އެފްއޭ ކަޕް: ފައިނަލުގެ ފުރަތަމަ ޖާގަ ވީބީ އަށް

އެފްއޭ ކަޕުގެ ސެމީ ފައިނަލުގައި ޝަމްވީލް ގާސިމް (ބޮންޑާ) ކާމިޔާބު ކޮށްދިން ދެ ލަނޑާ އެކު ވީބީ ސްޕޯޓްސް ކުލަބު މުބާރަތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ. ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅެ ރޭގެ މެޗް ވީބީ މޮޅުވީ 2-1 ލަނޑުން ނެވެ.
މެޗު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ވީބީ އިން ނިއުގެ ގޯލަށް ނުރައްކާ ކުރަމުން ދިޔަ އެވެ. އެގޮތުން މެޗުގެ ދެވަނަ މިނެޓުގައި ވީބީގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ފޮނުވާލި ހިލޭ ޖެހުން ފާހަގަކުރެ އެވެ. ދަގަނޑޭ ފޮނުވާލި މި ހިލޭ ޖެހުން އަމާޒުވީ ގޯލުގެ ހުރަސް ދަނޑި އަށެވެ.
މެޗުގެ 18 ވަނަ މިނެޓުގައި ނިއުއަށް ގޯލު ޖަހާނެ ފުރުސަތެއް ލިބިފައިވެ އެވެ. އިބްރާހިމް ޝިޔާމް (ދޮނާ) ފޮނުވާލު ހަމަލާ އަމާޒުވެފައި ވަނީ ގޯލުގެ ދަނޑި އަށެވެ. މިމެޗުގައި ދަގަނޑޭގެ ފަރާތުން ފެނިގެންދިޔައީ ގޯލު ޖެހުމުގެ ލިސްޓުގެ އެއް ވަނަ އަށް އެނބުރި އެރުމަށް ކުރަމުން ދިޔަ މަސައްކަތެވެ. އެގޮތުން މެޗުގެ 23 ވަނަ މިނެޓާއި 24 ވަނަ މިނެޓުގައި ދަގަނޑޭ އުފެއްދި ހަމަލާތައް ފާހަގަކޮށް ލެވެ އެވެ.
މެޗުގެ 34 ވަނަ މިނެޓުގައި އާދަމް ފަޒީހް (ފަދިއްކޮ)ގެ ހިތްގައިމު ހުރަހުން ވީބީގެ ގޯލު ހުޅުވާލަދިނީ ބޮންޑާ އެވެ. އޭގެ ހަތަރު މިނެޓް ފަހުން ނިއު އަށް ނަތީޖާ ހަމަހަމަ ކުރަން ފުރުސަތެއް ލިބުނެވެ. ނިއުގެ ކެޕްޓަން އަހްމަދު ތޯރިގް (ޓޮމް) ފޮނުވާލި ހަމަލާ އަމާޒުވީ ވީބީގެ ކީޕަރު އިމްރާން މުހައްމަދު ގެ އަތަށެވެ.
މެޗުގެ 44 ވަނަ މިނެޓުގައި ބޮންޑާ ވަނީ ވީބީ އަށް ދެ ވަނަ ލަނޑެއް ކާމިޔާބު ކޮށްދީ ލީޑު ފުޅާ ކޮށްދީފަ އެވެ. ނިއުގެ ތިން ޑިފެންޑަރުން ކަޓުވާލުމަށް ފަހު ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ބޯޅަ ކީޕަރު ޒިޔަޒަން ދިފާއުކުރި ނަމަވެސް، ދެވަނަ ފަހަރު ނުކުތް ބޯޅަ ދަގަނޑޭ އަށް ލިބުމުން ބޮންޑާ އަށް ދިނުމުން ފަސޭ ހަމަކާއެކު ގޯލުގެ ތެރެއަށް ވައްދާލި އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުން ވީބީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ލަނޑެއް ކާމިޔާބު ކުރެވޭތޯ ނިއުއިން މަސައްކަތްތަކެއް ކުރި ނަމަވެސް، ދެވަނަ ހާފުގެ 25 މިނެޓުގެ ކުޅުން ހަމަވި އިރު ވީބީގެ ގޯލަށް، ނިއުއިން މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާލެފިއެއް ނުވެ އެވެ. މެޗުގެ 76 ވަނަ މިނެޓުގައި ޓޮމް ކާމިޔާބު ކޮށްދިން ލަނޑާ އެކު ނިއުއަށް އިތުރު ހިތްވަރެއް ލިބުނެވެ. ނަމަވެސް މެޗު ނިމިގެންދިޔައީ 2-1 ލަނޑުން ވީބީ އަށް ކާމިޔާބީ ލިބިގެންނެވެ.
އެފްއޭ ކަޕުގެ ފުރަތަމަ ޖާގަ ވީބީ އަށް ލިބުނު އިރު، ދެވަނަ ޖާގަ ކަށަވަރު ވާނީ ވިކްޓަރީ ސްޕޯޓްސް ކުލަބާއި މާޒިޔާ މިރޭ ބައްދަލުކުރާ މެޗަށް ފަހު އެވެ. މިމެޗު ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 9:00 ގައި ގަލޮޅު ރަސްމީ ބޯޅަ ދަނޑުގަ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ވީބީގެ ކޯޗު ޖޭން ވަންލީ ބުނީ، ހުރިހާ މެޗެއްގައި ވެސް ތަފާތަކީ ދަގަނޑޭ ކަމަށެވެ. "ތަފާތަކީ އަޝްފާގް. ހުރިހާ މެޗެއްގައި ވެސް ތަފާތަކީ އަޝްފާގް. އޭނާ ވަނީ ފިޓްނަސް ރަނގަޅު ކޮށް މެޗުގެ ފުރިހަމަ 90 މިނެޓް ވެސް ފުރިހަމަ ކޮށްފައި. ފައިނަލު މެޗުގައި ވެސް އޭނާގެ އެކުޅުން ކުޅޭނެ ކަމާ މެދު ޝައްކެއް ނުކުރަން."
"ބަލިވެގެން މިދިޔަ ދެމެޗެއްގައި ހެދުނު ގޯސްތައް މިރޭގެ މެޗުގައި އަހަރެމެންނަށް ރަނގަޅު ކުރެވުނު. މިރޭގެ މެޗުގައި ޓީމުގެ މިޑްފީލްޑަރުން ވަރަށް ވަރުގަދަ. އެކަމަށް ކުޅުންތެރިންނަށް މަރުހަބާ ކިޔަން. ފައިނަލަށް މާޒިޔާ ދަތުރު ކުރިޔަސް ނޫނީ ވިކްޓަރީ ދަތުރު ކުރިޔަސް އެމީހުންނާއި ދެކޮޅަށް ނުކުންނަން މިހިރީ ތައްޔާރަށް." ރޭގެ މެޗަށް ފަހު ވީބީގެ ކޯޗު ވަންލީ ބުންޏެވެ. އެފްއޭ ކަޕުގެ ފައިނަލު ވެގެންދާނީ ކޯޗު ވަންލީގެ ފުރަތަމަ އެފްއޭ ކަޕް ފައިނަލަށެވެ.
މިމެޗުން ނުކުތް ނަތީޖާއަކީ އެގާރަ ދުވަސް ތެރޭ ހަތަރު މެޗު ކުޅެން ޖެހުމުން ނުކުތް ނަތީޖާ އެއްކަމަށް ނިއުގެ ކޯޗު މުހައްމަދު ޝިޔާޒު މޯހަން ބުންޏެވެ.
"އެގާރަ ދުވަސް ތެރޭ އަޅުގަނޑުމެންނަށް ހަތަރު މެޗު ކުޅެން މިޖެހުނީ. ފުރަތަމަ ދެމެޗުގައި ވަރުގަދަ ކުޅުމެއް ދެއްކުން ކަމަށް ވިޔަސް ފަހު ދެމެޗުގައި ކުޅުންތެރިންނަށް ވަރުބަލި ކަން އިހްސާސްކުރެވިފައިވޭ. ކުޅެވުނު އެންމެ ރަނގަޅު ކުޅުމެއް ކުޅުންތެރިން ދެއްކި. އެކުޅުންތެރިން ދެއްކި ކުޅުމާއި މެދު އަޅުގަނޑު ފަހުރުވެރިވަން. ގިނަ ކުޅުންތެރިންތަކެއް ކުޅުނީ އަނިޔާގައި ހުރެ. އެކުޅުންތެރިން ކުޅެން އެރުވީ އެމީހުންގެ އެދުމުގެ މަތިން." މޯހަން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ