އަލުން ނިޒާމީ ވޯޓަކަށް ދާކަށް އެއްވެސް އިރަކު އެއްބަހެއް ނުވަން: ރައީސް މައުމޫން

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމުގެ ވޯޓަކަށް އަލުން ދާން އެއްވެސް އިރެއްގައި މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން އެއްބަސްވެފައި ނުވާނެކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެެވެ. 
މައުމޫން މިފަދައިން ވިދާޅުވެފައި މިވަނީ، ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމުގެ ވޯޓަކަށް ދާން އެމްއާރްއެމްއިން ވެސް ޤަބޫލު ވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެފައިވަނިކޮށެވެ. 
މިކަމާއި ގުޅިގެން ރައީސް މައުމޫން ދެންމެ ކުރެއްވި ޓްވީޓެެއްގައި ވިދާޅުވީ، ކޮންމެ ބޭފުޅަކު ކޮންމެ އެއްޗެއް ވިދާޅުވިޔަކަސް އަލުން ނިޒާމީ ވޯޓަކަށް ދާކަށް އެއްވެސް އިރެއްގައި އެމްއާރްއެމް އިން އެއްބަސް ވެފައި ނުވާނެ ކަމަށެވެ. 
އެމަނިކުފާނުގެ ޓްވީޓުގައި މި ވާހަކަފުޅުގެ އިތުރު ތަފުސީލެއް ހިމަނުއްވާފައެއް ނުވެއެވެ. 
ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ނޫސްވެރިންނާއި ބައްދަލު ނުކުރައްވާ ހުންނެވުމަށްފަހު، އިނގިރޭސި ވިލާތުގައި ހުންނަވާ މިއަދުވަނީ އޮންލައިންކޮށް ނޫސްވެރިންނާއި ބައްދަލު ކުރައްވާފައެވެ. 
މި ބައްދަލުވުމުގައި، ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ވެރިކަން ކުރުމުގެ ނިޒާމު ކަނޑައަޅަން އަނެއްކާ ވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއާއި އެމްއާރުއެމް އިން އެއްބަސްވެފައިވާ ކަމަށެވެ. 
އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރިޔާސީ ރޭހަށް ނުކުންނެވި މެނިފެސްޓޯއަކީ ކޯލިޝަންގެ ޕާޓީތަކުން އެދުނު ގޮތަށް އެއްބަސްވި މެނިފެސްޓޯއެއް ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، އެފަދަ ވޯޓަކަށްދާން އެއްބަސްނުވީ ޖުމްހޫރީ ޕާޓީ އެކަނި ކަމަށް ނަޝީދު މިއަދުވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ