ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެވެރިޔާ އަދި ކުރީގެ މިނިސްޓަރު އުމަރު ޒާހިރު، ކޮވިޑަށް ޕޮޒިޓިވް ވެ ހާލުކޮޅު ސީރިއަސްވެ ފަރުވާ ދޭން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އުމަރު ޒާހިރު ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ މީގެ ހަތަރު ދުވަސް ކުރިންނެވެ. އޭގެކުރިން އެމަނިކުފާނު ވަނީ އަމިއްލަ ހަރަދުގައި ފުވައްމުލަކުގައި އެޅުއްވި މިސްކިތް ހުޅުވުމަށް އެ ރަށަށް ދަތުރު ކުރައްވާފައެވެ. އެ ދަތުރަށް ފަހު އުމަރު ޒާހިރު އާލާސްކަންފުޅާ އުޅުއްވިއެވެ. އަދި އިތުރަށް ހާލުކޮޅު ގޯސްވުމުން މިހާރު އުމަރު ޒާހިރަށް ދަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ކަމަށް މައުލޫމާތު ލިބެއެވެ.
1950 ވަނަ އަހަރުގެ ތެރެއިން ފެށިގެން ގައުމީ ހިދުމަތް ކޮށް ދެއްވުމުގައި އުމަރު ޒާހިރު މެދުކެނޑުމެއް ނެތި ވަނީ މަސައްކަތް ކުރައްވާފައެވެ. އެގޮތުން އައްޑޫ ގަމުގައި ހުންނަވާ ދިވެހި ސަރުކާރުގެ ލޭޒަން އޮފިސަރުކަމާއި ދާހިލިއްޔާގެ އެކިއެކި ވަޒީފާތަކާއި މަޖީދިއްޔާގެ ހެޑް މާސްޓަރު ކަމާއި ރޭޑިއޯ މޯލްޑިވްސްގެ ވެރިޔާގެ މަގާމުގައި ވެސް އުމަރު ޒާހިރު ވަނީ މަސައްކަތް ކުރައްވާފައެވެ. މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ނާއިބު ކަމާއި ހޯމް މިނިސްޓްރީގެ ނާއިބު ކަމުގެ މަގާމުގައި ވެސް އުމަރު ވަނީ މަސައްކަތް ކުރައްވާފައެވެ.
އުމަރު ޒާހިރަކީ ރައީސް މައުމޫންގެ ވެރިކަމުގައި އެންމެ ހިދުމަތްތެރި އެއް ވަޒީރެވެ. އެމަނިކުފާނު ވަނީ 1983 ވަނަ އަހަރުން 1988 ވަނަ އަހަރާ ހަމަޔަށް ހޯމް މިނިސްޓަރު ކަމުގެ މަގާމު ފުރުއްވާފައެވެ. އެއަށްފަހު 1993 ވަނަ އަހަރާ ހަމައަށް އުމަރު ޒާހިރު ވަނީ މިނިސްޓާ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސްގެ މަގާމު ފުރުއްވާފައެވެ.
1950 އިން ފެށިގެން ގައުމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، އުމަރު ޒާހިރު ކޮށްދެއްވި ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ވަނީ ނިޝާން އިއްޒުއްދީނުގެ ޝަރަފު އަރުވާފައެވެ.
އުމަރު ޒާހިރަށް ކޮވިޑް ޖެހިގެން ފަރުވާ ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ