ދެ އަހަރުވީ އިރު ރާއްޖޭގެ ކޮންމެ ދިމާލަކުން ފެންނަނީ އުފާވެރި މަންޒަރުތަކެއް: ރައީސް މައުމޫން

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމަށް މިއަދު ދެއަހަރު ފުރުނު އިރު، ރާއްޖޭގެ ކޮންމެ ރޮނގަކުން ކޮންމެ ދިމާލަކަށް ބަލައިލި ކަމުގައި ވިޔަސް ފެނިގެން ދަނީ އުފާވެރި މަންޒަރުތަކެއް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. ރައީސް ޔާމީންގެ ވެރިކަމަށް ދެއަހަރު ފުރުމާ ގުޅިގެން ރައީސް މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރަކީ ޕީޕިއެމްއަށް ނިސްބަތްވާ ސަރުކާރަކަށް ވުން އެއީ ޕީޕީއެމްއަށާއި އެމަނިކުފާނަށް ލިބޭ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީން މީގެ ދެ އަހަރު ކުރިން ދިވެހި ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވީ ދިވެހި ރައްޔިތުންނަށް ޓަކައި ކަންތައްތަކެއް ކޮށްދެއްވާނެކަން ޔަގީންކޮށްދޭ މެނިފެސްޓޯއަކާ އެކުގައި ކަމަށާއި އެއީ ޕީޕީއެމްގެ ރިޔާސީ މެނިފެސްޓޯ ކަމަށެވެ. އެ މެނިފެސްޓޯގައި ހިމެނޭ ކަންކަން ތަންފީޒުކުރެއްވުމަށް ޓަކައި އެމަނިކުފާނު ރެއާއި ދުވާލު ކެނޑިނޭޅި ބުރަ މަސައްކަތްތަކެއް ކުރައްވާ ކަމަށާއި އެކަމަށް ޓަކައި ރައީސް ޔާމީނަށް ޕީޕީއެމްގެ އެންމެހާ މެންބަރުގެ ނަމުގައި ޝުކުރު އަދާކުރާކަމަށް އެމަނިކުފާނުގެ ބަޔާނުގައިވެ އެވެ. "ހާއްސަގޮތެއްގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފަސޭހަކަމާ އެކު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެއްވުމަށް އެމަނިކުފާނާއި، ސަރުޚާރުން ވަރަށް ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވާ ކާމިޔާބީ ހޯއްދަވާފައިވާކަން ފާހަގަކުރަމެވެ،" ރައީސް މައުމޫން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ. ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ރައީސް ޔާމީން ކުރައްވާ ހުރިހާ މަސައްކަތްތަކެއްގައި އެމަނިކުފާނުގެ ފުރިހަމަ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ދެއްވާކަމަށް ރައީސް މައުމޫންގެ ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ