ގާސިމްއަށް ގައުމީ ބަތަލުގެ ލަގަބު ދެއްވުމަށް އެދެން: ރައީސް މައުމޫން

ޤައުމީ ބަޠަލުގެ ލަޤަބު އޮނަރަބަލް ޤާސިމް އިބުރާހިމަށް އެރުވުމަށް އައު ރައީސުލްޖުމުހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމުގެ ކިބައިން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޛު މައުމޫން އަބުދުލް ޤައްޔޫމު އެދިވަޑައިގެންފި އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބު ޕީޕީއެމްއަށް ކާމިޔާބު ކުރެވުމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ތަޢާރަފްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމް އަށް މިއިންތިޚާބު ކާމިޔާބު ކުރެވިގެންދިޔައީ އޮނަރަބަލް ޤާސިމް އިބުރާހީމް ޕީޕީއެމްއަށް ތާއީދުކުރައްވައި ގުޅިވަޑައިގަތުމުން ކަމަށެވެ.
ރައީސް މައުމޫނު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ނިމުމާއި ގުޅިގެން އެމަނިކުފާނު ޤާސިމް އިބުރާހިމްއާއި ބައްދަލުކުރެއްވިކަމަށެވެ.
އަދި ޤާސިމް އެވަނީ އެމަނިކުފާނަކީ ޤައުމަށް ހެޔޮ އެދިވަޑައިގަންނަވާ އަދި ޤައުމަށް ވަފާތެރި ބޭފުޅެއްކަން ދައްކަވާފައިކަމުގައިވެސް ރައީސްމައުމޫން ވިދާޅުވި އެވެ.
އަދި އެކަން ޤާސިމް އިބްރާހިމް ޤަބޫލުކުރައްވައި ވެދެއްވި އެހީތެރި ކަމަށްޓަކައި ޝުކުރު އަދާކުރެއްވި އެވެ.
ރައީސް މައުމޫން ވިދާޅުވީ، ޕީޕީއެމްއަށް ލިބުނު މިކާމިޔާބަކީ ހަޤީޤަތުގައި އިސްލާމްދީނަށް ލިބުނު ނަސްރަކާއި ފަތަޙައެއް ކަމަށެވެ. އަދި ޕީޕީއެމްއިން ނުކުތީ މިރާއްޖޭގައި އިސްލާމްދީން ދަމަހައްޓައި މިނިވަންކަމާއި އިސްތިޤުލާލު ދެމެހެއްޓުމަށްޓަކައި ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް މައުމޫންވަނީ ޕީޕީއެމްއާއި ގުޅިގެން މިއިންތިޚާބުގައި މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންގެ މަސައްކަތްތައް ވަކިވަކިން ފާހަގަކުރައްވައި އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.
އެމަނިކުފާނު ވިދާޅުވީ ޕީޕީއެމްގެ ސަރުކާރަކީ ބަދަލު ހިފުމުގެ ރޫހެއްގައި އުފަންވާ ސަރުކާރަކަށް ނުވާނެކަމުގެ ޔަޤީންނަށް ދިވެހިރައްޔިތުންނަށް އަރުވާކަމަށާއި މިސަރުކާރުން އެންމެން ގުޅިގެން ޤައުމު ތަރައްޤީ ކުރުމަށް މަސައްކަތްކުރާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ