އިއްޔެ ކަނޑުމަތީގައި ހިނގި ހިތާމަވެރި ހާދިސާގައި ނިޔާވި މަރިޔަމް ނާހިދާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އާއި ރައީސް މައުމޫން ތައުޒިޔާ ވިދާޅުވެއްޖެއެވެ.
12 މީހުންނާއި 2 ކުޑަކުދިންނާއެކު މާލެއިން ފުރައިގެން ވ. އަތޮޅަށް ދަތުރުކުރި ލޯންޗަށް ރާޅު އަރާފައިވަނީ އޮޅުވެލި ރިސޯޓް ކައިރިންނެވެ.
އަދި ރާޅު އެރުމާއި ގުޅިގެން 3 މީހަކު މޫދަށް ވެއްޓުނުކަމަށް ފުލުހުން ވިދާޅުވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނަކާއި އޭނާގެ 2 ކުދިންކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
މޫދަށް ވެއްޓުނު 3 މީހުންގެ ތެރެއިން އަންހެން މީހާ ނިޔާވެފައިވާއިރު، އޭނާގެ 4 އަހަރުގެ ކުއްޖަކު ވަނީ ގެއްލިފައެވެ. ކުއްޖާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓް ގާޑުން މިހާރުވެސް އަންނަނީ ކުރަމުންނެވެ.
މިހާދިސާގައި ނިޔާވި ނާހިދާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެޚަބަރު އަޑުއެހީ ނުހަނު ފުން ހިތާމާގައިކަމަށެވެ. އަދި މަރުހޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި އެމަނިކުފާނު ވަނީ ދުޢާ ކުރައްވަފާއެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓުގައި ވަނީ ކަނޑުމަތީގެ ހާދިސާގައި ނިޔާވި ނާހިދާގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކޮށްދެއްވުމަށް އެދި ދުއާ ކުރައްވާފައެވެ. އަދި ކުޑަކުއްޖާ ހެޔޮ ސިއްހަތުގައި ހުއްޓާ ފެނުމުގެ ނަސީބު މިންވަރު ކުރެއްވުމަށް އެދި ދުއާ ކުރައްވާފައެވެ.
މިހާދިސާގައި ގެއްލުނު ކުއްޖާ ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑުން ހަރަކާތްތެރި ވަމުން ދާކަމަށް އެމްއެންޑީއެފްއެފުން ބުނެއެވެ.
އެގޮތުން އެމްއެންޑީއެފުން ބުނީ އިއްޔެ މާލެއިން ވ.އަތޮޅަށް ދަތުރުކުރި ލޯންޗަކުން 4 އަހަރުގެ ފިރިހެން ކުއްޖަކު ކަނޑަށް ވެއްޓި ގެއްލުމާއި ގުޅިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑާއި އާއިލާ ފަރާތުން ދަނީ ކުރަމުންކަމަށެވެ.
މިހާދިސާ ހިނގާފައިވަނީ ޅ. އޮޅުވެލި ރިސޯޓުގެ އިރު ދެކުނުން އެއް ނޯޓިކަލް މޭލުން ކަމަށް ލަފާ ކުރެވޭ ކަމަށާއި އެކުއްޖާ ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓެއް ކަމަށް ކޯސްޓްގާޑުން މައުލޫމާތުދެއެވެ.
މިހާދިސާގެ މަޢުލުމާތު ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އިއްޔެ ހަވީރު 17:10ގައި ކަމަށެވެ.
އަދި ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ އެސަރަހައްދުގައި ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދިޔަ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އެކުއްޖާއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި އެހިސާބުގެ ރަށް ތަކުން ބަލައިދިނުމަކީ ކޯސްޓްގާޑްގެ ވަރަށް ބޮޑު އެދުމެއްކަމަށެވެ.
އަދި އެކުއްޖާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުމަށާއި، ފެކްސް ކުރާނަމަ 3391665 ނަމްބަރަށް ފެކްސް ކުރުމަށްވެސް އެމްއެންޑީއެފުން އެދެއެވެ.
ނާހިދާގެ އާއިލާއަށް ރައީސް ސާލިހް އަދި ރައީސް މައުމޫން ތައުޒިޔާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ