އަމާޒަކީ ތިމާވެއްޓާއި ރައްޓެހި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުން: ޑރ. ހުސެއިން

އަމާޒު ހިފާފައިވަނީ ތިމާވެއްޓާއި ރައްޓެހި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފެއްދުމަށް ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ހުސެއިން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ 3 ވަނަ ބައިނަލްއަޤްވާމީ ރިނިއުވަބަލް އެނަރޖީ އިންވެސްޓާރސް މީޓް އެންޑް އެކްސްޕޯގައި ތަޤްރީރުކުރައްވަމުންނެވެ. މި މަހުގެ 26 އިން 28 އަށް ކުރިއަށް ގެންދިޔަ މި ވާރޗުއަލް އެކްސްޕޯގައި މިނިސްޓަރ ވާހަކަފުޅުދެއްކެވީ ރާއްޖެއަށް ޚާއްސަކޮށްފައިވާ ސެޝަން ފައްޓަވައިދެއްވުމުގެ ގޮތުންނެވެ.
މި ސެޝަން ގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އަމާޒު ހިފާފައިވަނީ ތިމާވެއްޓާއި ރައްޓެހި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފެއްދުމަށް ކަމަށެވެ. މި އަމާޒަށް ވާސިލުވުމަށް ރާއްޖެ ކުރަމުންދާ މަސައްކަތްތަކަށް އަޅިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. ހުސެއިން ވިދާޅުވީ އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ސަރުކާރުން ތައްޔާރުކުރަންޖެހޭ ޤަވާއިދުތަކާއި ސްޓްރެޓެޖިކް އެކްޝަން ޕްލޭންތައް ތައްޔާރުކުރެވިފައިވާ ކަމަށެވެ.
އެގޮތުން މި ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭން (ސެޕް) ގައި ހަކަތައިގެ ދާއިރާއިން ހާސިލްކުރަން ޖެހޭ މުޙިންމު ޓާގެޓްތަކެއް ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި ނެޓް މީޓަރިންގެ ޤަވާއިދަށް ގެނެވުނު އިސްލާހާއި ހަކަތަ އަދި ޔޫޓިލިޓި ރެގިއުލޭޓްރީ އޮތޯރިޓީގެ ބިލް މަޖިލީހުންވަނީ ފާސްކޮށްފައެވެ. އޭގެ އިތުރުން ރާއްޖޭގެ ހަކަތައިގެ ދާއިރާއާއި ގުޅޭ މަގުޗާޓު އެކުލަވައިލުމުގެ މަސައްކަތް ނިމުމާއި ކައިރިވެފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ސަރުކާރުން ކުރިއަށްގެންދާ މުހިއްމު މަޝްރޫޢުތަކަށް އަލިއަޅުވައިލައްވާ ވާހަކަފުޅުދައްކަވަމުން ޑރ. ހުސެއިން ވިދާޅުވީ މި މަހުގެ 24 ވަނަ ދުވަހު، ހުޅުލެ – ހުޅުމާލެ ގުޅޭ ލިންކް ރޯޑުގައި 5 މެގަވޮޓްގެ ސޯލަރ ޕީވީގެ ނިޒާމު ޤާއިމުކުރުމަށް ބޭރުގެ ކުންފުންޏަކާއި ހަވާލުކޮށްފައިވާ ކަމަށާއި މި ޕްރޮޖެކްޓަށް މީގެ ކުރިން ލިބިފައިވާ ޓެރިފް ރޭޓާއި އަޅާބަލާއިރު ހެޔޮ އަގެއް ލިބިފައިވާކަން މިނިސްޓަރ ވިދާޅުވިއެވެ. ސޯލަރ ޕީވީން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ގަންނަ އަގު 25 ޔޫއެސް ސެންޓުން 10.09 ސެންޓަށް ވަނީ 5 މެގަވޮޓް ސޯލަރ ޕްރޮޖެކްޓާއި އާއި އެކު ތިރިވެފައެވެ. އަދި އޭގެ އިތުރުން މިހާރު އިއުލާނުކޮށް ޕްރީ ކޮލިފިކޭޝަން މަރުހަލާގައި އޮތް 21 މެގަވޮޓްގެ ސޯލަރ ޕީވީގެ މަޝްރޫޢަށް މިހާރު ލިބިފައިވާ ޓެރިފް ރޭޓަށްވުރެ އަގުހެޔޮ ރޭޓެއް ލިބުމަކީ އުއްމީދެއް ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި ސެޝަންގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ މިނިސްޓަރ އޮފް ނިއު އެންޑް ރިނިއުވަބަލް އެނަރޖީ އާރް. ކޭ ސިންގް ވިދާޅުވީ ދިވެހިރާއްޖެއިން އިއާދަކުރަނިވި ހަކަތަ ޕްރޮމޯޓްކުރުމަށް ކުރާ މަސައްކަތުގައި އިންޑިއާ ސަރުކާރުގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެކަމަށެވެ. ރިނިއުވަބަލް އެނަރޖީ އިންވެސްޓާރސް މީޓް އެންޑް އެކްސްޕޯގައި ދިވެހިރާއްޖޭގެ ވާރޗުއަލް ސްޓޯލެއްވެސް ވަނީ ޤާއިމްކޮށްފައެވެ. މި ސްޓޯލް އިން ރާއްޖެއިން މިހާރު އިއާއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ކުރިއަށްގެންދާ މުޙިއްމު މަޝްރޫޢުތަކުގެ މައުލޫމާތުތައް ލިބެންހުންނާނެއެވެ.
މި ސެޝަންގައި މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަންގެ އިތުރުން އިންޑީއާގެ މިނިސްޓަރ އޮފް ނިއު އެންޑް ރިނިއުވަބަލް އެނަރޖީ ރާޖް ކުމާރު ސިންގް، ވޯލްޑް ބެންކްގެ ރީޖަނަލް ޑިރެކްޓަރ ގްއާންޒޭ ޗެން، ވޯލްޑް ބޭންކްގެ ދިވެހިރާއްޖެ، ސްރީލަންކާ އަދި ނޭޕާލްގެ ކަންޓްރީ ޑިރެކްޓަރ ފާރިސް ހަދީދް ޒެރްވޯސްގެ، ރާއްޖޭގެ އެންވަޔަރަންމަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޖްވަދު މުސްތަފާގެ އިތުރުން ވޯލްޑްބޭންކާއި އިންޓަނޭޝަނަލް ސޯލާރ އެލަޔަންސް އަދި އިންޓަނޭޝަނަލް ރިނިއުބަލް އެނަރޖީ އޭޖެންސީ (އައިރީނާ) ގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ