ޝަހީދު އީރާނަށް ވަޑައިގަތުމުގެ ހުއްދަ މިފަހަރު ވެސް ނުދިން
އީރާންގެ އިންސާނީ ހައްގުތަކުގެ މައްސަލަ ބެލުމަށް އދ. އިން ކަނޑައަޅާފައިވާ ހާއްސަ މަންދޫބު، ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ޝަހީދު އީރާނަށް ވަޑައިގަތުމަށް އަލުން ހުށަހަޅުއްވާފައިވާ ކަމަށާއި އެކަމަކު އެ ހުއްދަ ދެވެން ނެތް ކަމަށް އީރާނުން މިއަދު ބުނެފި އެވެ. އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއަދު ވިދާޅުވީ ޝަހީދަކީ އިންސާފުވެރި، ވަކި އަތަކަށް ނުޖެހޭ ބޭފުޅެއް ކަމަށް އީރާނުން ގަބޫލު ނުކުރާ ކަމަށެވެ. ތަރުޖަމާނު ވިދާޅުވީ އީރާނަށް ވަޑައިގަތުމުގެ ހުއްދަ އަށް އެދި ދެ ސިޓީއެއް ލިބިފައިވާ ކަމަށާއި އެކަމަކު އީރާންގެ އިންސާނީ ހައްގުތަކާ ބެހޭ ގޮތުން "ހަގީގަތާ ހިލާފު ރިޕޯޓްތައް ނެރުއްވުން" ޝަހީދު ހުއްޓަވާނުލައްވާހާ ހިނދަކު ހުއްދަ ދެވެން ނެތް ކަމަށެވެ. އީރާންގެ އިންސާނީ ހައްގުތަކުގެ މައްސަލަތައް ބެލުމަށް 2011 ވަނަ އަހަރު ޝަހީދު އައްޔަންކުރި ފަހުން ޝަހީދު ވަނީ މައުލޫމާތު ހޯދުމަށް އެކި ފަހަރުމަތިން އީރާން ސަރުކާރަށް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އީރާން ސަރުކާރުން މައުލޫމާތު ދީފައި ވަނީ މަދު ފަހަރަކު އެވެ. ނަމަވެސް ޝަހީދު އީރާނާ ބެހޭ ގޮތުން މައުލޫމާތު އެއްކުރައްވަނީ އިދިކޮޅު ފަރާތްތަކާއި އަމިއްލަ ޖަމާއަތްތަކުންނެވެ. އީރާންގައި އިންސާނީ ހައްގުތަކުގެ މައްސަލަ ބޮޑު ކަމަށް ޝަހީދުގެ ރިޕޯޓްތަކުގައި ވިދާޅުވެފައި ވާއިރު އީރާނުން އެ ރިޕޯޓްތަކަށް އިންކާރު ކުރެ އެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ