަ އޮތް ކަމަށް ނުފެންނާތީ އެފަދަ ކޯޓު އޯޑަރެއް ]އަމުރެއް[ ނެރެވެން ނެތް" ކަމަށެވެ.
"އެހެން ނަމަވެސް ވަރަށް ސާފުކޮށް ފެންނަން އެބައޮތް ފުލުހުންގެ ތަހުގީގުކުރިން ހިންގާފައި ވަނީ ސަރުކާރު ވައްޓާލަން މަސައްކަތްކުރުމާއި ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި ބަންދުކުރަންކަން. އެހެންވީމަ އެއީ މުޅިން ތަފާތު އެހެން ދެ މައްސަލައެއްގައި ތަހުގީގަށް ކުރީ ފަހަރު ތަހުގީގުކުރަމުން ގޮސް އެކި މަރުހަލާތައް ކަޑައްތުކޮށް ސްޕްރީމް ކޯޓުން ނިންމެވުމެއް ނިންމަވާފައި އޮތީ،" އޭނާ ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ މިފަހަރު ކޯޓުން އަމުރު ނެރެފައި ވަނީ ފުލުހުން ކުރާ އެހެން ތަހުގީގެއްގެ މައްޗަށް ކަމަށެވެ. އަދި މި ފަހަރު އެ ދެ ބޭފުޅުން ހައްޔަރުކުރުމަށް ކޯޓު އަމުރަކަށް ފުލުހުން އެދިފައި ވަނީ ކޮރަޕްޝަނާއި މިނިވަން މުއައްސަސާއަކަށް ނުފޫޒު ފޯރުވަން މަސައްކަތްކުރުމުގެ ތުހުމަތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ މިއީ މުޅިން އެހެން ތުހުމަތެއް، މުޅިން އެހެން ކުށެއްގެ ތުހުމަތެއް. މި ކުށުގެ ތުހުމަތުގައި ބަންދުނުކުރެވޭނެ ކަމަށް ނޫނީ ފުލުހުންގެ ބަންދުގައި ނުބެހެއްޓޭނެ ކަމަށް ޖިނާއީ ކޯޓުން ނިންމާފައިވާ ނިންމުން އެއީ އެއްގޮތަކަށް ރަނގަޅު ނިންމުމެއް ކަމަށް ސަރުކާރަކަށް ގަބޫލެއް ނުކުރެވޭ،" ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުން މިހާރު މަސައްކަތްކުރަމުން ގެންދަނީ ޕްރޮސެކިއުޓާ ޖެނެރަލް މެދުވެރިކޮށް ހައިކޯޓަށް އެ މައްސަލަ ހުށަހަޅަން ކަމަށެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބިފަ އޮތްގޮތުން ވިއްޔާ މިއަދު އިރާދަކުރެއްވިއްޔާ މިއަދުގެ ވަގުތެއްގައި އެކަން ކުރިޔަށްދާނެ. ހައިކޯޓަށް އެ މައްސަލަ ހުށަހެޅޭވަރުވާނެ. އެ މަސައްކަތް މިހާރު ކުރައްވަމުން ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެގެންދަވަނީ،" ހަސަން ވިދާޅުވި އެވެ.
ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވީ އެފަދަ މައްސަލައެއް ރަސްމީކޮށް އެ އޮފީހަށް ހުށަހެޅި އަދި އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމަށް ނިންމި ކަމެއް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.
ހިއުމަން ރިސޯސަސް މިނިސްޓަރު ކަމަށް އައްޔަންކުރައްވާފައިވާ ހަސަން ވިދާޅުވީ "އަޅުގަނޑަށް ފާހަގަކުރެވޭ ގޮތުގައި މިއީ އެއްގޮތަކަށް ވެސް ގާނޫނީ ގޮތުން ކޯޓަށް ނޫނީވެއްޖިއްޔާ ދަށުގެ ކޯޓުގެ ފަނޑިޔާރަށް ލިބިފަ ހުރި ބާރުތަކުގެ ތެރެއިން ބޭނުންކުރެވިފަ އޮތް ބާރެއް ކަމަށް ފާހަގައެއް ނުކުރެވޭ" ކަމަށެވެ.
"މި އަމުރާ ގުޅޭ ގޮތުން ނެރުއްވާފައިވާ އޮތް ލިޔުމުގައި ވަރަށް ސާފުކޮށް ވިދާޅުވެފަ އެބައޮތް ދެވަނަ ފަހަރަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ ވާހަކައެއް. ދެވަނަ ފަހަރަށް މިގެންނަނީ އެއް ކުށެއްގެ ތުހުމަތުގައެއް ނޫން. އެގޮތަށް ގެންނަން ކަމަށްވަންޏާ ބާރަ ފަހަރު ވެސް ގެނެވިދާނެ. ބާރަ ކުށެއްގެ ތުހުމަތުގައި ވަކިވަކިން ބާރަ ފަހަރު،" އޭނާ ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ ކޮރަޕްޝަނާއި ރިޝްވަތާ ދެކޮޅަށް ސަރުކާރުން ތުހުމަތުކުރާ މައްސަލަތަކުގެ ތަހުގީގު ރޯދަ މަސް އައުމުގެ ކުރިން ނިންމާލެވޭތޯ މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.
ގާސިމާއި ޔާމިންގެ އިތުރު މައްސަލައެއް ތަހުގީގުކުރަނީ ސިޔާސީ ފަރާތްތަކަށް ބިރު ދައްކަން ވެގެންތޯ "ހަވީރު"ން ދެންނެވުމުން އޭނާ ވިދާޅުވީ މަގުސަދަކީ އެއީ ނޫން ކަމަށެވެ.
"ދެން ގާނޫނާ ގަވައިދާ ހިލާފަށް އަމަލުކުރައްވާ ބޭފުޅެއް އެއީ ސިޔާސީ ބޭފުޅެއް ވިޔަސް އަދި ސިޔާސީ ނޫން ބޭފުޅެއް ވިޔަސް ވެސް އެ ބޭފުޅުކާ ދޭތެރޭ ކުރަން ޖެހޭ ތަހުގީގެއް ކުރުމުގައި އެ ބޭފުޅަކު އެ ގަންނަ ބިރެއް ގަތުން އެއީ ގާނޫނުން [ކުރާ ކަމެއް] ދެން އެ ބޭފުޅަކަށް ލުޔެއްދެވޭނެ ކަމެއް ކަމަކަށް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ،" ހަސަން ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ގާސިމާއި ޔާމީން ފަދަ ބޭފުޅުންތަކަކާ ގުޅޭ ގޮތުން ފުލުހުންނަށް ހުށަހެޅިފައި ހުރި މައްސަލަތަކާ ގުޅިގެން ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށާއި ހޯދަން ޖެހޭ މައުލޫމާތު ހޯދުމަށް ޖިނާއީ ކޯޓުގެ އަމުރަކަށް އެދުމުން ކޯޓުން އެ އަމުރު ދީފައިނުވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އިތުރަށް އެ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް އޮތްތޯ ފުލުހުން މަސައްކަތްކުރަމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން ޖިނާއީ ކޯޓުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ